Saturday, August 16, 2008

ރައްޔިތުންގެ ހިދުމަތުގައި އަތުކުރި އޮޅާލާފައި.

އަހަރެން ވެރިކަމަށް މިކުރިމަތިލަނީ ހަމަ ރައްޔިތުންގެ ޙައްޤުގައެވެ. އަހަރެންނަށް ދިވެހިޤައުމު މިހާރު ވެރިކަމަށް ކުރިމަތިލާފައިވާ މީހުންގެ އަތްމަށްޗަށް ދޫކޮށްލުމަށް ހަމަ ހިތްނަމަ ނުޖެހެވެނީއެވެ. ޤައުމުގެ ހަލާކަށް ނޭދޭތީއެވެ.
އަހަރެން ވެރިކަމަށް މި ކުރިމަތިލަނީ ހަމަ ރައްޔިތުން އެކަމަށް އެދޭވަރުން ރައްޔިތުންގެ އެދުމަށް ފުރަގަސް ދެވެން ނެތިގެންނެވެ. ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް އެދޭތީއެވެ.
އަހަރެންވެރިކަމަށް މި ކުރިމަތިލަނީ ދާދިފަހުން އަހަރެން ޕާޓީގެ ރައީސްކަމަށް ހޮވާފައިވުމާއެކު ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރުމަކީ އައިބު ކަމަކަށް ވާތީއެވެ.
އަހަރެން ޤައުމުގެ ރައީސްކަމަށް މި ކުރިމަތިލަނީ ޕާޓީގެ ކޮންގުރެސް އިން އަހަންނަކީ ޕާޓީގެ ޒައީމްކަމަށް ހޮވާފައިވުމާއެކު ޕާޓީގެ ފަރާތުން މިމުއްދަތުގައި އަންނަ އިންތިހާބުގައި ވާދަކުރުމަކީ އަހަރެންގެ މަށްޗަށް ލާޒިމުވާ ކަމަކަށް ވާތީއެވެ.
މަތީގައިއެވަނީ ދިވެހިރާއްޖޭގެ ރައީސްކަމަށް ވާދަކުރުމުގައި އެކި ފަރާތްތަކުން ދައްކާފައިވާ ބައެއް ވާހަކަތަކެވެ. ކިހާ ފުރިހަމަ ވާހަކަތަކެއްތޯއެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކައި ވެރިކަމަށް ކުރިލާން ކޮންމެ މީހަކަށްވެސްވަނީ މަޖްބޫރުވެފައެވެ. އެނޫން ހަމަ އެއްގޮތެއްވެސް ނެތެވެ. ދެން ކުރާނީ ކީތްތޯއެވެ.
ވެރިކަމަށް ކުރިމަތި ލާފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ގިނަ ދާއިރާތަކުގެ ފަންނީ މީހުންނެވެ. އެމީހުންނަށް އެމީހެއްގެ ފަންނުގައި ޤައުމަށް ކޮށްދެވޭނެ ކިތަންމެ ހިދުމަތެއް ހުންނާނެކަމަށް ފެނެއެވެ. ކޮންމެހެން ވެރިކަމުގައި ބަގުޑި ބައްދަން ޖެހޭބާއެވެ. ވެރިކަމަކީ މާތްﷲ ދެއްވާ ކަމެކެވެ. އެކަމަށް މަސައްކަތް ކުރާ މީހުންނަށެވެ. ވެރިކަމަކީ އެކަމަށް އިރާދަ ކުރެއްވުމުން ގެންދަވާވެސް ކަމެކެވެ. އެކަން ފިރުކައި ގަތުމަށް ﷲ މެދުވެރިކުރަނީ އެކި ފަހަރު ތަފާތު ހާލަތެވެ. މެދުވެރި ކުރައްވަނީ ވެސް އެކި މީސްމީހުންނެވެ.
ރައީސްކަމަށް ކުރިމަތި ލުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ ރައްޔިތުންގެ ބޮލަށް އެކަން ކަނޑާލާތީއެވެ. ކޮންމެ ހެން ރައްޔިތުންނޭ ކިޔައިގެން ވާހަކަތައް ނުދެއްކިއަކަސް ބޭނުންމީހަކު ހަމަ އެކަމަށް ފައިނެގިދާނެއެވެ. އޭރުން ވެރިކަމުގެ ފޮނި މީރުކަން އެމީހަކަށާއި އެމީހެއްގެ ބައިވެރިންނަށް ލިބޭނެއެވެ. ރައްޔިތުން މިކަމުން ސަލާމަތް ކޮށްދޭށެވެ.

Tuesday, July 15, 2008

ރައްޔިތުންނަށް ހެވެއްއެދެނީ ކާކު..

ރައްޔިތުންނަށް ހެވެއް އެދިގެން އުޅޭ މީހަކު އަދި އަހަންނަކަށް ނުފެނެއެވެ. ތިޔަބޭފުޅުންނަށޯ؟ ރައްޔިތުންނަށް ހެވެއް އެދުމަކަށް ވަކި ޕާޓީއަކަށް ނިސްބަތް ވާކަށް ނުޖެހެއެވެ. ވަކި އާއިލާއަކަށް ނިސްބަތްވާކަށްވެސް ނުޖެހެއެވެ. ސިޔާސީގޮތުން ވަކި ޖަމާޢަތަކަށް ނިސްބަތް ވާކަށްވެސް ނުޖެހެއެވެ. އަހަރެން ބަލަނީ މީހުންގެ އަމަލަށެވެ. އެމީހަކު ކުރާ ކަންކަމަކީ ރައްޔިތުންގެ މަސްލަހަތައް ބަލައިގެން ކުރާ ކަންކަން ކަމުގައި ވާނަމަ އެމީހަކީ ރައްޔިތުންނަށް ހެވެއްއެދޭ މީހެއްކަމުގައި ބެލެވޭނެއެވެ.
ސަރުކާރުން އިސްލާހީ އެޖެންޑާއެއްގެ ނަމުގައި ހިންގީ ސިޔާސީ ކެމްޕޭނެކެވެ. ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ ލޮލުގައި އެޅުވީ އަނދުނެކެވެ. ސަރުކާރުން ގައުމަށް އިސްލާޙެއް ގެންނާނެނަމަ މަސްތުވާ ތަކެތީގެ މައްސަލަތައް މިގައުމުގައި މިހިސާބަށް ދާނެތޯއެވެ. ހަމަ ކަށަވަރުންވެސް ނުދާނެއެވެ. ގޯތި ގެދޮރުގެ ދަތިކަން މިހިސާބަށް ދާނެތޯއެވެ. ނުދާނެއެވެ. ސިޔާސީ އިސްލާޙްތައް ގެނައުން މިހިސާބަށް ފަސްކުރާނެތޯއެވެ. ގާނޫނު އަސާސީ 4 އަހަރުން ފާސްވި އިރު އަދި އެފާސްވާ ހުރިހާ މާއްދާތައް ރައީސްގެ އަރިހަށް ފޮނުވަމުން ދިޔަ އިރު އެމާއްދާތަށް ތަރުތީބުން ފައިލްކޮށްގެން އެއަށް ބަލަހައްޓައިގެން ހުންނާނީތޯއެވެ. ގާނޫނު އަސާސީ ފާސްކޮށް ނިމުނު އިރު އަދި ސަރުކާރު އޮތީ އެ ތަސްދީގު ކުރުމަށް ތައްޔާރަކަށް ނޫނެވެ. ކުރަންވާ ކަންކަން އޮތީ ނުކުރެވިއެވެ. މިފަދަ އެތައްކަމަކަމުން ސަރުކާރުން ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ނުކުރާކަމަށް ގަބޫލު ކުރެވެއެވެ.
ދެންއޮތީ މަޖިލީހެވެ. ކޯރަމް ހަމަނުވެގެން ޖަލްސާތައް ކުރިއަށް ނުދާވާހަކަ އިތުރައް ދައްކާނެކަމެއްނެތެވެ. ހަފްތާއަކު އެންމެ ތިންޖަލްސާއަށް ވެސް ފަންސާސް މެމްބަރުންގެ ތެރެއިން ސައްބީސް މެމްބަރުންނަށް ހާޒިރު ނުވެވެއެވެ. ސަރުކާރު ޒިންމާ ދާރުކުރުވުމުގައި ވެސް މަޖިލިސް މެމްބަރުންގެ އެއްވެސް ދައުރެއް ނުފެއެވެ. ހަމައެކަނި ޖަލްސާތަކުގައި ސަރުކާރަށް ފުރައްސާރަ ކުރުމަކުން ލިބޭނެ މަންފާއެއް އޮންނާނެތޯއެވެ. މަޖިލީހުގައި ބަހުސް ކުރާ ގަރާރުތަކަކީ ވެސް ވަގުތު ނަގާލުމެކެވެ. ހަމައެކަނި ސަރުކާރަށް އެތިވަރު ކިޔާލުމެކެވެ. ރައްޔިތުންނަށް ހެވެއްއެދޭ މެމްބަރަކު ހުރިނަމަ ބިލްތައް ހުށަހަޅައިގެން ރައްޔިތުންނަށް ނުލިބި ހުރިހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ނޫންތޯއެވެ. ސަރުކާރުން ރައްޔިތުންނަށް ރަނގަޅަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް މަޖުބޫރު ކުރުވުމުގައި މަޖިލީހުގެ ދައުރެއް އޮންނާނެއްނޫންތޯއެވެ.
ސިޔާސީ ޕާޓީތަކުގެ ދައުރަކީ ހަމައެކަނި ބަޖެޓުންދޭ ފައިސާކޮޅު ނެގުން އެކަނިކަމަށް މިހާރު ވަމުންއެބަދެއެވެ. ރައްޔިތުންނަށްޓަކައި ސިޔާސީޕާޓީތަކުން ކޮށްދެވޭނެ ކަމެއްހަމަނެތްބާވައެވެ. ސިޔާސީޕާޓީތަކުން ވެސް ސަރުކާރު ޒިންމާދާރު ކުރުވުމުގައި ހަރަކާތްތައްވަނީ ހުއްޓިފައެވެ. އެމީހުން އުޅެނީ އެމީހުންގެ އެތެރޭގެ ކަންކަމުން ސަލާމަތް ނުވެވިގެންނެވެ. އެހެން ކަމަކާ އުޅެވޭނީ އެކަމުން ސަލާމަތް ވެވިގެންނޫންތޯއެވެ.
ދެންއޮތީ ރައްޔިތުންގެ ދައުރެވެ. އަހަރެމެންގެ ދައުރެވެ. މިހާލުގައި އުޅެން ރައްޔިތުންނަށް ޖެހިފައިމިވަނީ އަހަރެމެން ރައްޔިތުންގެ ސަބަބުންނެވެ. އަހަރެމެން ލާ ވޯޓަކީ ކުޑައަގަކަށް ވިއްކާލެވޭ ވޯޓަކަށްވާތީއެވެ. އެހެންވީމާ އެއްވެސް ބަޔަކު އެހެންމީހުންގެ ވާހަކަ ނުދައްކާނީދޯއެވެ. ކަންކަން ރަނގަޅުވުމަށް އެދޭނަމަ ފުރަތަމަ އަހަރެމެންގެ އަމިއްލައަށް އަހަރެމެންގެ ޒިންމާ އަދާކުރަމާހިނގާށެވެ.

Sunday, July 13, 2008

ޒިންމާދާރު ވެރިން އުފެއްދުން

ތަކެތީގެ އަގު ބޮޑުވަނީއެވެ. ކުކިންގ އޮއިލް ތެޔޮ ހަމެއް ދުއިސައްތަ ޕަސަންޓަށް އަގު ބޮޑުވެއްޖެއެވެ. ޕާނެއްގެ އަގު ސަތޭކަ ޕަސަންޓް ބޮޑުވީއެވެ. ތަންތަނުގެ ކުލި ދެގުނަބޮޑުވީއެވެ. މިދައްކަނީ ދެއަހަރު ކުރީގެ ވާހަކައެއްނޫނެވެ. މިދައްކަނީ ދެއަހަރެއްހާ ދުވަހުގެ ވާހަކައެވެ. ގާސިމް ފިނޭންސް މިނިސްޓަރ ކަމުގައި ހޭދަކުރެއްވި ދެއަހަރެއްހާ ދުވަހު ކަންކަން ހިނގިގޮތެވެ.
މިއީ، ފިނޭންސް މިނިސްޓަރގެ ޒިންމާއެއްތޯއެވެ. ރާއްޖޭގެ އިގްތިސާދުވެސް އަދި އެހެން ކަންކަންވެސް ރޭވިފައިވާ ގޮތުން ހުރިހާކަމެއް މި ރޭވެނީ ވަކި ދިމާއަކުންހުއްދަ ލިބިގެންނެވެ. މޭޒުމަތީ އޮންނަ ބަރުވެސް އެއްފުށުން އަނެއްފުށަށް ޖެހެނީ ވަކި ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތަށް ގަބޫލު ކުރެވޭނަމަ ކޮންމެ ކަމެއް ކުރެވޭނީ ވަކިދިމާއެއްގެ ހުއްދަ ލިބިގެންނެވެ. ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމެނީވެސް ރައީސް އޮފީހުގެ ސިޓީއެއްގެ މައްޗަށް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއެވެ. މިނިސްޓަރ ގެ މާބޮޑު ރޯލެއް އޮތްކަމަކަށް ނުވެއެވެ. މިއީ، މިކަން ވެގެންވާނެ ގޮތެއްނޫނެވެ. ތިމާކުރާ ކޮންމެ ކަމެއްކުރަންވާނީ އެކަމެއްގެ ފުރިހަމަ މަޢުލޫމާތު ތިމާޔަށް ލިބިހުރެ ތިމާގެ ޒިންމާ ވެސް ރަނގަޅަށް އޮޅުން ފިލާފައި ހުރެގެންނެވެ.
ބަޖެޓާ ބެހޭގޮތުން އޯޑިޓަރ ޖެނެރަލް އާއި އެމް އެމް އޭގެ ގަވަރނަރ ދައްކަވާ ވާހަކަ ފުޅަކީ ކެބިނެޓުގައި ތިބި ވަޒީރުން މާގަޔާވާ ވާހަކަ ފުޅެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ. ލޯމަތިން ފެންނަ ހަގީގަތަކީ ކޮންމެވެސް ބައެއްގެ އިހްމާލެއް ސަރުކާރު ހިންގުމުގައި ވާކަމެވެ. ދުވަހެއް ދުވަހަކަށް ކަންކަން ރަނގަޅު ވުމުގެ ބަދަލުގައި ކަންކަން ގޯސްވަމުން ދާކަމެވެ. ރައްޔިތުން ނުތަނަވަސް ކުރުވާ ގޮތަށް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވާކަމެވެ.
ކޮންމެ ކަމެއް ވަކިމީހެއްގެ ބޮލުގައި އެޅުވުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. ވެރިކަން ހިނގާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންނެވެ. ގާނޫނު ބުނާގޮތުންވެސް ކޮންމެ މީހަކީ އެމީހަކު ކުރާކަމެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ މީހެކެވެ. ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއް ކުރުމަށް ވަކި ފަރާތެއްގެ ހުއްދަ ނަގަންޖެހޭކަމަށް ފެންނަ ނަމަ ތިމާމެން އެކަމުގެ ޒިންމާ ނަގަން ފަސްޖެހެވެނީއެވެ. ކަންކަން ލަސްވަނީ މިފަދަ ޒިންމާ ދާރުކަމެއްނެތް ވެރިން ތަންތަނުގައި ތިބޭތީއެވެ. ކުދިކުދި ކަންކަން ކުރުމަށް ރައީސް އޮފީހުގެ ހުއްދަ ހޯދަން ލިއާނަމަ އެއޮފީހުގައި ތިބޭ ވަކި ފަންތިއެއްގެ މީހުން އެހެން އޮފީސްތަކަށް ނުފޫޒު ފޯރުވަންވެސް ބޭނުންވާނެއެވެ. އަދި ހުއްދަ ހޯދަން ނުލިއެ އެއްވެސް ކަމެއް ކުރުމަކީ އެމީހުން އެދޭނެ ގޮތެއްވެސް ނޫނެވެ. ކަމެއް ގޯސްވުމުން ޒިންމާ ނަގާނެ މީހަކުވެސް މިހެންވުމުން ނުހުރެއެވެ. އޮފީސްތަކުގެ މަސައްކަތް މިހާރަށްވުރެ ހަލުއިކުރަން އެދޭނަމަ ކަންކަން ހަވާލުވެފައި ތިބޭމީހުންނަކީ ޒިންމާދާރު ބަޔަކަށް ހަދާ ކަނޑައެޅޭ ގަވާއިދު ތަކެއްގެ ތެރެއިން ކަންކަން ހިންގޭނެ ނިޒާމެއް ގާއިމްކުރަންޖެހެއެވެ. އިހްތިޔާރުވެސް އެބަޔަކަށް ދެވެންޖެހެއެވެ. ގައުމުން މިހާރު މިފެންނަ ކަންކަން ނުވުމުގެ ބަލި ފެތުރިފައިމިވަނީ ކޮންމެ ކަމެއްގައި އެންމެމަތީފަރާތުގެ ހުއްދައެއް އޮންނަން ޖެހޭކަމަށް ގަބޫލު ކުރެވޭތީއެވެ.

Saturday, July 5, 2008

އިއްޒަތްތެރި ތަށި ބަހައްޓަން ބިނާއެއް ހެދުން.

ރައީސްމައުމޫނުގެ ވެރިކަމުގައި ފުޓުބޯޅައިން ރާއްޖެއަށްވަނީ ރަންވަނައެއް ލިބިފައެވެ. ސާފް ޗެމްޕިއަން ޝިޕެވެ. ރަންމެޑެލްއެވެ. މިއީ، މިހާރަށް ވުރެ ކުލަގަދަކޮށް ފާހަގަ ކުރަންޖެހޭ ކަމެކެވެ. މިކަމުގައި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބުން ގޮތުގައި މަސައްކަތްކޮށް ރެއާދުވާލު ރައްޔިތުންނަށް ތިޔަ ހިދުމަތް ކޮށްދެއްވާ ދުއިސައްތައެއްހާ އިސްމީހުންގެ ދައުރު ވަރަށް ބޮޑުވާނެކަމަށް ފެނެއެވެ.
އެހެންވީމާ އަހަންނަށް ފެންނަނީ މިހާރު ތިޔަ ތައްޓާއެކު އަތޮޅުތަކަށް ކުރާ ދަތުރު މިހާރަށްވުރެ ފުރިހަމަ ކުރުމަށެވެ. މިގޮތުން ތަށި ރަށްތަކަށް ގެންދިއުމުގައި ތިޔަ ގެންގުޅުއްވާ ތަރުތީބު އަދި މުޅިން ރަނގަޅެއްނޫނެވެ. ތަށި ފުރަތަމަ ގެންދަންވާނީ ސުނާމީގައި ހާލުގައި ޖެހިގެން ޓެންޓުތަކާ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންގެ ގާތަށެވެ. އެމީހުން އޭގައި އަތްބީއްސާލުމުން ފާއިތުވި ތިންއަހަރު އެއުފުލިވޭން ވަރަށް ބޮޑުތަން ކުޑަވެގެން ދާނެއެވެ. ނޫނީ މުޅިން އެކަން ހަނދާން ނެތޭނެއެވެ.
މިފަދަ ތައްޓެއް އުފުލަންވާނީ އެއާރޓެކްސީގައެވެ. ލޯންޗާއި އޮޑިފަހަރުގައި ކުރަންތީ ހެޔޮވާވަރު ކަމެއްނޫނެވެ. އޭރުން ތައްޓަށް ދޭންވާ ގަދަރުވެސް ނުދެވުނީއެވެ. ތަށީގެ ކުރިއަށް "އިއްޒަތްތެރި" ވެސް ލާންފެނެއެވެ. އެހެންވީމާ އިއްޒަތްތެރި ތަށިއުފުލުމަށް މިހާރު ތިޔަ ބޭނުންކުރައްވާ އުޅަނދުތައް ދޫކޮށްލައްވާ އަވަހަށް އެއާ ޓެކްސީއެއް ކުށްޔަށް ހިއްޕަވާށެވެ. އިއްޒަތްތެރި ތައްޓާއެކު ރައީސް ވަޑައިނުގެން ކަމުދާނެތޯއެވެ. ތައްޓާއެކު މިހާރުތިޔަ ފޮނުއްވާ ޓީމަށް ކުޑަ އިސްލާހެއް ގެންނަވާށެވެ. މަނިކުފާނާއި މަނިކުފާނުގެ އަނބިކަނބަލުން އަދި ޑީއާރުޕީގެ ކޯޑިނޭޓަރ ޝާފިޢު ވެސް ތައްޓާއެކު ދަތުރު ނުކޮށް ކަމަކު ނުދާނެއެވެ. އެކަމަކު އޭނާ ދާނީ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އަދި ސިޔާސީ ޕާޓީތަކުންވެސް މަންދޫބުން ހިމަނާލާށެވެ. ހުރިހާ ޕާޓީއަކުން މީހުންނަށް ދާންދަތިވާނެއެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރަން ރީކޯ އިބްރާހިމްމަނިކު ރަނގަޅުވާނެއެވެ. މި ޢިއްޒަތްތެރި ތަށި މުއާލާތް ކެނޑުމުގެ ކުރިން އުފުލާ ނިންމަންވާނެއެވެ. އެހެންނޫނީ ތީދެން ބޭކާރު ކަމެކެވެ. އެހެންވީމާ ރިޔާސީ އިންތިހާބުގެ ކުރިން ތިޔަ ދަތުރުތައް ނިންމަންވާނެއެވެ. ވާނެ ގޮތެއްނޭންގެއެވެ. ފަހަރެއްގައި އިންތިހާބުގެ ފަހުން މަނިކުފާނު ރައީސްކަމުގައި ނުހުރެވެސް ދާނެއެވެ. އެހެންވީމާ މަނިކުފާނު ވެރިކަމުގައި މަނިކުފާނު ހޯއްދަވައިދެއްވި ތައްޓެއް އުފުލުމަށް އެންމެ ހައްގުކަންބޮޑީ މަނިކުފާނެއެވެ.
ރާއްޖޭގެ މީހުން އުޅޭރަށްތަކަށް އެކަނި ގެންގޮސްފައި ތިކަން ނިންމާނުލާށެވެ. ފަޅުރައްތަކާ ރިސޯޓުތަކަށްވެސް ތަށި ގެންދަންވާނެއެވެ. ފެލިވަރާ ކޫއްޑޫއަށް ވެސް ގެންދަންވާނެއެވެ. އެތަންތާވެސް ތިބެނީ ދިވެހިންނެވެ. އެމީހުންވެސް ތަށީގައި ބީހިލަން ބޭނުންވާނެއެވެ. ފަޅުރައްތައް ބަލަހައްޓަންވެސް ހާދަ މީހުންނެއް ވަޒީފާތަކުގައި ތިބޭނެއެވެ. އެމީހުންނަށް އެފުރުސަތު ނުދެއްވެންޏާ އެމީހުންވެސް ކިހާ ހިތުގައި ޖެހޭނެތޯއެވެ. އެންމެ ރަނގަޅުވާނީ ވޯޓުފޮށިތައް ހުންނަ ކޮންމެ ތަނަކަށް ތަށިގެންދިޔައިއްޔާއެވެ.
މަނިކުފާނާއެކު ތަށިހިފައިގެން ގައުމީޓީމުގެ ކުޅުންތެރިން ނުގޮސް ތިކަން ކަމަކު ނުދާނެއެވެ. ތަށިއުފުލާ ނިމެންދެން ފުޓްބޯޅަ ކުޅުން ހުއްޓާލާށެވެ. މިހާރު ކުރިއަށް ދާ މުބާރާއްތައް މިއަންނައަހަރު ފަށާގޮތަށް މެދުކަނޑާލާށެވެ. މަނިކުފާނާއެކު ގައުމީޓީމުގެ ހުރިހާ ކުޅުންތެރިން ގެންދަންވާނެއެވެ. އެހެންނޫނީ އެކުދިންވެސް ދެރަވާނެއެވެ.
ރާއްޖޭގެ ހުރިހާ ރައްތަކަށް ތަށި އުފުލާ ނިމިގެން ޖުމްހޫރީ މައިދާނުގެ މެދުގައި ބިނާއެއް ހައްދަވާށެވެ. މަނިކުފާނު އިއްޒަތްތެރި ތަށި ހިފައިގެން ފޮޓޯއެއް ނަންގަވާ މަނިކުފާނާއި ވަޒީރުން އެފޮޓޯގައި ކޮންމެހެންވެސް ތިބެންވާނެއެވެ. މަނިކުފާނާ އެންމެ އަރިސްކޮށް ހުންނަންވާނީ ތައްޓާއެކު އެންމެ ގިނަ ރަށްތަކަށް ދިޔަ މީހެކެވެ. އެމީހަކަށް ވާންވާނީ މަވޯޓާ ޝަރީފާއި ސްޓޭޓް މިނިސްޓަރ ޝާފިއުއެވެ. ތާރީޚަށް ޓަކައި މިފަދަ ބިނާއެއް ވަރަށް މުހިންމެވެ. އަދި މަނިކުފާނު ދެލައްކަ ރުފިޔާ ކޮންމެ ކުޅުންތެރިއަކަށް ދެއްވި ވާހަކަ ކޮންމެހެންވެސް އެބިނާގެ ތިރީގައި ލިޔެލަންވާނެއެވެ.
މިގޮތަށް ކަންކަން ނުކުރެވެންޏާ ކޮންމެ ހެން ތަށިހޯދުމުގެ ބޭނުމެއް ނެތެއްނޫންހެއްޔެވެ. ނުވަމިލިއަން ރުފިޔާ ހަދިޔާގެ ގޮތުގައި ކުޅުން ތެރިންނަށް ދިނަސް އަދި އެއީ މާ ބޮޑުކަމެއްނޫނެވެ.

Thursday, July 3, 2008

މަޖިލީހުގެ މެމްބަރުން މުސާރަފުޅުގެ ވާހަކަ އިތުރަށް ނުދައްކަވާށެވެ.

ރާއްޖޭގެ މީޑިއާގައި އުޅޭ މީހުންނަކީ ހާދަދެން ހެއްވާ ބަޔެކެވެ. އެމީހުން ލިޔާ ވަހަކަތަކުން ރައްޔިތުންނަށް ކޮށްފާނެ އަސަރަކާ ދޭތެރޭ އެބޭފުޅުން އެއްގޮތަކަށްވެސް ވިސްނައެއްނުލައެވެ. އެހެންނޫންނަމަ މަޖިލީހުންގެ މެމްބަރުން ގެ އިއްޒަތްތެރި މުސާރަ ފުޅު ފަސްދޮޅަސް ދެހާހަށް ބޮޑު ކުރި ވާހަކައެއް މީޑިއާއިން މާ މޮޅުވާހަކައަކަށް ހަދައިގެން ނުދައްކާނެއެވެ.
މަޖިލީހުގެ މެމްބަރުންގެ މަސައްކަތް ޕުޅުގެ ބުރަކަމާއި އެބޭފުޅުން ރައްޔިތުންގެ ހައްގުގައި ވަމުން އެދާ ގުރުބާނީ އަހަރެމެން އެއްވެސް ދިވެއްސަކު ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެބޭފުޅުން މުސާރަފުޅު ބޮޑުކުރީ އެންމެ ފަސްދޮޅަސް ދެހާހަށެވެ. ހަތްދިހަ ހާހަށްވެސް ނާރައެވެ. އެބޭފުޅުން ބޭނުންފުޅުނަމަ އެބޭފުޅުންގެ މުސާރަ ފުޅަކީ ލައްކައެއްކަމުގައިވެސް އެބޭފުޅުންނަށް ކަނޑައެޅުއްވޭނެއެވެ. އަދި ގައުމަށް ލިބޭ މުޅި އާމްދާނީ ތިނަކުން ގެއްލާލީމާ ލިބޭނެ ކަމަށް ލަފާ ކުރާ އަދަދު (ތިންބާރަށް ހަމަޔަށް ބަހާގޮތަށް) ހުރިހާ މެމްބަރުން ހަމަހަމަ ކޮށް ބަހާވެސް ލެވިދާނެއެވެ. އެބޭފުޅުން އެފަދަ ފިޔަވަޅެއް އެޅުއްވީކީވެސް ނޫނެވެ. އެބޭފުޅުންގެ މުސާރަފުޅަށް ފަސްދޮޅަހަކަށް ހާހަށް ބޮޑުކޮށްލުމަކީ އެވަރު ކަމެއްތޯއެވެ.
އަނެއްކާ ފިނޭންސް މިނިސްޓަރުވެސް އެކަމާ ނުލާހިކު ތާއީދުކުރައްވައެވެ. ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެމްބަރުން ވަމުންއެދާ ގުރުބާނީ އެންމެ ރަނގަޅަށް ވިސްނިވަޑައިގަންނާނީ އެބޭފުޅުންނަށެވެ. އަނެއްކާ މަޖިލީހުގައި މަދުބޭފުޅުން ކޮޅެއް ސަރުކާރުގެ މިނިސްޓަރުކަމާ ނާއިބުކަމުން ލިބޭ މުސާރަފުޅު ނެންގެވިއަސް އަނެއްބައި ބޭފުޅުން މިހާރުވެސް އެދަނީ އެބޭފުޅުންނަށް ލިބޭ މުސާރަފުޅު އަތޮޅުތަކުގެ ރައްޔިތުންނަށް ހަދިޔާ ކުރައްވަމުންނެވެ. އިލްޔާސް އިބްރާހީމް މަޖިލީހުން ލިބޭ މުޅި މުސާރަފުޅު ދީލަތިކަމާއެކު މިހާރުވެސް ޖަމާކުރައްވަނީ ލ.އަތޮޅު ރައްޔިތުންގެ އެކައުންޓަށެވެ. މިލިސްޓަށް އިތުރު މެމްބަރުން އިންތިހާބު ކައިރިވާ ވަރަކަށް އިތުރުވަމުން ދާނެކަމީ ކަށަވަރުކަމެކެވެ. އަނެއްކާ މަޖިލީހުގެ ޖަލްސާތައް ކިރިޔާ ކޯރަމް ހަމަވާ ވަރުގައި ހިންގަން އެޖެހެނީ އިއްޒަތްރި މެމްބަރުންގެ އިހްލާސްތެރިކަން ނެތިގެންނެއްނޫނެވެ. އެއީ، އެބޭފުޅުން ރައްޔިތުންގެ ހައްގުގައި މިނިސްޓަރުކަމާ ނާއިބު ވަޒީރުކަމާ އެގްޒެކެޓިވް ސެކްރެޓަރީކަން ފަދަ މަގާމްތައް ފުރަންޖެހޭތީ ހަމަ ވަޑައި ނުގެންނެވެނީއެވެ. ކުރާނީ ކީއްތޯއެވެ. ގާބިލް ބޭފުޅުންނަކީ އެއީ އެވެ. މެމްބަރުކަމާއި މިނިސްޓަރު ކަމާއި ނާއިބު މިނިސްޓަރުކަން ވެސް ރައްޔިތުންގެ ހައްގުގައި ކުރައްވަންތިއްބެވީ ހަމަ، އެމަދު މެމްބަރުން ކޮޅެވެ. އެހެން ނޫންނަމަ އެހާބުރަކޮށް އުޅުއްވަނިކޮށްވެސް އެޓޮސް މިނިސްޓަރުގެ ނާއިބުކަން މަވޯޓާ ޝަރީފަށް ދެއްވާނެތޯއެވެ. ވ.އަތޮޅު މެމްބަރު ކަމުގައި ހުންނަވަނިކޮށް ރިޔާސީ ނިޒާމް ފާސްކޮށްފައިވަނިކޮށް ޝާހިދަށް ފޮރިން މިނިސްޓަރުކަން ދެއްވާނެތޯއެވެ. ހދ.މެމްބަރު ޝުކޫރަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާނެތޯއެވެ. އެޓާރނީޖެނެރަލް ކަމުގެ ބުރަ މަސްއޫލިއްޔަތާއެކު އާޒިމާ ޝުކޫރަށް ރައީސްގެ މެމްބަރުކަން ދެއްވާނެތޯއެވެ.
އަބަދުވެސް ވިސްނަންވާނީ ރަނގަޅެވެ. ރައްޔިތުންނަށް ދެރަވާނެކަމެއް ސަރުކާރަކުން ނުކުރައްވާނެއެވެ. އަދި މަޖިލީހަކުންވެސް ނުކުރައްވާނެއެވެ. މަޖިލީހުގެ މެމްބަރުންނަށް ޝުކުރިއްޔާއެވެ. މުސާރަ ފުޅު ލައްކައަކަށް ނުހެއްދެވީތީއެވެ.

މުސާރަ ކުޑަކުރުމުގެ އަގުވަޒަންކުރުން

ކުޑަކޮށް ބްލޮގާ ދުރުގައި އުޅެލުމަށް ފަހު އަނެއްކާވެސް ކުޑަކޮށް ކައިރިވެލާނަމެވެ. މިފަހަރުގެ މައުޟޫއަކަށް މިވީ ގައުމުގެ އިގްތިސާދެވެ. އެހެންވާ ޖެހުނު ސަބަބަކީ ހަފްތާގެ ބޮޑެތި ފަލަ ސުރުޚީތަކަށް ބަލާލިއިރު ޗާޓުގެ އެންމެ ކުރީގައި އޮތީ ހަމަ އިގްތިސާދާ، އިންފްލޭޝަނާއި މަޖިލީހުގެ މެމްބަރުން އިއްޒަތްތެރި މުސާރަފުޅާ، ޓީޗަރުންގެ ޗޮކްލެޓްކާވައްތަރުގެ ބަނޑުހައިހޫނު ކަމުގެ ހަލުތާލާ ރައީސްގެ މުސާރަ ފުޅު ބޮޑު ނުކުރުމަށް އެމަނިކުފާނު ނުހަނު އިހްލާސްތެރިކަމާއެކު އެދިވަޑައިގަތުމާ މިކަހަލަ މިކަހަލަ ވާހަކަ ތަކަކަށް ވާތީއެވެ.
ގައުމުގެ ވަޒީރުންގެ އިހްލާސްތެރިކަމަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން ރައްޔިތުންނަށް މަޖުބޫރު ކުރުވައިފިއެވެ. ގައުމުގެ އިޤްތިސާދު ދަށަށްދާ ކަމަށް ހަމަ އެބޭފުޅުންނަށް ވިސްނިވަޑައި ގަތުމާއެކު އެއްވެސް ޖެހިލުމެއްނެތި ކެތްތެރިކަމާއެކު އެބޭފުޅުން ގެ މުސާރަފުޅުން ފަނަރަ ޕަސަންޓް އެގުރުބާން ކުރައްވަނީ ރައްޔިތުން ހައްގުގައެވެ. މިފަދަ އިހްލާސްތެރި ކެބިނެޓެއް އެކުލަވާ ލައްވާފައިވާތީ ލޮބުވެރި އިއްޒަތްތެރި ޒައީމަށާއި އެމަނިކުފާނުގެ އިހްލާސްތެރި ވަޒީރުންނަށް ކޮޅުނެތް ކޮޅަށް ޝުކުރުހުއްޓެވެ. މުސާރަ ފުޅު ކުޑަކުރުމުން އެކަމުގެ ވޭން ވަޒީރުންގެ ތެރެއިން އިހްސާސް ކުރައްވަން ޖެހޭނެކަމަށް ފެންނަނީ ވަޒީރުކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެއްވޭނެތީ އަމިއްލަ ވިޔަފާރިތަކުގައި އެއްގޮތަކަށްވެސް މިހާރު ނޫޅުއްވާ ވަޒީރުންނަށެވެ. އެބޭފުޅުންގެ މުސާރާފުޅުން ކުޑަވެގެންދާބައި ހޯދައިދިނުމުގައި ރައްޔިތުންގެ ފަރާތުން އެހީތެރިކަން އެބޭފުޅުން ބޭނުންފުޅުވާނެ ކަމަށް ފެނެއެވެ. އެހެންވުމާއެކު އަހަރެންގެ އިލްތިމާސްއަކީ، ވަޒީރުންގެ މުސާރަ ކުޑަކުރުމުން އެބޭފުޅުންނަށް ލިބޭ ނިކަމެތިކަން ފިލުވާލުމުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެކަށީގެން އެއްބާރު ލުމެއްދެއްވުމެވެ. އެއީ، ވަޒީރުންގެ ހުރިހާ މަސައްކަތަކީވެސް އަތޮޅުތައް ތަރައްގީކުރުންކަމަށްވާތީއެވެ.
އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުވިދާނެ އެހީތެރިކަމަށްބަލާއިރު، ވަޒީރުންގެ ގޭގެއަށް ބޭނުންވާނެ ކާށި، އޮޅުއަލަ، ބަނބުކެޔޮ، މުރަނގަތޮޅި، ރިހާކުރު، ދޮންކެޔޮ ފަދަ ބާވަތްތައް ލިބޭ މިންވަރަކުން ވަޒީރުންގެ ގޭގެއަށް ފޯރުކޮށް ދެއްވައިފިނަމަ މުސާރައިން ފަނަރަ ޕަސަންޓް ކުޑަކުރުމުގެ ސަބަބުން އެބޭފުޅުންނަށް ލިބިގެންދާނެ މާލީ ގެއްލުންތަކުން ސަލާމަތް ވެވިދާނެއެވެ. މާލީ ނުތަނަވަސް ކަމަކީ އަނބިމީހާ ވަރަށް ނުރުހުންވާ ކަމެއްކަމަށް ވެއެވެ. އެހެންވީމާ އެބޭފުޅުންގެ އާއިލާތައްރޫޅި ގައުމު އިތުރު ނުތަނަވަސް ކަމެއް ފެތުރުމުން އެކަމުގެ ވޭން އެބޭފުޅުންނެކޭ އެއްގޮތަށް ތިޔަ ރައްޔިތުންވެސް ތަހައްމަލް ކުރަންޖެހޭނެއެވެ. އެހެންވުމާއެކު އެކަމަށް މުސާރަ ކުޑަކުރާ ދުވަހުން ފެށިގެން ތަކެތި ހަދިޔާ ކުރުމުގެ ބައި ކުރިއަށް ގެންގޮސް ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. މިގޮތުންވެސް އެންމެ ބޮޑަށް އެހީވާން ފެންނަނީ އަމިއްލަ ވިޔަފާރިތައް ދޫކޮށްލާ ހުރިހާ ވަގުތެއް ރައްޔިތުންނަށްޓަކައި ހުސްކޮށް ދެއްވާ ހާއްސަކޮށް ރެއާދުވާލުގެ ހުރިހާ ވަގުތެއް ރައްޔިތުންނަށް ހާއްސަކުރައްވާފައިވާ ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމާއި، ޔޫތު މިނިސްޓަރ ޑީންއާއި، ފިޝަރީޒް މިނިސްޓަރ ހިލްމީއާއި، އެޓޮލްސް މިނިސްޓަރ ތަސްމީނާއި، ހައުސިންގ މިނިސްޓަރ ރަފީގުއާއި މިފަދަ ބޭފުޅުންނަށެވެ. އެބޭފުޅުން ރައްޔިތުންގެ ހިދުމަތަށް ނުކުންނެވުމާއެކު އެއްގޮތަކަށްވެސް އަމިއްލަ ވިޔަފާރީގެ ކަންކަން ބައްލަވާވެސް ނުލެއްވޭނެތީއެވެ.

Friday, February 8, 2008

ތިމާވެށީގެ ބައްޕާއެވެ. ރާއްޖެ ސަލާމަތް ކޮށްދޭށެވެ.

ތިމާވެށީގެ ބައްޕާއެވެ. ބައްޕަގެ ވާހަކަތަކުން ފަރަންޖީންނަށް ވަރަށްބޮޑަށް އެބަ އަސަރުކުރާ ކަމަށް ބުނަމު ނޫންތޯއެވެ. ހޭލުން ތެރިކަން އުފެދި އެތައް ކާމިޔާބެއް ލިބޭކަމަށް ބުނަމު ނޫންތޯއެވެ. އެކަމުގެ ސަބަބުން ބައްޕައަށް މެޑެލްތަކާއި ލަގަބުތަކާއި ހަނދާނީފިލާތައްވެސް ފަރަންޖީ ދޭނޫންތޯއެވެ. ބައްޕައަށް ހާދަތައުރީފެއް ފަރަންޖީން އެކަމާބެހޭގޮތުން ކުރޭނޫންތޯއެވެ. ބައްޕާއެވެ. ބައްޕަގެ ދަރިންނާއި ބައްޕަގެ ގައުމުން ހާދަހާބޮޑެތި ހަރަދުތަކެއް މިއިންކޮންމެ ޖަލްސާއެއްގައި ބައިވެރިވުމަށް ބައްޕައެބަ ކުރަމެވެ. އެއީ މައްސަލައެއް ނޫންކަމަށް ބައްޕަ ދެކެމުނޫން ހެއްޔެވެ. ބައްޕާއެވެ. ރާއްޖޭގެ ތިމާވެށީގެ ހާލަށް އެއްވެސް ހައްލެއް ފާއިތުވި ވިހި އަހަރު ބައްޕަކުރި ތަގުރީރުތަކުން ކުރިތޯ ދަރިން އެބަ ސުވާލުކުރެއެވެ. ބައްޕާއެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭވާހަކަޔާއި ދުނިޔެ ހޫނުވާ ވާހަކަ ބައްޕައަށްވުރެ ގިނައިން ދެއްކި ދެވަނަ މީހަކު ދުނިޔޭގައި ވެރިކަމުގައި މިހާރަކުނެތެވެ. ބައްޕަ ވެރިކަމުގައި ތިމާވެށީގެ ވާހަކަތައް ދައްކަން ވަރަށްގިނަ ފުރުސަތުތައްވެސް ލިބިއްޖެދޯއެވެ. މިހާރު ތިރީސްއަހަރު ހަމަވަނީ ދޯއެވެ. އަދިވެސް ހަމަ އެއްވާހަކައެވެ.
ބައްޕާއެވެ. ރާއްޖެއަށް މިދިޔަ އަހަރުވެސް އުދައަރާ ބައެއް ރަށްރަށަށް ހާދަބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. ބައްޕައަށް ވަރަށް ރަނގަޅަށް އެކަން އެނގޭނެއެވެ. އަދި ރައްގިރުމުގެ މައްސަލަތައް ކުރިމަތިނުވާ ރަށެއް ރާއްޖޭގައި އެބައޮތްތޯއެވެ. ބައްޕާއެވެ. ތިޔަ ދައްކާ ވާހަކަ ތަކުން އެއްވެސް ފައިދާއެއް ކޮށްފިތޯއެވެ. ބައްޕަޔަށް އެވޯޑާއި މެޑެލްތަކާއި ތައުރީފާއި ހުޝާމަދާއި މިފަދަ ކަންކަން ނުހިމަނައެވެ. ގައުމަށް މިވަނީ ވަރަށް ބޮޑެތި ތިމާވެށީގެ މައްސަލަތައް ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދަން ބައްޕަ ވިސްނަންތޯއެވެ. އަދިވެސް ހަމަ ސްޓޭޖްތަކުގައި ތިމާވެށީގެ ވާހަކަތައް ދައްކާލަ ދައްކާލަ ހުންނާނީތޯއެވެ. ރާއްޖޭގެ ރައްތައް އަޑިޔަށް ދާއިރު އަތްޖަހަން ބައްލަވަން ހުންނާނީ ތޯއެވެ. ދަރިންކޮޅުވެސް ފަހަތުލައިގެން ހަމަ ހުންނާނީތޯއެވެ.
ބައްޕާއެވެ. ސުޓޭޖުތަކުގައި ވާހަކަ ދެއްކުން ނޫންކަމެއް ބައްޕަޔަށާއި ތިމާވެށީގެ ރޮނގުން ފުންނާބާއި އެހެންތަންތަން އުސް ތިމާވެއްޓާ ބެހޭ މިނިސްޓަރުވެސް ބައްޕަޔަށް އިލްތިމަސްވެސް ނުކުރޭތޯއެވެ. އަދި ވެސް ފަސްއަހަރު ހަމަ އެގޮތުގައި އަނގަތެޅުމުގައި ހޭދަކުރާނީތޯއެވެ. ފަސްއަހަރުފަހުން ރާއްޖެ އަޑިޔަށް ދިޔައީމާ ދަރިންކޮޅު ދޫކޮށްލާފައި ބައްޕަ ފުރުއްވާނީތޯއެވެ. އަހަރެމެން ގެންދާނަންދޯއެވެ. އަހަރެމެންވެސް ދާހިތްވާނެނޫންތޯއެވެ. މިތާ ތިބިއްޔާ ރާއްޖެ ދަރިންކޮޅާއެކު ދާނީ އަޑިޔަށް ނޫންތޯއެވެ.
ބައްޕާއެވެ. އަހަރެން ކުޑަޔަކަސް ނަސޭހަތެއްދިނިއްޔާ އަޑުއަހާނަންހެއްޔެވެ، އަހަރެން ބައްޕަ އާއެކު ނުގެންދިޔަސް ހެވެ. މިވާހަކަ އަޑުއަހާލާށެވެ. ރާއްޖޭގެ ރައްތައް ތިމާވެށީގެ ގޮތުން ހިމާޔަށް ކުރުމަށް ކުރަންހުރި ކަންކަން ލިސްޓު ކުރަމާތޯއެވެ. ބައްޕާއެވެ. މިކަން ކުރަން ފަނަރަ އަހަރު ބޭނުމެއް ނުވެއެވެ. ގަލަމަކާ ކަރުދާސް ކޮޅަކުން ފުދޭނެއެވެ. ނޯޓު ކުރާށެވެ.1- ރާއްޖޭގެ ގޮނޑުދޮއްއުސްކުރާށެވެ. ބޮޑަށް ގިނާ ރަށްރަށަށާއި އުދައަރާ ރައްތަކަށް އިސްކަން ދޭށެވެ. 2- ކަންޑުތޮށިލާށެވެ. ކޮންމެހެން މާލޭގައި ހުރި ފެންވަރަށް ނޫނަސް ފުދޭނެއެވެ. 3- ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވާށެވެ.އަދި އަގުހެޔޮކޮށް ހިލަޔާއި ހިލަވެލި ލިބޭނެ މަގު ފަހިކޮށްދޭށެވެ. ނޫނީ ގޯތި ދޫކުރުން ހުއްޓާލާފަ އަތޮޅުތަކުގައިވެސް ކުދި ފުލެޓް ބަރިތަކެއް އަޅާށެވެ. ގޯތި ދޫކުރުމަކީ ދާއިމީކޮށް ކުރެވޭނެ ކަމެއްނޫނެވެ. 4- ރަށްރަށް އުސްކުރާށެވެ. ވެލިއަޅައިގެންނެވެ. ނޫނީ ހިލަ ބޭނުންކޮށްގެންނެވެ.
ބައްޕާއެވެ. ދުނިޔޭގައި ރާއްޖެއަށް ނޫނަސް ތިމާވެށީގެ މައްސަލަތައް އެބަ ދިމާވެއެވެ. ނަމަވެސް އެމީހުން ހަމައެކަނި އަނގަތަޅަނީކީ ނޫނެވެ. ޖޯޖުބުޝް އެއް އަދި ކޯފީ އަނާނެއް ކީއްކުރަންހެއްޔެވެ. މަންމޯހަން ސިންގެއްވެސް ރާޢްޖޭއްގެ ރައްތައް ހިމާޔަތް ކޮށްދޭކަށް ނާންނާނެއެވެ. އެކަން ކުރަންޖެހޭނީ ބައްޕަޔާއި އަހަރެމެންނޫން ހެއްޔެވެ.
ބައްޕަ މިހާރު ފައިސާ ކޮބައިތޯ ތި ސުވާލު ކުރަނީދޯއެވެ. ބައްޕާއެވެ. ދިނިޔެ ފިނިކުރުމަކީ ބައްގެ ވާހަކަތަކުން ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް އެކަމުން ރާޢްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަތީގައި ފާހަގަ ކުރެވުނު ކަންކަން ކުރުމަށް ތަރައްގީވެފައިވާ ގައުމުތަކުން މާލީގޮތުން އެހީދޭނެއެވެ.އެކަމަށް މަސައްކަތް ކުރާށެވެ. އަނގަތެޅުން ހުއްޓާލާ އަމަލީ ގޮތުން މަސައްކަތް ކުރާށެވެ. އަހަރެންގެ ހިޔާލުވެސް ބޭނުން ކުރާށެވެ. ދުނިޔެ ފިނިކުރާކަށް ބައްޕަގެ އަޑަކުން ނުފުދެއެވެ. ނަމަވެސް ރާއްޖެ ހިމާޔަތް ކުރުމަށް ބައްޕަ ކުރާ މަސައްކަތް މާމުހިންމެވެ. ހުސްވާހަކަ ތަކެއްނޫނެވެ. އަމަލީގޮތުންނެވެ. ވާހަކަތަކަށް ދެވޭނީ މެޑެލްތަކާއި އެވޯޑެވެ. ނަމަވެސް ރާއްޖެ ހިމާޔަތް ކުރުމަށް އަމަލީގޮތުން ކުރާ މަސައްކަތަށް ރައްޔިތުންގެ ހިތްހަމަޖެހުން ލިބޭނެއެވެ. ބައްޔަށް މުހިންމީ ރައްޔިތުންގެ ލޯބިތޯއެވެ. ނޫނީ ފަރަންޖީންދޭ މެޑެލި ހެއްޔެވެ. ބައްޕަބޭނުން އެއްޗެއް ނަގާށެވެ.