Sunday, June 12, 2011

ތަހްގީގު ކުރިއަށްދަނީ

އަލަށް ތަޢާރަފްވި ފެހި ގާނޫނު އަސާސީއަށްފަހު އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވުނު އެއްދިމާއަކީ ޖިނާއީ އަދުލުގެ ނިޒާމެވެ. ޚާއްޞަކޮށް ތަޙްޤީޤު މަރްހަލާއެވެ. ގާނޫނު އަސާސީ ފާސްވުމުގެ ކުރިންވެސް ފުލުހުންގެ ސައިންޓިފިކް ލެބޯޓްރީގެ މޮޅުވާހަކަތައް ދޭތެރެއަކުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިގެންދެއެވެ. ތަހްގީގު ކުރުމުގެ ވައްޓަފާޅިއަށް އަންނަންޖެހޭ ބަދަލުތަކާގުޅޭގޮތުން ވަރަށް ގިނަ ދިރާސާތައް ޔޫއެންޑީޕީފަދަ ޖަމާޢަތްތަކުގެ އެހީގައި ކުރެވިފައިވެއެވެ. ރާއްޖޭގައި އެހެންދާއިރާތަކުން ނުހެދޭހާ ގިނަ ދިރާސާ ބޭރުގެ ތަފާތު ކޮންސަލްޓެންޓުން ލައްވާ ކުރެވި، ގާނޫނު އަސާސީ ތައާރަފްވުމުގެ ކުރިން ވަރަށް ފުރިހަމައަށް ފުލުހުން ތައްޔާރުވެފައިވާކަމަށް ބެލެވުނެވެ. އާގާނޫނު އަސާސީގައި ހަނުހުރުމުގެ ހައްގާއި ތަހްގީގުގައިވާ އިއުތިރާފްގެ މައްޗަށް ޝަރީއަތުގައި ދައުވާ ނޫފުލުމާއި ހެއްކާ ގަރީނާގެ މައްޗަށް ތަހްގީގުތައް ބަރޯސާވާން ޖެހޭކަން މާކުރިންވެސް އެނގެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފުލުހުންގެ ކުޅަދާނަކަން ތަހްގީގު ކުރުމުގައި ދައްކާލެވޭބާވައެވެ.
އާގާނޫނު އަސާސީގެ ސަބަބުން ފުރިހަމަވެގެންދިޔަ އިންސާނީ ހައްގުތަކުގެ އިންތަކުގެ ތެރެއިން އިތުރު އުންމީދު ތަކެއް ކުރެވުނު އަނެއްކަމަކީ ތިރީސް އަހަރުގެ ގަދީމީ ވެރިކަމުގައި ސިއްކަޖެހިގެންދިއުމެވެ. އާގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރުމުގައި ރާއްޖޭގެ ޑިމޮކްރަސީގެ މައިތަނބު ކަމުގައި ބެލެވުނު މުޙައްމަދު ނަޝީދަށް ވެރިކަންލިބި ފުލުހުންނާއި ސިފައިންގެ ކަންކަން ވިލަރެސްކުރާ އެންމެމަތީ މީހަކީ އެމަނިކުފާނު ކަމުގައި ވެގެންދިއުމެވެ.
ގިނަ ބަޔަކު އުންމީދު ކުރި ގޮތުގައި ކުރިން ވަޅުޖަހާފައިވާ ތަހްގީގުތައް މެކުހައްޖަހާ، ވެރިކަމުގެ ދައުރު ފެށުމާއެކު ތަހްގީގީ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ވަރަށް ބޮޑުތަނުން ހަލުއިވެގެން ދާނެއެވެ. އާޕޮލިސް ކަމިޝަނަރާއި ހޯމް މިނިސްޓަރުގެ ގާބިލުކަން ޕޮލިސީ ނިންމުންތަކުން ފެނިގެންދާނެއެވެ. ނަމަވެސް ދިވެހިންގެ ތެރެއަށް މަޝްހޫރުވި ބޮޑެތި މައްސަލަތައް ވީހިސާބެއް އަދިވެސް ނޭންގެއެވެ. އަދި ފަހުގެ ތާރީޚުތަކުގައި ހިންގަމުންދާ މައްސަލަތަކުގައިވެސް ހަމަ ލިބެނީ އެއްޖަވާބެކެވެ. ތަހްގީގު ކުރިއަށް ދަނީއެވެ. ނޫނީ ތަހްގީގު ކުރިއަށް ދާތީ އިތުރު ތަފްސީލް ދެވެންނެތީއެވެ. ހާދިސާ ހިނގާތާ މަސްދުވަހުން އަހަރު ދުވަހުން ވެސް ތަހްގީގު އޮންނަނީ ބާރަށް ކުރިއަށް ގޮސްގޮހެވެ. ދާދިމާލެއް ނޭންގެއެވެ. ވާނުވާއެއްނޭންގެއެވެ. ދުވަސްކޮޅަކުން ނޫސްތަކުގެ ސުރުޚީތަކުން އެމައްސަލައެއް ގެއްލުނަސް ފުލުސް އޮފީހުން އެކުރާ ކަމެއް ކުރައްވާނެތާއެވެ. ރައްޔިތުންނަށް އެގެން ނުޖެހޭތީ އިތުރު ތަފްސީލް ހާމަ ނުކުރައްވަނީތާއެވެ.
ވަކި ހިސާބަކުން ވާނުވާ ނޭންގި ގެއްލިގޮސްފައިވާ ބައެއް މައްސަލަތައް ހަނދާން އާކޮށްލަމާތޯއެވެ.
މިފްކޯގެ ތިޖޫރީއަކުން ފެނުނު މިލިއަނެއްހާ ރުފިޔާގެ ވަގުނޫޓުގެ މައްސަލައެވެ. ފުލުހުންނަށް މައްސަލައިގެ ކިހާ ފުނަކަށް ދެވުނުބާވައެވެ. ހަމަ ޔަގީނުންވެސް އެފައިސާ ހޯދުނު ކަމަކަށް ނުވަތަ އެފައިސާ ތިޖޫރީއަށް ވަންގޮތެއް ހޯދުނު ކަމަކަށް އެއްވެސް ނޫހަކުން އަދި ނުކިޔަމެވެ.
ފަޅެއްގެ ތެރެއިން ފެނުނު ޓަނަކަށް ވުރެ މަސްތުވާ ތަކެތީގެ މައްސަލައެވެ. ކޯސްޓް ގާޑާ އިންޓެލިސްޖެންސާ އެހެންވެސް ގިނަ ވަސީލަތްތައް ފުލުހުންގެ އަތުގައި ހުންނާނެތާއެވެ. އަދި މިހާތަނަށްވެސް މިމައްސަލައިގެވެސް ކޮޅެއްމެދެއް ސާފެއްނުވެއެވެ.
އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލައާއި އެއާމޯލްޑިވްސްގެ މައްސަލައެވެ. މިމައްސަލަތަކަކީ ވެރިކަން ލިބުމުގެ ކުރިން އެމްޑީޕީގެ އިސްބޭފުޅުންގެ ދުލުކުރީގައި އޮތް މައްސަލަތަކެވެ. ވެރިކަން ލިބި ދެއަހަރު ފާއިތުވި އިރުވެސް ކުރިއަށް ފިޔަވަޅެއް އެޅިކަމެއް ނޭންގެއެވެ. ރައްޔިތުން ތިބީ އިންސާފުލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނޫނީ އެއީ، ނުދައްކާ ވާހަކައަކަށް ބަލަންވީބާވައެވެ.
ހޯރަފުށީ ހުސޭނުބޭގެ މަރުގެ މައްސަލައަކީ 5 ވަނަ ގިޔަރުގައި ކުރިއަށް ދިޔަ ފުރަތަމަ މައްސަލައެވެ. މިމައްސަލާގެ ތަހްގީގު ނިމުނު ހަބަރެއް ނޫސްތަކުން ފެނުނު ނަމަވެސް ދައުވާއެއް އުފުލި ވާހަކައެއް ނޫނީ ހުކުމެއް ކުރި ހަބަރެއް ނޫހަކުން ނުފެނުނެވެ. އަދި ނައިފަރުންވެސް މަރުވި މީހެއްގެ މިފަދަ ތަހްގީގެއް ފަށައިގެންއުޅޭކަން އިނގުނެވެ. ފަހުން ވީގޮތެއް މީޑިއާއަކަށް ތިލައެއްނުވިއެވެ.
ރާއްޖޭގައި އުޅުނު މާވަރުގަދަ ހަ މީހެއްގެ ވާހަކަ ރައީސް ދެއްކެވި އަޑު އިވުނެވެ. އެދުވަހު އިހްސާސް ކުރެވުނީ މަސްތުވާތަކެތީގެ މައްސަލަތައް މިދެން ނިމުމަކަށް އައީ ކަމަށެވެ. އަދި އަދަށްވެސް އެ ހަމީހަކު ވީހިސާބެއް ނޭންގެއެވެ. މިވަނީ ކިހިނެތްބާއޭ ހިތައްއަރައެވެ. އެކަން ކުރަނީ ހަމީހަކު ކަމާ އެހަމީހަކުގެ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ރައީސް ނަޝީދަށް އިނގުނު ނަމަވެސް މިއިން ކަމެއް ކޮޅެއްގައި ޖެހި، ރައްޔިތުންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.
މާވަރުގަދަ އަތްބަޅޭއެއްގެ ވާހަކައަކީ ކުއްލިއަކަށް މަޝްހޫރު ވި ވާހަކައެވެ. އޭނާގެ ކަށިތައްވެސް ފެނުނުކަމަށް ވިއެވެ. އަތްބަޅޭމެންގެ މަރުގެ ތަހްގީގު ނުހިނގާނަމަ ފުލުސްއޮފީސްވެސް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ހަރު ވާހަކަފުޅެއް ހަމަ ޔަގީނުންވެސް އަރާ ފޯރިގަނޑެއްގައި ގައުމެއް ރައީސެއް ވިދާޅެއް ނުވާނެތާއެވެ. ނަމަވެސް އަދި އަދަށްވެސް އެކަށިތަކަށް ވީނުވީއެއް ނޭންނެއެވެ. އާންމުކޮށް ވާގޮތަށް ތަހްގީގު ކުރިއަށް ދަނީކަމަށް ވެދާނެއެވެ. ޝަރީއަތާ ހަމައަށް މިކަންކަން ދާނީ ކިހާ ކުރިއަކަށް ދިޔާމާއަކެއް އަޅުގަނޑަކަށް ނޭންގެއެވެ.
ވެރިކަމުގެ ދެވަނަ އަހަރު މުޅި ގައުމު ގުގުމާލި އެއް ހާދިސާއަކީ މާވަރުގަދައަކަށް ރިޝްވަތުގެ އަމަލުތަކެއް ޕާލިމެންޓްގައި ހިނގާ ހަބަރެވެ. މަޖިލީހުގައި އަޑު ހަރު ސިޔާސީގޮތުން ބުރަދަން ބޮޑު ތިން މީހަކު ލުހެލީ މިހާދިސާއާ ގުޅިގެންނެވެ. އެފަދަ ބަޔަކު ލުހެލާނީ ގައިމު ހެކިތަކަކާއި ގަރީނާތަކަކާއި އެހެންވެސް ގިނަ މައުލޫމާތެއް ހުރެގެންކަމަށް ފެނެއެވެ. ނަމަވެސް އަހަރަކާ ގާތްވިއިރުވެސް އެއިން މީހެއްގެ މައްޗަށް ދައުވާއެއް އުފުލިތަކެއް ނުފެނުނެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ކުރުން ޣައިރު ގާނޫނީ ކަމަށް ޝަރީއަތުން ކަނޑައެޅިގެން ދިޔައެވެ.
ވެބްކެމް ކުރިމަތީގައި އެކްޓް ކުރުމުގެ މައްސަލަތަކެއް ހިލިގެން ދިޔަތާވެސް ދުވަސް ތަކެއްވެއްޖެއެވެ. އަދި އަދަށްވެސް މިއިން މައްސަލައެއްގެ ތަހްގީގު ފުރިހަމަ ކުރެވުނު ކަމަކަށް މީޑިއާއަކުން ނޭންގެއެވެ. މީހުން އައިޑެންޓިފައި ކުރާކަމަށް ބުނަމުން ދިޔަތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. އަދި މިހާތަނަށްވެސް މިކަމުގެ ތަހްގީގުގެ ކޮޅެއް މެދެއްނުފެނެއެވެ. ފަހަރެއްގައި މިހާ ބޮޑު ތަހުގީގެއްވީމާ ދައުރު ނިމެންދެންވެސް ދެމިގެން ގޮސްފާނެއެވެ.
ތަހްގީގެއް ހިންގަން ޖެހޭ ކޮންމެ ފަހަރަކީ މީހުން ބަންދުކުރަން ޖެހޭ ފަހަރެއް ނޫންކަން ފުލުހުންނަށް ގަބޫލު ކުރެވެންޖެހެއެވެ. ނަމަވެސް އަދި އަދަށްވެސް ފެންނަނީ މީހުން ބަންދު ނުކުރެވިގެން ތެޅިފޮޅޭތަނެވެ. ފަހަރެއްގައި މީހާ ބަންދުކޮށްގެންނޫނީ ތަހްގީގަށް ހެކި ހޯދޭވަރު ނުވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް ގާބޫލު ކުރަންޖެހޭ ހަގީގަތަކީ ގާނޫނާ ހިލާފަށް ހޯދާ ހެކި އާގާނޫނު އަސާސީގެ ދަށުން ކޯޓުތަކުން ގަބޫލު ނުކުރެވޭނެކަމެވެ. އަނެއްކޮޅުން ތަހްގީގުގައި ދައްކާ ވާހަކައަކީ މާބޮޑު ބުރަދަނެއް ހުންނަ ވާހަކަ ތަކަކަށް ނުވާކަމެވެ. ތަހްގީގުގައި ހަނު ހުރުމުން ދެން ކީއްކުރަން ކުރާ ބަންދެއްތޯއެވެ. ދެން ގަދަބާރުން މީހުން ބަންދުކޮށްގެން ހޯދަން މިއުޅެނީ ކޮން ހެއްކެއްބާވައެވެ. ފޮރެންސިކް ލެބޯޓްރީއާއި އެހެނިހެން ގޮތްގޮތުން ވަސީލަތްތަކުން ހެކި ހޯދޭނެތާއެވެ. މިގޮތުން ހޯދާ މަދުހެކިވެސް ގިނަފަހަރު ކޯޓުތަކާ ހަމައަކަށް ތިލަނުވާކަމަށްވެއެވެ.
ބޮޑެތި އާރުލާ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް އާދައިގެ ނިކަމެތި މީހުންގެ ކުދިކުދި މައްސަލަތައް ގިނަ ފަހަރު ދާ ސްޕީޑު ގޯހެއްނޫނެވެ. ފެންނަން ހުންނަ މަންޒަރުތަކުން ސިފަވަނީ ފުލުހުންވެސް ސިޔާސީ މައިދާނުގައި ޣަރަގުވަމުންދާ ތަން ކަމަށް މީހުންނަށް ހީވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ހެޔޮވެރިކަމެއްގައި އޯގާތެރި ސަރުކާރަކުން ފުލުހުންގެ ބޭނުން ނުރަނގަޅު މަގަކުން ހިފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ހަމަ ތަހްގީގު ކުރިއަށް ދާކަމަށް ބަލަމާހިނގާށެވެ. ޕީޖީ ބޭނުންވާ ފެންވަރަށް ތަހްގީގުތައް ނުކުރެވެނީ ތަމްރީނު ވެފައިވާ ގާބިލު މީހުންނާ ލެބޯޓްރީތަކާ ވަސީލަތްތައް ނެތިގެން ކަމަކަށް ގަބޫލު ނުކުރެވުނަސް ފެންނަ މަންޒަރުން ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ. ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ނުވާކަން ކަށަވަރުވެއެވެ.







No comments: