Saturday, December 29, 2007

ސިޔާސަތާ ބެހުން

ސިޔާސަތަކީ އަހަރެމެން ވަރަށް ބިރުގަންނަ އެއްޗެކެވެ. ހާއްސަކޮށް ސިޔާސަތާ ބެހުމަކީ އަދި މާ ބިރުހުރި ކަމެކެވެ. ސިޔާސަތާ ބެހިގެން ވަރަށް ދެރަ ގޮތްތައް އެކި މީސްމީހުންނަށް ވެފައި ހުރިކަމުގައިވެއެވެ. އަދި ބައެއްމީހުންނަށް ސިޔާސަތާ ބެހިގެން ވަރަށް ރަނގަޅުގޮތްތައްވެސް ވެފައި އެބަހުއްޓެވެ. ސިޔާސަތާ ބެހިގެން ރަނގަޅުގޮތްތައް ވާންފެއްޓީ ދާދި ފަހަކުންނެވެ
ސިޔާސަތާ ބެހިގެން ލިބިގައިވާ ގެއްލުންތަކުގެ ތެރޭގައި އާއިލާއާއި އެކަހެރިކޮށް ދުވަސްކޮޅަކު ފްރީ އެކަމަޑޭޝަން ލިބިގެން އެކަހެރި ވަގުތުކޮޅެއް ހޭދަކޮށް ލަން ލިބުން ހިމެނެއެވެ. އަދި ކެއިންބުމާއި ފޯނުބިލާ ކަރަންޓު ބިލަށް ކުރަންޖެހޭ ހޭދަނުކޮށް ބައެއްފަހަރު ފަރުޖެއްސެއެވެ. ބައެއްފަރާތްތަކުން ސިފަކުރަނީ އެއީ ދެރަކަމެއްގެ ގޮތުގައެވެ.
މި ފަހަކަށް އައިސް ސިޔާސަތާ ބެހޭ މީހުންނަށް ގިނަ ޢިނާޔަތްތަކެއް ލިބިފައި ވެއެވެ. އޭގެ ތެރޭގައި އަތްގުޅި ނުކާ ވަރުގެ ބޮޑެތި ވަޒީފާ ލިބުމާއި މާލީގޮތުން ލިބިފައިވާ މަންފާތައްވެސް ހިމެނެއެވެ. މިއިނާޔަތްތައް ލިބިގަތުމަށް އެންމެ ރަނގަޅީ މީހުންގިނަ އިންއެއްވާ ޖަލްސާތަކުގައި މީހުންގެ އަބުރާބެހި ދުލައްއައިހާ އެއްޗެއް ގޮވުމެވެ. މިފަދަ ފަރާތްތަކަށް ވަރަށް ގިނަ ފަހަރު ކޮޅުބަދަލުކުރަން ޖެހެއެވެ. އިނާޔަތްތައް ލިބެނީ ކޮޅުބަދަލުކުރުމުގެ އަގެއްގެ ގޮތުންނެވެ. ދީނީގޮތުން ކޮޅުބަދަލުކުރުމުގެ ހުކުމެއް އަޅުގަނޑަށް ނޭނގެއެވެ. ނަމަވެސް ދުނިޔަވީގޮތުން ކޮޅުބަދަލަކުރުމަކީ މީހުންގެ ނަފްރަތު ރައްދުވާ ކަމެކެވެ. މިފަދަ މީހުން އެމީހަކު ހުރި ކޮޅަކީ އަބަދުވެސް އެންމެ ރަނގަޅު ކޮޅުކަން ސާބިތު ކޮށް ދެއެވެ. އެމީހުންނަކީ ވަރަށް ހުނަރުވެރި ބަޔަކީތާއެވެ. މާބޮޑު ތައުލީމެއްނެތަސް މީހުންގެ ސިކުނޑިތަކާ ކުޅެލެވޭ ވަރަށް ވާހަކަ ދެއްކުމަކީ އެފަދަ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ފަހަކުން ރާއްޖެއަށް އައިސްފައިވާ އެންމެ ބޮޑު އިސްލާހީ ބަދަލެއްކަމަށް މަށަށް ފެންނަނީ ކޮންމެ މީހަކީ ވެސް ސިޔާސަތާ ބެހެން ޖެހިލުންނުވާ މީހަކަށް ވުމެވެ. އަދި ބެހިގެން މާބޮޑު ގެއްލުމެއްވެސް މިހާރަކު ނުލިބެއެވެ. ރަނގަޅަށް ބެހެން އެނގިއްޖެނަމަ އެކަމުން މަންފާކުރެއެވެ. އަހަރެމެން ދަންނަ ޕޮލިސީއާއި ޕޮލިސީ ރޭވުމާ ދިވެހިން މިކިޔާ ސިޔާސަތާ ބެހުމާ މީމުޅިން ދެކަމެކެވެ. ސިޔާސަތާ ބެހޭކަށް ކޮންމެ ހެން ކަންކުރަންވީ ގޮތްކިޔާދީ ނުވެހުންނަ ކަންކަމަށް ފާޑު ކިޔާ، ކަންކަން އިސްލާޙްކުރަން މަސައްކަތް ކުރާކަށް ނުޖެހެއެވެ. ޖެހެނީ މީހުންގެ އަބުރާބެހި ހުތުރުބަހުން ވާހަކަ ދައްކާށެވެ. ސަރުކާރާއި އަދި ސަރުކާރު ނޫން ފަރާތްތަކުގެ ވެސް ހާލުހުރީ މިގޮތަށެވެ. ސިޔާސަތަކީ ކޮންއެއްޗެއްކަން މިހާރު އޮޅިއްޖެއެވެ. އަޅެ ތީގެ ތެރެއިން ސިޔާސަތު އެނގޭ މީހުން ބުނެދީބަލާށެވެ

No comments: