Wednesday, June 15, 2011

މިނިވަން މުވައްސަސާތަކާއެކު އައިބަދަލު

ފެހި ގާނޫނު އަސާސީއާއެކު ދައުލަތް ހިންގުމުގެ އޮނިގަނޑަށް އައި އެންމެ ބޮޑު ބަދަލަކީ އުފެދިގެން ދިޔަ "މިނިވަން" މުވައްސަސާތަކެވެ. މިނިވަން މުވައްސަސާ ތަކުގެ ސަބަބުން ގައުމުގެ ހިންގުމަށް އައީ ކޮންކަހަލަ ބަދަލެއްތޯ ވިސްނާލުމުން ފެންނަ މަންޒަރުތަކަކީ މުޅިއަކުން ދެކެން ބޭނުންވި މަންޒަރެއްނޫނެވެ.
މިނިވަން މުވައްސަސާތައް މިނިވަންވީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެއެވެ. ގިނަ މުވައްސަސާތަކުގެ އިސްމީހުންގެ ވިސްނުން ބޮޑަށް މިސްރާބު ކުރެވިފައިވަނީ އެމީހުންގެ މަގާމުދިފާއުކުރުމުގެ މައްޗަށެވެ. އެތަނުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތުގެ ފެންވަރު މަތިކޮށް ހަލުއިކުރުމަށްވުރެ، ބޮޑުދެޕާޓީގެ ރުހުން ހޯދަން މަސައްކަތް ކުރުމަކީ އެންމެ އިސްކަމަކަށް ވަނީ ވެފައެވެ. ބޮޑު ދެޕާޓީގެ ރުހުންހޯދުމަށް ކޮންމެހެން މުހިންމީ ރައްޔިތުންނަށް ޒިންމާދާރު ކަމާއެކު އެތަނަކުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމެއްނޫނެވެ. އެޕާޓީތަކުގެ ވިސްނުން ދިފާއުކުރުމެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ ފުލުހުންނާއި ސިފައިންގެ ފަރާތުންނެވެ.
ގިނަ މުވައްސަސާތަކުގެ އިސްމީހުން ދެޕާޓީގެ އަވާގައި ޖެހި ތިބޭތަން ފެންނަނީ ހަތަރެސްފައި ބަނދެވިފައެވެ. ކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކިތަންމެ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ބާރު ހުރި ޕާޓީތަކުގެ ރުހުން ނެތްނަމަ ވަޒީފާއާމެދު މާބޮޑު ޔަގީން ކަމެއްނެތެވެ. ވަޒީފާ ސަލާމަތް ކުރުމަކީ ތިމާއާ ހަވާލުވެފައިވާ މަސްއޫލިއްޔައްވުރެ އިސްކަމެއް ކަމުގައި ދެކޭނަމަ ކަންވާނެގޮތްތަކީ މިހާރު ރާއްޖޭގައި ކަން ހިނގަމުންދާ ގޮތެވެ.
މިނިވަން މުވައްސަސާތަކާއެކު ފާހަގަ ކުރެވުނު އަނެއްބޮޑު ބަދަލަކީ ދައުލަތުގެ މުވައްސަސާތަކުގެ މެދުގައި އުފެދިގެން ދިޔަ މުސާރައިގެ ވާދަވެރިކަމެވެ. އެއްތަނަށް ވުރެ ބޮޑު މުސާރައެއް އަނެއްތަނުން ދެވޭތޯ ކުރި މަސައްކަތުގައި ބައެއް އިދާރާތަކުންވަނީ ވަރަށްބޮޑެތި ކާމިޔާބުތައް ހާސިލުކޮށްފައެވެ. ދިވެހި ދިދައިގެ ދަށުގައި ދައުލަތުގެ ހިދުމަތުގައި އެއްމަގާމެއްގައި ތިބި އެއްފެންވަރަކަށް ތަޢުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ފަރަގު ނުހަނު ބޮޑުވެގެން ދިއުމީ ހައިރާންވާން ނުޖެހޭ ކަމެއްތޯއެވެ. މިކަމުގައި ޒިންމާ ނަގާނެ ފަރާތެއް އޮތްކަމަކަށް ނުވެއެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެކި ނަންނަމުގައި ދެވޭ އިނާޔަތްތައް ހަމަތަކަކަށް ފެއްތުމުގެ ބާރު ލިބިފައިވާ ފަރާތެއް މިއަދަކު ފެންނާކަށް ނެތެވެ. މަޖިލީހުން ގާނޫނުތައް ފާސްވެ މުވައްސަސާތައް އުފެއްދި އިރު އެކިތަނަށް ހަމަޖައްސާފައިވަނީ ވެސް އެކިގޮތެވެ. އެއްބަޔަކު އަމިއްލައަށް ހިތު ހުރިވަރެއް ކަނޑައަޅަންވެސް ދޫކޮށްލާފައިވާ ކަމަށްވެއެވެ. މިކަން އިސްލާހް ކުރުމަށް އަނެއްކާ އަނެއް މުވައްސަސާ ގާއިމްކުރަންވީއެވެ. މިކަމުގައި އިސްނަގާނެ ސަރުކާރެއް މަޖިލިހެއް ނެތެވެ.
ތިންލައްކަ އާބާދީ ކިރިޔާ ހަމަވާ މިގައުމަށްވުރެ ވަކި މުވައްސަސާތައް ގިނަ ބޮޑު ދައުލަތެއް ދުނިޔޭގައި ވާނެއެކޭ ހިއެއްނުވެއެވެ. ގައުމުގެ ކޮންމެ ހަ ރައްޔިތަކަށް ދައުލަތުން މުސާރަދޭ އެކަކު ގައުމުގައި މިއަދު ހުންނާނެކަމަށް ބެލެވެއެވެ. ސިވިލްސާވިސް އާއި އެހެން އިދާރާތަކާއި ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތުންނެވެ. ރައްޔިތަކު ހިދުމަތެއް ހޯދަންވެއްޖެނަމަ މިއަށްވުރެ ވަކި ތަކުލީފު ބޮޑުތަނެއް އޮންނާނެބާވައެވެ.
ގިނަ މުވައްސަސާތައް އުފެއްދި މަގުސަދަކަށް ވާނީ ހެނދުނު ހުޅުވާ ހަވީރު ބަންދުކޮށް މަސްހަމަވުމުން މުވައްޒަފުންނަށް މުސާރަ ދިނުން ހެނެއް ހިއެއްނުވެއެވެ. ރައްޔިތުންނަށް ފެންނަމިންވަރަށް ނުވަތަ ގަބޫލު ކުރެވޭގޮތަށް އެއިން ތަނެއްގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއްކަމަށް ނުވާނެބާވައެވެ.
މިސާލެއްގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަލާލަމާތޯއެވެ. ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވާކަމަށް ޓްރާންސް ޕޭރަންސީ ފަދަ ޖަމާއަތްތަކުން އެދަނީ ބުނަމުންނެވެ. ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަނަށް ނިސްބަތްވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް މިނިވަން ކޮމިޝަން ހެދި ފަހުންވެސް ފެންމަތިވާލެއް މަދެއްނުވެއެވެ. ބައެއް މަޝްރޫޢުތައް ގަވާޢިދުތަކާ ހިލާފަށް ހުރެގެން ހުއްޓާލަން އަންގާކަމަށްވެއެވެ. މަޝްރޫޢު ހުއްޓާލަން އަންގާއިރު ގަވާއިދަށް ހިލާފަށް ކަން ކުރި މީހާގެ މައްޗަށް ދައުވާއެއް ނޫފުލެއެވެ. އަދި އެންޓި ކޮރަޕްޝަނުގެ އެންގުމަށް ގޮންޖަހާފައި ކަންކުރަމުންދާއިރުވެސް އެޅޭނެ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. ގާނޫނުގެ މައްސަލައަކުން ކަމަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ގާނޫނު އިސްލާހްކޮށް މަޖިލީހަށް ހުށަހެޅުމަކީވެސް ކޮމިޝަނަށް ކުރެވޭނެ ކަމެއްކަމަށް ފެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ކޮމިޝަންގެ އިތުބާރު ގެއްލޭނެއެވެ.
ހިއުމަންރައިޓްސް ކޮމިޝަނަކީ އަނެއް މުވައްސަސާއެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން އާކޮމިޝަން އުފެދުނު ފަހުން މާބޮޑު ވާހަކަތަކެއް މީޑިއާއާ ހަމައަކަށް ތިލައެއްނުވެއެވެ. ފަހަރެއްގައި އިންސާނީ ހައްގުތައް ލިބި ފުރިހަމަވެ ނިމިފައިއޮތީ ކަމަށް ވެދާނެއެވެ. ނަމަވެސް ނޫސްތަކުންފެންނަ އިންސާނިއްޔަތާ ހިލާފު ތަފާތު އަމަލުތަކުގެ ހަބަރުތައް މަދެއްނުވެއެވެ. ނޫނީ އެފަރާތްތަކުގެ މަސައްކަތްޕުޅު ބުރަކަމުން ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާ ހިއްސާކޮށްލާނެ ވަގުތެއް ނުވަނީކަމަށްވެސް ވެދާނެއެވެ.
ޕީޖީއޮފީހަކީ މީގެ އަނެއް އޮފީހެވެ. މޮޑެތި މުޖުރިމުންނާ ނަންމަޝްހޫރު ޑުރަގު ޑީލަރުން ހަށިފޮޅާލާފައި މުޖުތަމައަށް ނުކުންނައިރު ކުރެވޭނެ މާބޮޑު ކަމެއް އޮންނަ ކަމަށް ނުވެއެވެ. ދަށުކޯޓުން މައްސަލަ ނިމުމުން ކުށްސާބިތު ނުވާނަމަ މަތީކޯޓުތަކަށް ހުށަހަޅާގެންވެސް ކާމިޔާބުވޭތޯ ގަދަ އަޅާ މަސައްކަތް ކުރެވޭތަނެއްނުފެނެއެވެ. ނަމަވެސް ސިޔާސީ ކުށްވެރިންގެ މައްސަލަތަކުގައި ހިފައިގެން ވަރަށް އަވަދިނެތި އުޅޭތަން ފެނެއެވެ. ސިޔާސީ މީހުންގެ މައްސަލަތައް ހިފައިގެން ފަހަރަކު ކޯޓަކަށް ގޮސް ކުށެއްސާބިތުވޭތޯ ނުވަތަ ބަންދުގައި ބަހައްޓާލެވޭތޯ އުޅުމަކުން މައްސަލައެއް އޮތީކީނޫނެވެ. މައްސަލައޮންނަކީ ކިލޯ ކިރޭވަރަށް އެތެރޭ މަސްތުވާ ތަކެތީގެ މައްސަލައާއި މާރާމާރީ ފަދަ މައްސަލަތައް އިސްތިއުނާފުކޮށް އެމީހުންގެ މައްޗަށް ކުށެއް ސާބިތުވޭތޯ ގަދަ އަޅާ އުޅޭތަން ނުފެންނާތީއެވެ.
މިހާރު ކަންކަން މިދާ މިސްރާބުން ފެންނަނީ އެއްކަލަ ތިރީސް އަހަރުގެ ހާލަތައް މަޑުމަޑު ގައުމުދާ މަންޒަރެވެ. ދަތިހާލުން ގާއިމްކުރި ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު ގެއްލި ޑިމޮކްރަސީއަކީ ހަމައެކަނި ބޮޑު ހަރަދު ގަނޑެއްގެ ގޮތުގައި ސިފަވާތަނެވެ. މިއީ އެއްވެސް ދިވެއްސަކު އެދޭނެ ގޮތެއްނޫނެވެ. މިނިވަން މުވައްސަސާ ތަކުގެ ފުރިހަމަ ގޮތުގައި އަދާކުރެވިގެންނޫނީ ޑިމޮކްރަސީ ހަރުދަނާއެއް ނުވާނެއެވެ.


Sunday, June 12, 2011

ތަހްގީގު ކުރިއަށްދަނީ

އަލަށް ތަޢާރަފްވި ފެހި ގާނޫނު އަސާސީއަށްފަހު އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވުނު އެއްދިމާއަކީ ޖިނާއީ އަދުލުގެ ނިޒާމެވެ. ޚާއްޞަކޮށް ތަޙްޤީޤު މަރްހަލާއެވެ. ގާނޫނު އަސާސީ ފާސްވުމުގެ ކުރިންވެސް ފުލުހުންގެ ސައިންޓިފިކް ލެބޯޓްރީގެ މޮޅުވާހަކަތައް ދޭތެރެއަކުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިގެންދެއެވެ. ތަހްގީގު ކުރުމުގެ ވައްޓަފާޅިއަށް އަންނަންޖެހޭ ބަދަލުތަކާގުޅޭގޮތުން ވަރަށް ގިނަ ދިރާސާތައް ޔޫއެންޑީޕީފަދަ ޖަމާޢަތްތަކުގެ އެހީގައި ކުރެވިފައިވެއެވެ. ރާއްޖޭގައި އެހެންދާއިރާތަކުން ނުހެދޭހާ ގިނަ ދިރާސާ ބޭރުގެ ތަފާތު ކޮންސަލްޓެންޓުން ލައްވާ ކުރެވި، ގާނޫނު އަސާސީ ތައާރަފްވުމުގެ ކުރިން ވަރަށް ފުރިހަމައަށް ފުލުހުން ތައްޔާރުވެފައިވާކަމަށް ބެލެވުނެވެ. އާގާނޫނު އަސާސީގައި ހަނުހުރުމުގެ ހައްގާއި ތަހްގީގުގައިވާ އިއުތިރާފްގެ މައްޗަށް ޝަރީއަތުގައި ދައުވާ ނޫފުލުމާއި ހެއްކާ ގަރީނާގެ މައްޗަށް ތަހްގީގުތައް ބަރޯސާވާން ޖެހޭކަން މާކުރިންވެސް އެނގެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފުލުހުންގެ ކުޅަދާނަކަން ތަހްގީގު ކުރުމުގައި ދައްކާލެވޭބާވައެވެ.
އާގާނޫނު އަސާސީގެ ސަބަބުން ފުރިހަމަވެގެންދިޔަ އިންސާނީ ހައްގުތަކުގެ އިންތަކުގެ ތެރެއިން އިތުރު އުންމީދު ތަކެއް ކުރެވުނު އަނެއްކަމަކީ ތިރީސް އަހަރުގެ ގަދީމީ ވެރިކަމުގައި ސިއްކަޖެހިގެންދިއުމެވެ. އާގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރުމުގައި ރާއްޖޭގެ ޑިމޮކްރަސީގެ މައިތަނބު ކަމުގައި ބެލެވުނު މުޙައްމަދު ނަޝީދަށް ވެރިކަންލިބި ފުލުހުންނާއި ސިފައިންގެ ކަންކަން ވިލަރެސްކުރާ އެންމެމަތީ މީހަކީ އެމަނިކުފާނު ކަމުގައި ވެގެންދިއުމެވެ.
ގިނަ ބަޔަކު އުންމީދު ކުރި ގޮތުގައި ކުރިން ވަޅުޖަހާފައިވާ ތަހްގީގުތައް މެކުހައްޖަހާ، ވެރިކަމުގެ ދައުރު ފެށުމާއެކު ތަހްގީގީ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ވަރަށް ބޮޑުތަނުން ހަލުއިވެގެން ދާނެއެވެ. އާޕޮލިސް ކަމިޝަނަރާއި ހޯމް މިނިސްޓަރުގެ ގާބިލުކަން ޕޮލިސީ ނިންމުންތަކުން ފެނިގެންދާނެއެވެ. ނަމަވެސް ދިވެހިންގެ ތެރެއަށް މަޝްހޫރުވި ބޮޑެތި މައްސަލަތައް ވީހިސާބެއް އަދިވެސް ނޭންގެއެވެ. އަދި ފަހުގެ ތާރީޚުތަކުގައި ހިންގަމުންދާ މައްސަލަތަކުގައިވެސް ހަމަ ލިބެނީ އެއްޖަވާބެކެވެ. ތަހްގީގު ކުރިއަށް ދަނީއެވެ. ނޫނީ ތަހްގީގު ކުރިއަށް ދާތީ އިތުރު ތަފްސީލް ދެވެންނެތީއެވެ. ހާދިސާ ހިނގާތާ މަސްދުވަހުން އަހަރު ދުވަހުން ވެސް ތަހްގީގު އޮންނަނީ ބާރަށް ކުރިއަށް ގޮސްގޮހެވެ. ދާދިމާލެއް ނޭންގެއެވެ. ވާނުވާއެއްނޭންގެއެވެ. ދުވަސްކޮޅަކުން ނޫސްތަކުގެ ސުރުޚީތަކުން އެމައްސަލައެއް ގެއްލުނަސް ފުލުސް އޮފީހުން އެކުރާ ކަމެއް ކުރައްވާނެތާއެވެ. ރައްޔިތުންނަށް އެގެން ނުޖެހޭތީ އިތުރު ތަފްސީލް ހާމަ ނުކުރައްވަނީތާއެވެ.
ވަކި ހިސާބަކުން ވާނުވާ ނޭންގި ގެއްލިގޮސްފައިވާ ބައެއް މައްސަލަތައް ހަނދާން އާކޮށްލަމާތޯއެވެ.
މިފްކޯގެ ތިޖޫރީއަކުން ފެނުނު މިލިއަނެއްހާ ރުފިޔާގެ ވަގުނޫޓުގެ މައްސަލައެވެ. ފުލުހުންނަށް މައްސަލައިގެ ކިހާ ފުނަކަށް ދެވުނުބާވައެވެ. ހަމަ ޔަގީނުންވެސް އެފައިސާ ހޯދުނު ކަމަކަށް ނުވަތަ އެފައިސާ ތިޖޫރީއަށް ވަންގޮތެއް ހޯދުނު ކަމަކަށް އެއްވެސް ނޫހަކުން އަދި ނުކިޔަމެވެ.
ފަޅެއްގެ ތެރެއިން ފެނުނު ޓަނަކަށް ވުރެ މަސްތުވާ ތަކެތީގެ މައްސަލައެވެ. ކޯސްޓް ގާޑާ އިންޓެލިސްޖެންސާ އެހެންވެސް ގިނަ ވަސީލަތްތައް ފުލުހުންގެ އަތުގައި ހުންނާނެތާއެވެ. އަދި މިހާތަނަށްވެސް މިމައްސަލައިގެވެސް ކޮޅެއްމެދެއް ސާފެއްނުވެއެވެ.
އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލައާއި އެއާމޯލްޑިވްސްގެ މައްސަލައެވެ. މިމައްސަލަތަކަކީ ވެރިކަން ލިބުމުގެ ކުރިން އެމްޑީޕީގެ އިސްބޭފުޅުންގެ ދުލުކުރީގައި އޮތް މައްސަލަތަކެވެ. ވެރިކަން ލިބި ދެއަހަރު ފާއިތުވި އިރުވެސް ކުރިއަށް ފިޔަވަޅެއް އެޅިކަމެއް ނޭންގެއެވެ. ރައްޔިތުން ތިބީ އިންސާފުލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނޫނީ އެއީ، ނުދައްކާ ވާހަކައަކަށް ބަލަންވީބާވައެވެ.
ހޯރަފުށީ ހުސޭނުބޭގެ މަރުގެ މައްސަލައަކީ 5 ވަނަ ގިޔަރުގައި ކުރިއަށް ދިޔަ ފުރަތަމަ މައްސަލައެވެ. މިމައްސަލާގެ ތަހްގީގު ނިމުނު ހަބަރެއް ނޫސްތަކުން ފެނުނު ނަމަވެސް ދައުވާއެއް އުފުލި ވާހަކައެއް ނޫނީ ހުކުމެއް ކުރި ހަބަރެއް ނޫހަކުން ނުފެނުނެވެ. އަދި ނައިފަރުންވެސް މަރުވި މީހެއްގެ މިފަދަ ތަހްގީގެއް ފަށައިގެންއުޅޭކަން އިނގުނެވެ. ފަހުން ވީގޮތެއް މީޑިއާއަކަށް ތިލައެއްނުވިއެވެ.
ރާއްޖޭގައި އުޅުނު މާވަރުގަދަ ހަ މީހެއްގެ ވާހަކަ ރައީސް ދެއްކެވި އަޑު އިވުނެވެ. އެދުވަހު އިހްސާސް ކުރެވުނީ މަސްތުވާތަކެތީގެ މައްސަލަތައް މިދެން ނިމުމަކަށް އައީ ކަމަށެވެ. އަދި އަދަށްވެސް އެ ހަމީހަކު ވީހިސާބެއް ނޭންގެއެވެ. މިވަނީ ކިހިނެތްބާއޭ ހިތައްއަރައެވެ. އެކަން ކުރަނީ ހަމީހަކު ކަމާ އެހަމީހަކުގެ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ރައީސް ނަޝީދަށް އިނގުނު ނަމަވެސް މިއިން ކަމެއް ކޮޅެއްގައި ޖެހި، ރައްޔިތުންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.
މާވަރުގަދަ އަތްބަޅޭއެއްގެ ވާހަކައަކީ ކުއްލިއަކަށް މަޝްހޫރު ވި ވާހަކައެވެ. އޭނާގެ ކަށިތައްވެސް ފެނުނުކަމަށް ވިއެވެ. އަތްބަޅޭމެންގެ މަރުގެ ތަހްގީގު ނުހިނގާނަމަ ފުލުސްއޮފީސްވެސް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ހަރު ވާހަކަފުޅެއް ހަމަ ޔަގީނުންވެސް އަރާ ފޯރިގަނޑެއްގައި ގައުމެއް ރައީސެއް ވިދާޅެއް ނުވާނެތާއެވެ. ނަމަވެސް އަދި އަދަށްވެސް އެކަށިތަކަށް ވީނުވީއެއް ނޭންނެއެވެ. އާންމުކޮށް ވާގޮތަށް ތަހްގީގު ކުރިއަށް ދަނީކަމަށް ވެދާނެއެވެ. ޝަރީއަތާ ހަމައަށް މިކަންކަން ދާނީ ކިހާ ކުރިއަކަށް ދިޔާމާއަކެއް އަޅުގަނޑަކަށް ނޭންގެއެވެ.
ވެރިކަމުގެ ދެވަނަ އަހަރު މުޅި ގައުމު ގުގުމާލި އެއް ހާދިސާއަކީ މާވަރުގަދައަކަށް ރިޝްވަތުގެ އަމަލުތަކެއް ޕާލިމެންޓްގައި ހިނގާ ހަބަރެވެ. މަޖިލީހުގައި އަޑު ހަރު ސިޔާސީގޮތުން ބުރަދަން ބޮޑު ތިން މީހަކު ލުހެލީ މިހާދިސާއާ ގުޅިގެންނެވެ. އެފަދަ ބަޔަކު ލުހެލާނީ ގައިމު ހެކިތަކަކާއި ގަރީނާތަކަކާއި އެހެންވެސް ގިނަ މައުލޫމާތެއް ހުރެގެންކަމަށް ފެނެއެވެ. ނަމަވެސް އަހަރަކާ ގާތްވިއިރުވެސް އެއިން މީހެއްގެ މައްޗަށް ދައުވާއެއް އުފުލިތަކެއް ނުފެނުނެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ކުރުން ޣައިރު ގާނޫނީ ކަމަށް ޝަރީއަތުން ކަނޑައެޅިގެން ދިޔައެވެ.
ވެބްކެމް ކުރިމަތީގައި އެކްޓް ކުރުމުގެ މައްސަލަތަކެއް ހިލިގެން ދިޔަތާވެސް ދުވަސް ތަކެއްވެއްޖެއެވެ. އަދި އަދަށްވެސް މިއިން މައްސަލައެއްގެ ތަހްގީގު ފުރިހަމަ ކުރެވުނު ކަމަކަށް މީޑިއާއަކުން ނޭންގެއެވެ. މީހުން އައިޑެންޓިފައި ކުރާކަމަށް ބުނަމުން ދިޔަތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. އަދި މިހާތަނަށްވެސް މިކަމުގެ ތަހްގީގުގެ ކޮޅެއް މެދެއްނުފެނެއެވެ. ފަހަރެއްގައި މިހާ ބޮޑު ތަހުގީގެއްވީމާ ދައުރު ނިމެންދެންވެސް ދެމިގެން ގޮސްފާނެއެވެ.
ތަހްގީގެއް ހިންގަން ޖެހޭ ކޮންމެ ފަހަރަކީ މީހުން ބަންދުކުރަން ޖެހޭ ފަހަރެއް ނޫންކަން ފުލުހުންނަށް ގަބޫލު ކުރެވެންޖެހެއެވެ. ނަމަވެސް އަދި އަދަށްވެސް ފެންނަނީ މީހުން ބަންދު ނުކުރެވިގެން ތެޅިފޮޅޭތަނެވެ. ފަހަރެއްގައި މީހާ ބަންދުކޮށްގެންނޫނީ ތަހްގީގަށް ހެކި ހޯދޭވަރު ނުވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް ގާބޫލު ކުރަންޖެހޭ ހަގީގަތަކީ ގާނޫނާ ހިލާފަށް ހޯދާ ހެކި އާގާނޫނު އަސާސީގެ ދަށުން ކޯޓުތަކުން ގަބޫލު ނުކުރެވޭނެކަމެވެ. އަނެއްކޮޅުން ތަހްގީގުގައި ދައްކާ ވާހަކައަކީ މާބޮޑު ބުރަދަނެއް ހުންނަ ވާހަކަ ތަކަކަށް ނުވާކަމެވެ. ތަހްގީގުގައި ހަނު ހުރުމުން ދެން ކީއްކުރަން ކުރާ ބަންދެއްތޯއެވެ. ދެން ގަދަބާރުން މީހުން ބަންދުކޮށްގެން ހޯދަން މިއުޅެނީ ކޮން ހެއްކެއްބާވައެވެ. ފޮރެންސިކް ލެބޯޓްރީއާއި އެހެނިހެން ގޮތްގޮތުން ވަސީލަތްތަކުން ހެކި ހޯދޭނެތާއެވެ. މިގޮތުން ހޯދާ މަދުހެކިވެސް ގިނަފަހަރު ކޯޓުތަކާ ހަމައަކަށް ތިލަނުވާކަމަށްވެއެވެ.
ބޮޑެތި އާރުލާ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް އާދައިގެ ނިކަމެތި މީހުންގެ ކުދިކުދި މައްސަލަތައް ގިނަ ފަހަރު ދާ ސްޕީޑު ގޯހެއްނޫނެވެ. ފެންނަން ހުންނަ މަންޒަރުތަކުން ސިފަވަނީ ފުލުހުންވެސް ސިޔާސީ މައިދާނުގައި ޣަރަގުވަމުންދާ ތަން ކަމަށް މީހުންނަށް ހީވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ހެޔޮވެރިކަމެއްގައި އޯގާތެރި ސަރުކާރަކުން ފުލުހުންގެ ބޭނުން ނުރަނގަޅު މަގަކުން ހިފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ހަމަ ތަހްގީގު ކުރިއަށް ދާކަމަށް ބަލަމާހިނގާށެވެ. ޕީޖީ ބޭނުންވާ ފެންވަރަށް ތަހްގީގުތައް ނުކުރެވެނީ ތަމްރީނު ވެފައިވާ ގާބިލު މީހުންނާ ލެބޯޓްރީތަކާ ވަސީލަތްތައް ނެތިގެން ކަމަކަށް ގަބޫލު ނުކުރެވުނަސް ފެންނަ މަންޒަރުން ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ. ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ނުވާކަން ކަށަވަރުވެއެވެ.







Thursday, June 9, 2011

ކަންކުރާ މީހާގެ ސަބަބުން ކަންކަން ރަނގަޅުވެ ނުބައިވުން

ކަންކުރާމީހާގެ ސަބަބުން ކަންކަން ރަނގަޅުވެ ގޯސްވުން މީދެން އަހަންނަށް ކަމުދާ ހަމައެއްނޫނެވެ.
މައުމޫނު ދައުރުގައި މޫނުމަތި ރީތިކުރަން ހިލް އެންޑް ނޯޓަން ކިޔާ ބަޔެއްގެ އެހީ ހޯދާ އެމީހުންނަށް ފައިސާތަކެއް ދިންވާހަކައަކީ ވަރަށް މަޝްހޫރުވެގެން ދިޔަ ވާހަކައެކެވެ. މިހާރު މަދު ބަޔަކުނޫނީ އެކަން ހަނދާން ހުރި ހެނެއް ހިއެއްނުވެއެވެ. ބޭރު ބައެއްގެ އެހީތެރިކަން މައުމޫނު ހޯދާ ސަރުކާރު ޕްރޮމޯޓުކުރަން އުޅުމުން އެކަމަކީ އިންތިހާބުގެ ތެރޭގައި އެންމެ އަޑުހަރުކޮށް އެދުވަސްވަރު ދެކެވުނު އެއްވާހަކައެވެ. ނިސްބަތުން ބަލާއިރު އެކަމަށް ހޭދަކޮށްފައިވަނީކީވެސް މާކަ ބޮޑު އެއްޗެއް ނޫނެވެ. ނަމަވެސް މައްސަލައަކަށްވީ ބޭރު ބަޔަކު ލައްވާ މައުމޫނު ޕީއާރު ސްޓަންޓު ޖައްސަން އުޅުމުންނެވެ. ހަމަ ޔަގީނުންވެސް މައުމޫނު ހިލްއެންޑްނޯޓަންގެ އެހީތެރިކަން ހޯދި ހޯދުން ދިފާއުކޮށް އޭނާ ދައްކާނެ ވަރަށްގިނަ ހަމަ ހުންނާނެއެވެ. މައުމޫނުގެ ސަރުކާރުން ހިލްއެންޑްނޯޓަންގެ އެހީތެރިކަން ހޯދީ ރައްޔިތުންނާ ގައުމަށްޓަކައި ކަމަށް މައުމޫނު ދައްކާނެ ކިތަންމެ ބަހަނާއެއް ވެސް ހުންނާނެއެވެ.
މިހާރުގެ ރައީސް ނަޝީދުގެ ސަރުކާރުން މިކުރަނީ ކީއްބާއްވައެވެ. ހިލްއެންޑްނޯޓަންގެ އެހީ މައުމޫނު ހޯދުމުން އެވާހަކަ އެންމެ ގަދަޔަށް ދެއްކިމީހުން މިއަދު މިކުރަނީ ކީއްބައެވެ. ސަރުކާރުގެ މަގާމުތަކުގައި އިނގިރޭސި ވިލާތުގައި ގާއިމްވެ ތިބި އިނގިރޭސީންގެ އަދަދު ކިހާވަރެއްތޯއެވެ. ރައީސް އޮފީސްތެރޭގައި މަސައްކަތްކުރާ މީހުންގެ އަދަދު ކިހާވަރެއްތޯއެވެ. ރައީސް ނަޝީދުގެ ޕޮލިސީ އެޑްވައިޒަރުންގެ ގޮތުގައި ކިތައް ފަރަންޖީން މަސައްކަތް ކުރޭތޯއެވެ. ސަރުކާރުގެ މުސާރަވެރިންގެ ގޮތުގައި އިނގިރޭސި ވިލާތުގެ ތަފާތު ގުރޫޕުތަކަށް ނިސްބަތްވާ ކިތައްމީހުން ވަޒީފާއަދާކުރޭތޯއެވެ. ނުވިތާކަށް މިހާރު އައިޖީއެމް ހޮސްޕިޓަލާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ތަންތަން ވެސް އިނގިރޭސި ވިލާތުގެ މީހުންގެ އަތްމަށްޗަށް ދިޔައީއެވެ. މިހާރު ފަރަންޖީންގެ އެހީގައި މިހިންގާ ހަރަކާތްތަކަކީ މާކަބޮޑު މައްސަލައަކަށް ނުވެއެވެ. އެއީ އެކަން ކުރަންޖެހޭގޮތް ކަމަށްވެސް ވެދާނެއެވެ. މިހާރުގެ ސަރުކާރުގެ މުސާރަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ދޮރު ފަރަންޖީންނަށް މިހާބޮޑަށް ހުޅުވިފައިވާއިރު ތައުލީމީ ދިވެހި ޒުވާނުން ދަނީ ބާކީވަމުންނެވެ. ސަރުކާރުން އިއުލާނުކުރާ ބޯޑުތަކަށާއި އެކި މުވައްސަސާތަކަށް ސަތޭކައިން ގުނޭ އަދަދުތަކުން އެދަނީ ތައުލީމީ މީހުން ކުރިމަތިލަމުންނެވެ. އެންމެ ފަހުން ކަސްޓަމްގެ ބޯޑަށްވެސް އަދި ބްރޯޑުކާސްޓިން ކޮމިޝަނަށްވެސް އެތަށް ބަޔަކު ކުރިމަތިލިކަމަށްވެއެވެ. ރައީސް ނަޝީދަށް ދިވެހިން ފެންނަނީ ބިރެއްގެ ގޮތުގައިކަމަށް ވެދާނެއެވެ. ދިވެހިން ކަމުދަނީ ހަމައެނި ވޯޓު ލާންކަމަށްވެސް ވެދާނެއެވެ. ބޮޑެތި ކޮންޓްރެކްޓްތައްވެސް ބޮސްކާލިސް ފަދަ ކުންފުނިތަކަށް ދާއިރު އެމްޓީސީ ފަދަ ކުންފުނިތައް އުޅެން ޖެހިފައިވަނީ މަސައްކަތެއް ނުކުރެވި ގެއްލުމުން ސަލާމަތް ނުވެވިގެންނެވެ. މައުމޫނު ކުރެއްވި ގިނަ ކަންކަން އެންމެބޮޑަށް ކަމުނުގޮސްގެން ފާޑުކީމީހުން އެކަންކަން ތަކުރާރު ކުރާތަން ފެނުމީ ދިވެހިން ދެކެންބޭނުންވާނެ މަންޒަރެއްނޫނެވެ. ދިވެހިންނަށް ނުލިބޭ ފުރުސަތު ފަރަންޖީންނަށް ލިބޭތަން ފެނުމީ ވެގެންވާނެ ގޮތެއްނޫނެވެ. ހިލްއެންޑްނޯޓަން ފަދަ ކުންފުނިތަކަށާއި މީހުންނަށް ހަރަދު ކުރަން ކުރިންވެސް މިހާރުވެސް އަހަރެމެންގެ ތެރެއިން ގިނަމީހުން ގަބޫލެއްނޫނެވެ. ކޮންމެ މީހަކު ކުރިއަސް ރަނގަޅުވާނީ ރަނގަޅުކަންތަކެވެ.

Sunday, June 5, 2011

މަސައްކަތުގެ ހިތް ހަމަޖެހުން

ވަޒީފާގެ މާހައުލުން ލިބުން އެންމެ އުނދަނގޫ ކަމަކީ ތިމާކުރާ މަސައްކަތުގެ ހިތްހަމަޖެހުމެވެ. ރާއްޖޭގެ ވަޒީފާގެ މާހައުލަށްވެސް ސިޔާސީ ދާއިރާއަށް އައިސްފައިވާ ހަލަބޮލިކަމުގެ ހިޔަނިއެޅި މަސައްކަތުގެ ހިތްހަމަޖެހުންލިބުމީ މިއަދު ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ހިތްހަމަ ޖެހުންނެތި ތިމާކުރާ މަސައްކަތް ރަނގަޅުގޮތުގައި ކުރުމަކީ ދަތި ކަމެކެވެ. ތިމާއާ ހަވާލުވެފައިވާ މަސައްކަތަކީ ނުވަތަ މަސައްކަތުގެ މާހައުލަކީ ހިތްހަމަޖެހުމެއް ނެތް މާހައުލެއްނަމަ ހެނދުނުތެދުވެ އޮފީހަށް ދިއުމީ ބުރަޔަކަށް ވެއެވެ. އޮފީހަށް ދަނީ ހަމައެކަނި މުސާރައިން އުނިވާއެއްޗެއްގެ ދަހިވެތިކަމުގައި ނުވަތަ ތިމާއާމެދު އަޅާފާނެ ސުލޫކީ ފިޔަވަޅަކުން ސަލާމަތްވުމަށް މަޖުބޫރީ ހާލަތުގައި ކަމަށް ވާނަމަ ތިމާގެ ފުރިހަމަ ބޭނުން އޮފީހަކަށް ނުހިފޭނެއެވެ. ތިމާވެގެންދާނީ އުފެއްދުން ތެރިކަމެއްނެތް މީހަކަށްށެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކުތޯއެވެ.
މުވައްޒަފަށް އެމީހާ ކުރާ މަސައްކަތުގެ ހިތްހަމަޖެހުން ނުލިބޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. މީގެ ތެރޭގައި މަސައްކަތް ރޭވިފައި ހުންނަގޮތުގެ ސަބަބުން ދިމާވާ ހުރަސްތަކާއި، އެކުގައި މަސައްކަތްކުރާ މީހުންގެ ފުށުން ކުރިމަތިވާ ހުރަސްތަކާއި، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަކެތި ނުލިބުމުގެ ސަބަބުން ދިމާހުރަސްތަކާއި، ތިމާއާ ހަވާލުވެފައިވާ މަސައްކަތަކީ ތިމާއަށް އެންމެ ރަނގަޅަށް ކުރުމުގެ ގާބިލްކަން ލިބިފައިނެތް މަސައްކަތަށްވުމާއި، ތިމާ ވަޒީފާއަދާކުރާ ހަގީގީ މަގުސަދު ތިމާއާ ހަވާލުވެފައިވާ މަސައްކަތްކޮށްގެން ހާސިލުނުވުން ހިމެނެއެވެ. ތިމާ ކުރަންޖެހޭ މަސައްކަތާއި މަސައްކަތުގެ މަގުސަދުތައް ސުޕަވައިޒަރުންނަށް އޮޅުން ފިލާފައި ނެތުމީވެސް ދިމާވާ މައްސަލަތަކެވެ. އަދި މިނޫނަސް މަސައްކަތުގެ ހިތްހަމަ ޖެހުން ނުލިބޭ ވަރަށް ގިނަ ސަބަބުންތައް ހުރެއެވެ. މިސަބަބުތައް ދެނެގަނެ ނައްތާލުމުގައި މުވައްޒަފާ އޭނާ މަސައްކަތް ކުރާ އޮފީހުގެ އިސްމީހުންގެ ދައުރު ވަރަށްބޮޑެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލާއިރު އެންމެ މަތިން ފެށިގެން ތިރިއަށްވެސް ފެންނަނީ ވަޒީފާގެ ހިތްހަމަޖެހުން ނުލިބިގެން އުޅޭތަނެވެ. ތަފާތު ސަބަބުތަކާހުރެއެވެ. ނަމަވެސް އެކަންކަން އިސްލާހް ކުރުމަށް ގިނަ ފަހަރު މާބޮޑު މަސައްކަތެއް ނުކުރެވެއެވެ. ފެންނަ އޮންނަ ބޮޑު މައްސަލަވެސް ނުފެންނަކަމަށް ހަދާލުމަކީ ވަރަށް އާންމު ކަމެކެވެ. ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ޝުކުރުވެރިވުމަކީ އަމުދުން ނެތް ސިފައެކެވެ. ރަނގަޅު ކަމެއް ކުރުމުން ނުވަތަ ރަނގަޅަށް މަސައްކަތެއް ކޮށް ނިންމާލުމުން ޝުކުރިއްޔާއޭ ބުނުމީ ގިނަފަހަރު ވަނީ އައިބު ކަމަކަށެވެ. މަސައްކަތުގެ އަގުވަޒަންކުރުމީ އަމްދުން ނެތް ސިފައެކެވެ. މިފަދަ ސިފަތައް ވަޒީފާގެ މާހައުލުގައި އަށަގެންނެވުމުން ތިމާކުރާ މަސައްކަތުން ހިތް ހަމަޖެހުން ލިބި އޮފީހުގެ އުފެއްދުންތެރިކަން ނުވަތަ ޕްރޮޑަކްޓިވިޓީ މައްޗަށް ދާނެކަން އެނގޭއިރުވެސް ގިނަފަހަރު މުވައްޒަފަކު ރަނގަޅު ކަމެއް ކޮށްފިނަމަ އެންމެ ކުޑަމިނުން ޝުކުރިއްޔާއޭ ނުވަތަ ހެޔޮބަހެއްގެ މިންވަރު ބުނެލުމީވެސް ބޮޑު ބުރަޔަކަށް ވެފައިވާ ކަމެކެވެ. އަދި މީހެއްގެ ފަރާތުން ރަނގަޅު ނޫން ކަމެއް ފެނިއްޖެނަމަ އަބަދުވެސް ވަޒީފާގެ މާހައުލުގައި ދެކެވެނީ އެވާހަކައެވެ. މީހުން ކުށްވެރިކުރުމުގެ ސިފަޔަކީ ވަރަށްބޮޑަށް ރާއްޖޭގެ ވަޒީފާގެ މާއުލުގައި އަށަގަނެފައިވާ ރަނގަޅުނޫން ސިފައެކެވެ.
ތިމާގެ މަގާމު މަތިވުމަކުން އެމީހަކީ އެމީހާގެ މަސައްކަތާ ދޭތެރޭ އެންމެ ބޮޑަށް ހިތްހަމަޖެހޭ މީހާ ކަމަކަށް ގިނަ ފަހަރަކު ނުވެއެވެ. ވަރަށް އިސްމަގާމުތަކުގައި ތިބޭ މީހުންވެސް ގިނަ ފަހަރު ވަޒީފާ އަދާކުރަނީ ކޮންމެވެސް މަޖުބޫރީ ހާލަތެއްގައެވެ. ކުރާ މަސައްކަތެއް ކުރަނީކީ ކޮންމެހެން ކުރާ ހިތަކުންނޫނެވެ. ވަރަށްގިނަ ސަބަބުތަކާ ހުރެއެވެ. ވަޒީފާގެ މާހައުލާބެހޭ ޢިލްމީ ދިރާސާތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި ހެދިފައިވިޔަސް ރާއްޖޭގައި މިފަދަ ކަންކަން ކުރަން ޝައުގުވެރިވާ މީހުން މަދުވުމާއި ފަންޑިން ލިބުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ވަޒީފާގެ މާހައުލާބެހޭ ގިނަ އިލްމީ ދިރާސާތަކެއް ރާއްޖޭގައި ހެދިފައެއްނެތެވެ. އެހެންކަމުން ރާއްޖޭގެ ގިނަ މުވައްސަސާތަކަކީ ނުވަތަ އިދާރާ ތަކަކީ ހުންގާނުނެތް އޮޑިފަހަރު ފަދައިން ދަތުރު ކުރަމުންދާ ތަންތަން ކަމުގައި ސިފާ ކުރެވިދާނެއެވެ. އޮފީސްތައް އުފައްދާ މަޤުސަދުތަކާއި އެމަގުސަދު ހާސިލު ކުރުމަށް ވަޒީފާތަކަށް ވައްދާ މުވައްޒަފުންގެ އަދަދާއި ފެންވަރާ އޮފީހުގެ މިސްރާބު ބައްޓަން ކުރާގޮތާއި، އޮފީހުގެ އިސްފަރާތްތަކުގެ ގާބިލުކަން އޮފީހުގެ މަގުސަދުތައް ހެޔޮ މިސްރާބުގައި ހާސިލު ކުރުމުގައި އިސްދައުރެއް އަދާކުރެއެވެ. އޮފީހުގެ ލަނޑުދަޑިތައް ހާސިލް ކުރުމަށް އޮފީހުގެ މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންފަދަ ގިނަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ރާއްޖޭގައި ދެވޭތަނެއްނާދެއެވެ. އޮފީސް މާހައުލަކީ ސިޔާސީ އެކިއެކި ކަންކަމުގައި ޣަރަވަމުންދާ، އަދި ޕްރޮފެޝަނަލިޒަމް ނެތެމުންދާ ތަންތަން ކަމުގައި ފެންނުން ދަނީ އާންމުވަމުންނެވެ.

Tuesday, May 31, 2011

ހެޔޮވެރިކަމުގައިވެސް ކޮރަޕްޝަން

ޓްރާންސް ޕޭރަންސީ އިންޓަރނޭޝަނަލްއިން ކުރާ ދިރާސާތަކެއްގެ އަލީގައި ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އާންމުވެފައިވާ ކަމަށް ފެންނަ ނިސްބަތް ކޮންމެ އަހަރަކު އާންމުކުރެއެވެ. މިކަން ނޭންގޭ މީހަކު މަދުވާނެއެވެ. މިލިސްޓުން ރާއްޖެއަށް ލިބިފައިވާ ދަރަޖައާމެދު ވިސްނާ ލެއްވިންތޯއެވެ. ފާއިތުވި މަޝްހޫރު 30 އަހަރަކީ ރާއްޖޭގައި ކަރަޕްޝަން އިންތިހާއަށް ފެތުރިގެން ގޮސްފައިއޮތް ދުވަސްވަރެއް ކަމާމެދު ބަހުސް ކުރާނެ ޖާގައެއްނެތެވެ. އެ 30 އަހަރު ކަންކަން ހިނގާދިޔަ ގޮތް ދިވެހިންގެ ގިނަ ބަޔަކަށް ކަމު ނުދިޔުމުން މިއަދު މިތިބީ އޯގާތެރި ސަރުކާރެއްގެ ހިޔާވަހިކަން ހޯދައިގެންނެވެ. މިއަދުގެ ކަރަޕްޝަންގެ ހާލަކީ ކޮބައިތޯއެވެ.
ޓްރާންސް ޕޭރަންސީ އިންޓަރނޭޝަނަލް ގެ ލިސްޓުން 2007ވަނަ އަހަރު 84ވަނަ މަގާމްގައި އޮތް ދިވެހިރާއްޖެ 2010ވަނަ އަހަރުއޮތީ ލިސްޓުގެ 143ވަނައަށް ވެއްޓިފައެވެ. ރާއްޖޭގެ އިންޑެކްސްއަކީ 2007ގައި 3.3، 2008ގައި 2.8، 2009ގައި 2.5، 2010ގައި 2.3އެވެ. ޒިންބާބުވޭ، ޔުކްރޭން، ނައިޖީރިއާ ފިލިޕީސް ސްރީލަންކާ އިންޑިޔާ ފަދަ ގައުމުތަކަށްވުރެވެސް ރާއްޖޭގައި ކަރަޕްޝަންގެ ހާލަތު ގޯސްކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ރިޕޯޓުތަކުން ދައްކައެވެ.
ޓްރާންސް ޕޭރަންސީ އިންޓަރނޭޝަނަލްގެ ރިޕޯޓަކީ ވިޔަފާރިވެރިންނާ އިންވެސްޓަރުންނާ އަދިވެސް ވަރަށްގިނަ ފަރާތްތަކުގެ ރައުޔުގެ މައްޗަށް ބިނާކޮށް ނެރޭ ރިޕޯޓެވެ. ކަރަޕްޝަން 10އާއި 0 އާ ދޭތެރެއިން ރޭންކުރާއިރު ރާއްޖޭގެ ސްކޯރ އަހަރުން އަހަރަށް ހިފެހެއްޓުމެއްނެތި ދައްވަމުންދާއިރު މިކަން ރަނގަޅުކުރުމަށް ސަރުކާރުންނާއި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަނީ ކޮން ކަމެއްތޯ ސުވާލު އުފެދެއެވެ.
މިފަދަ އިންޑެކްސްތަކަކީ ގައުމުތަކުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުން އެ ގައުމެއްގެ ހާލަތު ދެނެގަތުމަށް ބަލާއުޅޭނެ މިންގަނޑަކަށް ވާހިދު ރާއްޖޭއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވެނީ ކޮންކަމެއްތޯ ސުވާލު އުފެދެއެވެ. އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު އަލަށް އުފެދުނު އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ތަނަކަށް ވާއިރު ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު އޭސީސީއަށް އެމީހުން ޒިންމާ އަދާކުރެވޭބާވައެވެ. ނުވަތަ އެމީހުން ޒިންމާ އަދާކުރުމުގައި ދަތިތަކެއް ހުރިނަމަ އެދަތިތައް ފިލުވާލުމަށް ކުރެވެނީ ކޮންކަމެއްބާވައެވެ.
މައުމޫނުގެ ހުދުމުހްތާރު ތިރީސް އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު އޮތްމިންވަރަށްވުރެ ރައީސް ނަޝީދުގެ ވެރިކަމުގައި ކޮރަޕްޝަންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާއިރު އެމަނިކުފާނަށާއި އެމަނިކުފާނު އެޑްވައިޒަރުންނާއި އެކި ނަންނަމުގައި ސިޔާސީ މަގާމުތައް ފުރަންތިބި މީހުންނަށް މިކަންކަން ރޭކާނުލަނީބާވައެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަނާދެކޮޅަށް ހަގުރާމަ އިއުލާނު ކުރައްވަމުންނެވެ. އެންމެ ގަދަ އަޑަކަށް ރައީސް ނަޝީދުގެ ކެމްޕޭނުގައި އިވުނީ މައުމޫނު ސަރުކާރުގެ ކޮރަޕްޝަންގެ ހާލަތުގެ ވާހަކައެވެ. އަދި ރިޔާސީ ކޮމިޝަން ހަދައިގެން ރެއާދުވާލު ކުރީސަރުކާރުގެ ކޮރަޕްޝަނާ އަނިޔާވެރި އަމަލުތައް ތަހްގީގު ކުރަމުންދާއިރު ހުދު އެމަނިކުފާނުގެ ވެރިކަމުގެ މިހާ ކުރީކޮޅު ކޮރަޕްޝަން ރާއްޖޭގައި އަށަގަންނަމުން މިދާ މިންވަރަކީ ދިވެހިން ދެކެން ބޭނުންވާނެ މަންޒަރެއްނޫނެވެ. ރައީސް ނަޝީދަކީ ފަހަރެއްގައި ކަރަޕްޓް މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެމަނިކުފާނުގެ ވަށައިގެންތިބި މީހުންގެ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބާގައި ނެތްނަމަ އެމަނިކުފާނަށްވެސް ދިވެހިންގެ އުންމީދުތައް ފުރިހަމަ ނުކޮށްދެވުނީއެވެ. އެމަނިކުފާނުވެސް ފޭލިވީއެވެ.
ކެންޕޭނު ދުވަސް ވަރު ނުވަތަ އެމްޑީޕީ ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތު ހިސާބުން ފެށިގެން އެންމެ ގަދައަށް ރާއްޖޭގައި ގުގުމާފައި އޮތް އެއްއަޑަކީ އެއާމޯލްޑިވްސް ގެ ފައިސާއަށް އަންބަރީ ހިޔާނާތްވެ އެތަން ބަނގުރޫޓު ކޮށްލި ވާހަކައެވެ. އަނެއް މަޝްހޫރު ވާހަކައަކީ އެފްޕީއައިޑީ އިލްޔާސް އިބްރާހިމް ބަނގުރޫޓުކޮށް އެތައް މިލިއަން ރުފިޔާއެއް ހިޔާނާތްވި ވާހަކައެވެ. މިފަދަ މައްސަލަތައް ހިތު ހުރިގޮތަކަށް ބަލަން 3 އަހަރު ލިބުނު އިރުވެސް މިއިން މައްސަލައެއް ބަލާކަމެއްވެސް ނުބަލާ ކަމެއްވެސް ނުވަތަ ނުބަލާނެ ކަމެއްވެސް ދިވެހިރައްޔިތުންނަކަށް ނޭންގެއެވެ. ކަށަވަރުންވެސް އެނގޭ ކަމަކީ އެމައްސަލަތަކާބެހޭ ލިޔެކިއުންތައް ރައީސް ނަޝީދުގެ އަތްފޯރާފަށުގައި ހުންނާނެކަމެވެ. ލިއުންތައް ނެތްނަމަވެސް އާކޮށްފައި ތަހްގީގު ފަށަންވީނޫންތޯއެވެ. މައުމޫނު ދައުރުގެ މިފަދަ ބޮޑެތި ހިޔާނާތްތައް ހުރިކަމަށް ގަދައަޑުން ގޮވިމީހުންނަށް ވެރިކަމުގެ އާރާބާރު ލިބުމުން މިއަދު އެއާމޯލްޑިވްސްއާއި އެފްޕީއައިޑީގެ މައްސަލައިގެ ހިލަމެއްނެތެވެ. މިފަދަ މައްސަލަތައް ބަލާ އިންސާފު ހޯދައިދޭން މަސައްކަތް ކުރުމީ ރައީސް ނަޝީދަށްވެސް ހުތުރު ކަމަކަށް ވަނީބާއެވެ. ނޫނީ އެވާހަކަތަކަކީ މައުމޫނުގެ ވެރިކަމާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ، އިލްޔާސްއާއި އަންބަރީގެ އަބުރު ނަގާލަން ދެއްކި ދޮގު ވާހަކަތަކަކީބާވައެވެ. ނޫނީ މައުމޫނުގެ ކަރަޕްޝަންގެ ލިސްޓަށް ވުރެ ނަޝީދުގެ ސަރުކާރުގެ ކޮރަޕްޝަންގެ ލިސްޓު ދިގުވުމުން އަނގަހުޅުވާލެވެން ނެތީބާވައެވެ.
މިވަގުތަށް ރައީސް ނަޝީދަށްވެސް އެންމެ ރަނގަޅު ގޮތަކީ ކޮރަޕްޝަންގެ ހާލަތު ދާނެގޮތަކަށް ދާން ދޫކޮށްލާ އެންމެނަށްވެސް ކޮރަޕްޝަނަކީ ރަނގަޅުކަމެއްކަމުގައި ގަބޫލު ކުރެވި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ރިޕޯޓު ގޯސްކޮށް މައުމޫނުގެ 30 އަހަރާ މިކަންވެސް މަތިކޮށް ބޯދަމައިގަތުން ބާވައެވެ. ދިވެހިރައްޔިތުންގެ ތެރޭގައި މިކަންކަމާ ވިސްނާމީހުން ތިބޭނެކަން ކަށަވަރެވެ.

ނޯޓް: މިބުލޮގުގައިވާ ކޮންމެ އާޓިކަލްގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފުމުގެ އިހްތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީއެމީހެކެވެ.

Saturday, May 28, 2011

ސިވިލް ސާވިސް ނުތަވަސް ކަމެއްގައި

ސިވިލް ސާވިސް ގާނޫނަކުން ވަކިވި ފަހުން ކުރީގެ ސަރުކާރާ މިހާރުގެ ސަރުކާރަށްވެސް ދިވެހި ސިވިލް ސާވިސް ފެންނިފައިވަނީ މުސީބާތެއްގެ ގޮތުގައެވެ. ބިރުވެރި ކަމެއްގެ ގޮތުގައެވެ.
ސިވިލް ސާވިސްއާ ބެހޭގޮތުން ދިރާސާތައްކޮށް ލިޔުންތައް ލިޔާ އިލްމުވެރިން ސިވިލް ސާވިސް ސިފަ ކުރަނީ ކިޔަމަންތެރިކަމާއި، އޯގާތެރިކަމާއެކު ޕްރޮފެޝަނަލް ގޮތެއްގައި ހިދުމަތް ދިނުމަށް ކޮންމެހެންވެސް ބޭނުންވާ މުވައްސަސާއެއްގެ ގޮތުގެވެ. ސިޔާސީ ފަރާތްތައް އެމީހުންގެ އަމިއްލަ ފައިދާއަށް އިންތިހާބުތަކާ ދިމާކޮށް ނަގަމުންދިޔަ ނާޖާއިޒް ފައިދާތައް ނެގުން ހުއްޓުވާ ވަކިފަރާތަކަށް ނުޖެހޭ އަދުލުވެރިކަމާއެކު މަސައްކަތް ކުރާ ފަންނީ މުވައްސަސާއަކަށް ބޭނުންވި ހިނދު އެސިފަތައް ފުރިހަމައަށް ލިބިފައިވާ ސިވިލް ސާވިސްއެއް އުފެދިގެން ދިޔައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންހިނގާ މަގަކީ މިއީއެވެ.
ރާއްޖޭގައި ސިވިލް ސާވިސްއާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ. ސަރުކާރުގެ ސިޔާސަތަކީ ސިވިލް ސާވިސް ކުޑަކޮށް އިދަޖައްސާލުން ކަމަށް ދޭހަވާ ފަހަރުވެސް ދެއެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ މޯޓިވޭޝަން ގެއްލި މަސައްކަތް ކުރުމުގައި ހިތްމަރުވާނެ ހުރިހާ ކަމެއް ސަރުކާރުން، އެންމެ މަތިން ފެށިގެން އެންމެ ދަށުގެ ސިޔާސީ މަގާމުގައި ހުރި މީހާއާ ހަމައަށް ވެސް ދަނީ ކުރަމުންނެވެ. ގައުމެއްގެ ހިންގުންތެރިކަން ފުނޑުކޮށްލާ މުވައްސަސާތައް ނިކަމެތިކޮށްލުމަށް އެތަނެއްގެ ސިވިލް ސާވިސް އިނދަޖައްސާލުމަށްވުރެ މުހިންމު ކަމެއްނޯވެއެވެ. ސިވިލް ސާވިސްއެއް އިނދަޖައްސާލުމަށް ކުރެވޭނެ ހުރިހާ ކަމެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ މާބޮޑު ތަފްސީލަކަށް ދާކަށް ނުޖެހެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ވެސް މުވައްޒަފުންނަށް ސިވިލްސާވިސްގެ ދައުރު ހާމަކޮށްދިނުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ނުކުރެވޭތީ ސިވިލް ސާވިސްއާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން ދުވަހެއް ދުވަހަކަށްދަނީ ބޮޑުވަމުންނެވެ. ސިވިލް ސާވިސްއެއް ބޭނުންވަނީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށްކަން ކޮންމެ ސިވިލް ސާވަންޓަކުވެސް ދަންނަން ޖެހެއެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ އެއްގޮތަކަށްވެސް ސިޔާސަތު ރާވާ ބަޔަކަށްވެގެން ނުވެއެވެ. ސިޔާސަތަށް ފާޑުކިޔާ ބަޔަކަށް ވެގެންނުވެއެވެ. ސަރުކާރުގެ ސިޔާސަތު ރާވާ ކުރަންވާ ކަންތަކާ ނުކުރަންވާ ކަންކަން ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާއާއި އޭނާ އައްޔަންކުރާ ސިޔާސީ މަގާމުތައް ފުރާމީހުންނެވެ. ސިވިލް ސާވަންޓުންގެ ޒިންމާއަކީ ރައީސާއި ސިޔާސީ މަގާމްތަކުގައި ތިބޭ މީހުން ކަނޑައަޅާ ސިޔާސަތުތައް އޭގެ ގޮތުގައި ތަންފީޒު ކުރުމެވެ. އަދި ސިޔާސަތުތައް ރޭވުމުގައި ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއްވެސް ފޮރުވުމެއް އޮޅުވާލުމެއްނެތި ކިޔަމަންތެރިކަމާއެކު ހަގީގަތާ އެއްގޮތަށް ސިޔާސީ މީހުންނަށް ފޯރުކޮށްދިނުމެވެ. ސިޔާސީ މަގާމެއްގައި ލިޔަން ކިޔަންނޭންގޭ އެކްޓިވިސްޓަކު ހުއްޓަސް މިއީ އެކަން އޮންނަން ވާގޮތެވެ.
ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ސިވިލް ސާވިސްގެ މުވައްޒަފުން އުފުލާކަށް ނުޖެހޭނެއެވެ. އެމީހުންނަކީ ސިޔާސަތު ކަނޑައެޅުމާ ބެހޭގޮތުން ވާހަކަ ދައްކަންޖެހޭ ބައެއްނޫނެވެ. ހާއްސަކޮށް މީޑިއާގެ ކުރިމައްޗަށް ނުކުންނަން ޖެހޭ ބައެއްވެސް ނޫނެވެ. ސިޔާސީ ނިންމުންތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށާ ރައްޔިތުންނަށް ޖަވާބުދާރީ ވާނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނެވެ. މިއީ ދުނިޔެ ދައްކައިދީފައިވާ ހަގީގީ ސިވިލް ސާވިސްއެވެ.
ރާއްޖޭގެ ސިވިލްސާވިސްއާ ސަރުކާރާ ދޭތެރޭ އުފެދިފައިވާ ނުތަނަވަސް ކަމަށް ބަލާއިރު ފެންނަނީ ދުވަހެއް ދުވަހަކަށް ސިވިލް ސާވިސް ނިކަމެތިވެ ކުޑަވަމުން ދާތަނެކެވެ. ސަރުކާރު ފުފި ބޮޑުވަމުން ދާތަނެވެ. ކަންކަން މިހިނގަނީ ހިނގަން ވާގޮތުގެ ދިމާ އިދިކޮޅަށެވެ. 2006 ވަނަ އަހަރު 32682 ސިވިލް ސަވަންޓުން ތިބި އިރު 2010ވަނަ އަހަރު ނިމުނު އިރުތިބީ 21837 ސިވިލް ސާވަންޓުންނެވެ. އަދި މިއަދަދު ދުވަހެއް ދުވަހަށް ނިކަމެތިވަމުން ދިޔުމުގެ ފުރުސަތު އެބައޮތެވެ. ސަރުކާރުން އަބަދުވެސް ބަލަނީ ސިވިލް ސާވިސް އިން މުވައްޒަފުން ނައްޓުވާލެވޭތޯއެވެ. މިހާރު ކުރިއަށް ދާގޮތަށް ކުރިއަށް ދާނަމަ ދިވެހި ސިވިލް ސާވިސްއަކީ ހަމައެކަނި ސިވިލް ސާވިސް ކޮމިޝަންގެ 5 މެމްބަރުން ކަމުގައި ހަމަޖެހި އެހެން ހުރިހާ މުވައްޒަފުން ކޯޕަރޭޝަން ތަކަށާއި މުސްތަގިއްލު މުވައްސަސާތަކަށް ބަދަލުވެގެން ދިއުމުގެ ބިރު އެބައޮތެވެ. އޭރުން މުޅި ސިވިލް ސާވިސްގައި ތިބޭނީ 5 މުވައްޒަފުންނެވެ. ދުނިޔޭގައި ކަންހިނގާ މަގާ ދިމާ އިދިކޮޅަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެރިމީހާ ވެރިކަމާ ހަވާލުވުމަށް ފަހު މަދު ސިޔާސީ މީހުންކޮޅެއް ނޫނީ އެމީހަކާއެކު އައިސް ގޮހެއްނުވެއެވެ. ނަމަވެސް ރާއްޖޭގައި ކަންކަން މިދާ މިސްރާބުން ދާނަމަ ކޮންމެ ފަހަރަކު ވެރިކަން ބަދަލުވާއިރަށް އެތައްހާސް ބައެއްގެ ސިޔާސީ ޕާޓީ ބަދަލުވާނެއެވެ. އަދި އެތައްބައެއްގެ މަގާމް ގެއްލޭތައް އަންނާނެވެ. ރައީސް އައްޔަން ކުރާ ހުރިހާ މަގާމެއް އެމީހަކާއެކު އައިސް ގޮސްވާނަމަ އޭގެ ނުރަނގަޅު ނަތީޖާ ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންނެވެ. ސިވިލްސާވިސްއަށް އެމީހުން ދައުރު އަދާކުރަން ލިބި ސިޔާސީ މަގާމްތައް އޭގެ ފުރިހަމަ ގޮތުގައި އޮތުމީ ވަރަށް މުހިންމު ކަމެކެވެ.
ސިވިލް ސާވިސްއަކީ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެ ހަމައެކަނި ހިދުމަތްދޭ ކިޔަމަންތެރި ބައެއްގެ ގޮތުގައި ރައްޔިތުންނަށާއި ސަރުކާރަށް ފެންނި ގަބޫލު ކުރެވެން އެބަޖެހެއެވެ. ސަރުކާރުންވެސް ސިވިލް ސާވިސްއަކީ ބިރެއްގެ ގޮތުގައި ދެކޭދެކުން ދޫކޮށް ސިވިލް ސާވިސްއަށް އެމީހުންގެ ދައުރުދޫކޮށް ޕޮލިސީ ނިންމުންތައް ނިންމުމުގެ މަސްއޫލިއްޔަތަށް ސިޔާސީ މީހުން ހުސްވާން އެބަޖެހެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ސިވިސް ސާވިސް އޭގެ ގޮތުގައި ފަންނީގޮތުން ބަލައިގަނެވިގެން ނޫނީ ރައްޔިތުންނަކަށް ފައިދާއެއް ނެތެވެ.

ނޯޓް: މިއާޓިކަލްގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފުމުގެ އިހްތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީއެމީހެކެވެ.

Wednesday, May 25, 2011

ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރު ސިފަވާގޮތް

ހެޔޮވެރިކަމަކީ ކޮބައިކަމާ އޯގާތެރި ސަރުކާރެއްގެ ސިފަތައް އެކިމީހުންނަށް ފެންނަ ގޮތް ތަފާތުވާނެއެވެ. ހެޔޮވެރިކަމާ އޯގާތެރި ސަރުކާރެއް ހިންގުމަށް އެންމެ މުހިންމީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށްވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާ ނުލާ ހެޔޮވެރިކަމެއް ކުރެވޭނެ ކަމަކަށް ނުވެއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދޭނެ ކަމަކަމަށްވެސް ނުވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަށްފަހު ދެން ކަންކަން ވާނެ ގޮތްކަމަށް އަޣުލަބިއްޔަތު ހޯދަންއުޅޭ މީހުން ދައްކާ ވާހަކަތަކުގެ ނަތީޖާއަކީ ކޮބާތޯ ބަލާލަމާތޯއެވެ.
ރާއްޖޭގެ ގާނޫނުތައް ސަރުކާރުން ބޭނުންވާ ގޮތައް އަނބުރާލަނިއްޔޯލައެވެ. އެންމެ ފުރަތަމަ ވެސް އުވާލަން ޖެހޭކަމަށްވަނީ ގާނޫނު އަސާސީގައި އެކަކަށް 2 ދައުރަށްވުރެ އިތުރަށް ވެރިކަން ނުކުރެވޭގޮތަށް އޮތްމާއްދާކަމަށްވެއެވެ. ނަތީޖާއަކީ ރައްޔިތުން އެމީހުންގެ ވެރިއެއްގެ ގޮތުގައި އެކަކު 6 ދައުރު ބަހައްޓަން ބޭނުންވި ނަމަވެސް އެފުރުސަތު ރައްޔިތު މީހާއަށް ލިބިގެން ދިއުމެވެ. ކޮންފަދަ ހެޔޮ ވެރިކަމެއްތޯއެވެ. ކޮންފަދަ އޯގާތެރި ސަރުކާރެއްތޯއެވެ. ރައްޔިތުމީހާ އެދޭނަމަ ރައްޔިތުންގެ ވެރިމީހާ މުޅި އުމުރަށް ވެރިކަމުގައި ބެހެއްޓޭނެ ގޮތް ހަމަޖެހިގެން ދިޔައީނޫންތޯއެވެ. ސީރިޔާގައި ބައްޝާރަށް ވެރިކަން ދޭން ބޭނުންވިއިރު އޭނާގެ އުމުރުންހަގު ކަމުން ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ދެވޭގޮތް ނެތުމުން ގާނޫނު އަސާސީ ބަދަލުކޮށް އެފުރުސަތު އޭނާއަށް ފަހިކޮށް ދެވުނެވެ. މައުމޫނުވެސް ދައުރު ލިމިޓް ކުރުމާމެދު ސުވާލު ކުރުމުން ކުރިން ބުނަމުން ދިޔައީ ރައްޔިތުން ނޭދޭނަމަ އެންމެ ދުވަހަކުވެސް ވެރިކަމުގައި ހުންނަން ބޭނުން ނުވާކަމަށެވެ. އެކަމުގެ ސަބަބުން 6 ދައުރު ވެރިކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވެސް ލިބުނެވެ. މިހާރުގެ ރައީސްގެ ބެލުމުގެ ދަށުގައި ތިބުމަށް ރައްޔިތުން އެދޭނަމަ އެކަމުން ރައްޔިތުން މަހްރޫމް ކުރަންވީ ކީއްވެތޯއެވެ. ގާނޫނު އަސާސީއަށް އެބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް ދޭންޖެހޭތޯއެވެ.
މިނިވަން މުވައްސަސާ ތަކަކީ ސަރުކާރުން ކުރާ ކަންކަމަށް ފާރަލާން ކަންކަން ހެޔޮ ގޮތުގައި ހިންގުމަށް އެންމެ މުހިންމު އިދާރާތަކެވެ. މިސާލަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން ނަގަމާތޯއެވެ. ފާއިތުވި ދެތިން އަހަރަކީ މިނިވަން ކަމާއެކު މަސައްކަތް ކޮށްލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގާނޫނީ ގޮތުން ފުރުސަތު ލިބުނު ދެތިން އަހަރެވެ. ސަރުކާރުން ހިންގި ބޮޑު ކޮންމެ މަޝްރޫއަކަށް އޮތީ ކޮރަޕްޝަން ވަދެފައިކަމަށް ބުނެ އެތަނުން ދިޔައީ ބަޔާންތައް ނެރެމުންނެވެ. ޝަރީޢަތާ ހަމައަށް މައްސަލަތައް ނުފޮނުވުނު ނަމަވެސް ބަޔާނެއްގެ މިންވަރު މިހާތަނަށް ނެރެލެވުނެވެ. އެއީ ކުރިޔާ އަޅާބަލާއިރު ވަރަށް ބޮޑުވަރެކެވެ. އެކަމުގެ ސަބަބުން ހެވީލޯޑަށް ތިލަފުށި ހިއްކަން ދިނުމާއި، އައްޑުއަތޮޅު ދޫގަސް އެމްވީކޭއަށް ދިނުމާއި، އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ޕްރޮޖެކްޓާއި، އެއާޕޯޓު ކުއްޔަންދޭން ފުރަތަމަ ކުރި މަސައްކަތާއި، އައްޑޫ ކޭބަލް ޕްރޮޖެކްޓާއި، ހެލްތު މިނިސްޓްރީއަށް ބޭސްގެނައުމަށް ހުއްދަނެތް ކުންފުންޏަކަށް ދޭން ކުރި މަސައްކަތާއި، މިއިން ކޮންމެ މައްސަލައެއްގައި ގަވާއިދާ ހިލާފު ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހުރިކަމަށް އޭސީސީއިން ބުންޏެވެ. މި ޕްރޮޖެކްތައްގޮސް ޖެހެނީ ވެރިކަންކުރާ ޕާޓީގެ ކޮންމެވެސް އިސް ހަރަކާތްތެރިއަކާއެވެ. އެފަދަ ބަޔާންތައް ނެރުމުން މަސައްކަތް ކުރިއަށް ގެންދަން ދަތި ނުވާނެތޯއެވެ. ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާ ހެޔޮވެރިކަން ކޮށްދެވޭނެތޯއެވެ. މަސައްކަތްތައް ލަސްނުވާނެތޯއެވެ. ފަސޭހަ ކަމާއެކު 5 ވައުދު ފުއްދޭނެތޯއެވެ. މިކަން ކުރުމަށް އޮތް ހައްލަކީ މިފަދަ މަސައްކަތްތައް ސަރުކާރުން ބޭނުންވާ ހަލުއިމިނުގައި މަސައްކަތް ކުރުމަށް ދަތިވަންޏާ އެކަމަށް ހުރަސްއަޅާ މީހުން މަގާމްތަކުން ބޭރުކޮށްލުމަށް ބޭނުންނުވާނެތޯއެވެ. އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންނެވެ. މިހާރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ބަދަލުކޮށްލާ ސަރުކާރަށް ފަސޭހަކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނީ އެންމެ ކުޑަމިނުން ބަޔާނެއްވެސް ނެރެނުލާނެ ކޮމިޝަނެއްއޮވެގެންނެވެ. އެކަން ކުރުމަށް އަވަސް ގޮތަކުން މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ލިބެންޖެހޭކަމަށް ފެނޭތޯއެވެ. އޭރުން އެންޓި ކޮރަޕްޝަން ކޮމިޝަން ހިނގާނީ ސަރުކާރާ ގުޅިގެންނެވެ. ސަރުކާރުން ބޭނުންވާ ބަޔަކު އެތަނަށްލާ ސަރުކާރުން އެދޭގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. މައުމޫނު ދައުރުގައިވެސް އޭސީސީ ހިނގި ގޮތަށެވެ. އޭރު މައުމޫނު އޭސީސީއަށް އައްޔަންކުރި ކަމަށްވަނީ އެމަނިކުފާނު ބޭނުންވާ ބަޔެކެވެ. ތަހްގީގު ކޮށްނިމޭ މައްސަލަތައް ލަފާފުޅަށް އެމަނިކުފާނަށް ފޮނުވަން ޖެހޭކަމަށްވެއެވެ. ޝަރީއަތަށް ފޮނުވާނެ މައްސަލައާއި ނުފޮނުވާނެ މައްސަލަތައް ނިންމަނީ ރައީސް އޮފީހުން ކަމަށްވެއެވެ. ކިހާރަނގަޅު ގޮތެއްތޯއެވެ. އިހުއޮތްގޮތަށް ކަންކަން ރުޖޫއަކުރުމަށްޓަކައި ބޭނުންވަނީ އަވަހަށް މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ދިނުމެވެ. އެކަން އެމަގުން ހިނގާނެ ކަމުގެ އިންޒާރު ފާޅުގައި ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ދެއްވައިފިއެވެ.
ހެޔޮވެރިކަމެއް ކުރުމަށް ޝަރްޢީ ކޯޓުތައް ސަރުކާރުގެ ނިންމުންތަކަށް އަޅުދާސްވުން ވަރަށް މުހިންމު ކަމަށްވެއެވެ. ސަރުކާރުން ބަންދުކުރަން ގޮވާލާމީހާ (ނިދީގައި މީހެއްގެނަން ގޮވާލެވުނަސް) ވަގުތުން އެމީހަކު ހައްޔަރުކޮށް ޖަލަށް ލާންޖެހެއެވެ. މަގުމަތިން ދަމުން ނުވަތަ ސިޔާސީ ޕޯޑިއަމް ތަކުގައި ނަން ގޮވަމުން ދާވަރަކަށް މިޖެހެނީމީހުން ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމް ކުރަމުން ދާންކަމަށްވެއެވެ. ކޮންމެހެން ޝަރީޢަތުން ކުރެވޭ ހުކުމަކީ ކޯޓުގައި ދެފަރާތުން ދައްކާ ވާހަކަތަކަށް ރިއާޔަތްކޮށް ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް ކުރާ ހުކުމަކަށް ވާންޖެހޭނެ ކަމަކަށް ސަރުކާރަށް ގަބޫލެއް ނުކުރެވެއެވެ. ސަރުކާރުން ބުނާގޮތަށް ނުވަތަ ބޭނުންވާގޮތަށް ކަންކަން ނުކުރާ ގާޒީން ތިބެންޏާ ހެޔޮވެރިކަމެއް ކުރެވޭނެތޯއެވެ. މިހާރު ޝަރްޢީ ކޯޓުތަކުގެ ބައެއް ނިންމުންތަކުން ގައިން ހީބިނަގައިގެން ދެއެވެ. ރައީސް ގާނޫނާ ހިލާފަށް އެތައްކަމެއް ކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވެގެން ހުކުމްކޮށްފިއެވެ. އެހެންމީހުން ގާނޫނާ ހިލާފަށް ކަންކަން ކުރުމުން ލިބޭފަދަ އަދަބެއް ރައީސް ގާނޫނާ ހިލާފް ވުމަކުން ނުލިބެއެވެ. އަދި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމަށް މާތްﷲ ގަންދީ ކޮށްގެން ހުރި ހުވަޔާ ހިލާފް ވުމަކުން އެކަންކަން ބެލޭނެ ގޮތެއްނެތެވެ. މިހާތަނަށް ފެންނަ ހުރި ބައެއް މިސާލުތަކުގެ ތެރޭގައި ގާސިމާއި ޔާމީނާއި ނާޒިމް ހައްޔަރުކޮށްގެން ފުލުހުން ގެންގުޅުނީ ގާނޫނާ ހިލާފަށް ކަމަށް ނިންމުން، ދިވެހިރާއްޖޭގެ އަޑާއި ޓީވީ އެމްބީސީއާ ހަވާލުނުކޮށް ހިފަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށްނިންމުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލުތުފީއައްޔަން ނުކޮށްހުރީ ގާނޫނާ ހިލާފަށްކަމަށް ނިންމުން، އިތުބާރުނެތް ވަޒީރުންނަށް މަގާމްދީގެން ގެންގުޅުމީ ގާނޫނާ ހިލާފް ކަމަށް ނިންމުން، މާލޭގެ ބިންވިއްކަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ނިންމުން، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކެނޑީ ގާނޫނާ ހިލާފަށް ކަމަށް ނިންމުން، މާލިއްޔަތު ގާނޫނު ތަންފީޒު ނުކޮށް އެތަށް ދުވަހަކު ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ނިންމުން، ށ،ކ އަތޮޅުގެ ތަޅުދަނޑިޔާ މުދާ ހިފެހެއްޓީ ގާނޫނާ ހިލާފަށްކަމަށް ނިންމުން، އެތައްބަޔަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުން ފަދަ އެތައްކަމެއް އޯގާތެރި ސަރުކާރުން ހެޔޮވެރިކަން ކޮށްދިނުމަށްޓަކައި ފާއިތުވި ދެއަހަރެއްގެ ތެރޭގައި ކޮށްފައިވާކަމަށް ކޯޓުތަކުން ނިންމާފައިވާކަމަށް ނޫސްތަކުގައި އެބަހުއްޓެވެ.
މިފަދަ ގޮތަކަށް ކަންކަން ވަމުންދާއިރު މަޖިލިސް އަޣުލަބިއްޔަތު ލިބިގެންނޫނީ ސަރުކާރުން ބޭނުންވާ ގޮތަށް ނުވަތަ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ގާނޫނާ އެއްގޮތަށް އޮތް ކަމެއްކަމަށް ހުކުމްކުރާނެ ފަނޑިޔާރުން ތިބެގެންނޫނީ ހެޔޮވެރިކަމެއް ކުރެވޭނެތޯއެވެ. މީގައި އެންމެ ރަނގަޅުގޮތެއްކަމަށް ހެޔޮވެރިކަން ކުރުމުގައި ފެންނަނީ ކުރިން މައުމޫނު ދައުރުގައިވެސް ކަންކަން އޮތްގޮތަށް ބޭއްވުމެވެ. އޭރު މީހާރު މިޖެހޭކަހަލަ މައްސަލަތަކެއް ނުޖެހޭނޫންތޯއެވެ. މައުމޫނުގެ ފަހު ދައުރާ ހަމައަށް ސަރުކާރުގެ މައްޗަށް ދައުވާއެއް ހުށަހެޅެނީ ރައީސް އައްޔަން ކޮށްފައިވާ އެޓާރނީ ޖެނެރަލްގެ ހުއްދަ ލިބިގެންކަމަށް ވެއެވެ. ސަރުކާރުން ކުރި ކަމަކުން މީހަކަށް ގެއްލުމެއް ވެގެން ސަރުކާރާ ދެކޮޅަށް މީހަކަށް ކޯޓަށް މައްސަލައެއް ހުށަހެޅެނީ ފުރަތަމަ އެޓާރނީ ޖެނެރަލްގެ ހުއްދައެއް، މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުން ހޯދުމުން ކަމަށްވެއެވެ. އެތަނުން ހުއްދަ ސިޓީއަކުން ލިބުމުން ނޫނީ މައްސަލަ ކޯޓުގައި ހިންގުމަކީ ގަވާއިދާ ހިލާފުކަމަކަށް ވެއެވެ. ހުއްދަމިހޯދަނީ މައްސަލައިގެ އެއް ހަސްމުގެ ފަރާތުންނެވެ. މައްސަލަ ހިންގަން ހުއްދަދީފައި ހުއްދަދިން ފަރާތުން މިއަންނަނީ ކޯޓުގައި ވަކާލާތު ކުރާށެވެ. މައްސަލަ ނިމޭގޮތަކުން ގާޒީއަށް ވަޒީފާގެ ރައްކާތެރިކަން އޮތުމާމެދު ސުވާލު އުފެދޭކަމަށް ވެއެވެ. މިގޮތް ކަމުނުގޮސްގެން އާގާނޫނު އަސާސީއިން ގެނައިބަދަލު މިއަދު ހަޖަމްކުރަން ފަސޭހައެއްނުވިއެވެ. ފަނޑިޔާރުން މިނިވަންކޮށް މުސްތަގިއްލު ކުރުމުން މިއަދުގެ ހެޔޮވެރިކަން ކުރަންތިބި މީހުންނަށް ކަމުދާކަމަށްނުވެއެވެ. ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ނުކުރާތީ ފަނޑިޔާރުންނާ ކޯޓުތައް ސަރުކާރަކަށް ކަމަކު ނުދެއެވެ. އެތަންތަނުގެ ވަށައިގެން އަބަދުދަނީ ސަންދޯއްހިފައިގެން މުޒާހަރާކުރަމުންނެވެ. ކުރިންވެސް އޮތްގޮތަށް ސަރުކާރާ ޝަރްޢީ ކޯޓުތައް ގުޅި އެކުވެރި ކަމުގެ ޗޭނަކުން ބަނދެވިގެންނޫނީ ހެޔޮވެރިކަމެއް ކުރެވޭނޭތޯއެވެ.
ސަރުކާރުން އެދޭގޮތަށް ޖުޑީޝަރީއިން ކަންކަން ކުރުމަށް އެންމެ މުހިންމީ ކުރިންވެސް އޮތްފަދައިން ގާޒީންގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބުމެވެ. އެކަން ލިބޭނީ ކިހިނެތްތޯ ސުވާލު އުފެދޭތޯއެވެ. ގާޒީން ވަޒީފާއިން ވަކިކުރެވެނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހްގީގުކޮށް ހުށަހަޅާ ރިޕޯޓެއްގެ މައްޗަށް މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވުމުންނެވެ. އެހެންވީމާ، ގާޒީއަކު ވަޒީފާއިން ވަކިކުރުމަށް ބޭނުންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އަޣުލަބިއްޔަތާ މަޖިލީހުގެ އަޣުލަބިއްތު ނޫންތޯއެވެ. ޖުޑީޝަލް ސަވިސް ކޮމިޝަންގެ އަޣުލަބިއްޔަތު ސަރުކާރުން ހެޔޮވެރިކަމެއް ކުރުމަށް ހޯދާނީ ކިހިނެތްތޯއެވެ. އެންމެ ފުރަތަމަ 23 މެއި 2011ގެ ޖަލްސާގައި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިދާޅުވިގޮތަށް މިހާރު މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ ޑރ. އަފްރާޝީމް ވަކިކުރަން ފާސްކޮށްލާށެވެ. އަދި އޭނާގެ ބަދަލުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު ޖޭއެސްސީއަށް އައްޔަން ކުރަން ފާސްކުރާނީއެވެ. ހަމަ އެޖަލްސާގައި ކާނަލް ވިދާޅުވިގޮތަށް މަޖިލީހުގެ ރައީސް ކަމުން ޢަބްދުﷲ ޝާހިދު ވަކިކޮށް އެމަގާމަށް އަލްހާން ފަހުމީ ހަމަޖައްސާލާށެވެ. މިކަން ކޮށްލަންވެސް ބޭނުންވަނީ މަޖިލީހުގެ އަޣްލަބިއްޔަތު އެކަނިނޫންތޯއެވެ. ޖޭއެސްސީއަށް އާންމުންގެ ތެރެއިން އައްޔަންކޮށްފައިވާ މީހަކީ މިހާރު ޝުއައިބް އަބްދުއްރަހްމާނެވެ. އޭނާ އެމަގާމަށް އައްޔަން ކުރަން ނިންމީ މަޖިލީހުންނެވެ. އޭނާ ވަކިކޮށް އޭނާގެ ބަދަލުގައި އެމްޑީޕީއިން ބޭނުންވާ މީހަކު އެމަގާމަށް އައްޔަން ކޮށްލުމަށް ވެސް ބޭނުންވަނީ ހަމައެކަނި މަޖިލީހުގެ އަޣުލަބިއްޔަތެވެ. ޖޭއެސްސީގައި ދެންހިމެނެނީ ރައީސް އައްޔަންކުރާ މެމްބަރެކެވެ. މިހާތަނަށް އެމަގާމް ފުރީ ވެލެޒިނީއެވެ. އޭނާ އަލުން އެމަގާމަށް އައްޔަންކުރެވިދާނެއެވެ. ދެން ޖޭއެސްސީގައި ހިމެނެނީ އެޓާނީ ޖެނެރަލެވެ. އެމަޤާމްގައި މިވަގުތު އެހުރީ އަބްދުﷲ މުއިއްޒުއެވެ. ރައީސް ބޭނުން ކޮންމެ ވަގުތަކު އައްޔަންކޮށް ވަކިކޮށް ހެދޭމަގާމެއްގެ ގޮތުގައި އެޓާނީ ޖެނެރަލް ކަމުގެމަގާމް ގާނޫނު އަސާސީގައިވަނީ ހަމަޖެހިފައެވެ. މިނިވަން މުވައްސަސާތައް ސަރުކާރުގެ ކޮޅަށް އަނބުރާލުބުމުގައި ސިވިލް ސަރވިސްއަކީ ލިސްޓުގެ އެންމެ ކުރީގައިއޮތްތަނެވެ. މިހާރުގެ މުޅި ކޮމިޝަންގެ މައްޗަށް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އަވަސް ގޮތަކުން ސަރުކާރަށް އިތުބާރު ކުރެވޭ މީހަކަށް އެކޮމިޝަންގެ ރައީސްކަން ހަވާލުކުރާށެވެ. އޭރުން އޮންނަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 10 މެމްބަރުންގެ ތެރެއިން 6 މެމްބަރުންލިބި ކޮމިޝަންގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައެވެ. މިހިސާބުން ހެޔޮވެރިކަން ކުރުމަށް ދެން ކުރަންޖެހޭނެ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މިހާރުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ކޮމިޝަނުން ނެގުމެވެ. އެއަށް ފަހު ރައީސް ބޭނުފުޅުވާ މީހަކު ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން އިންތިހާބުކުރާނީއެވެ. އެމީހަކަށް އެންމެ އެކަށީގެންވަނީ މަޖިލީހުގެ މެމްބަރުން ތަމްސީލުކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ފެނިގެން އިންތިހާބުކުރާ ރީކޯމޫސާމަނިކެވެ. މިބަދަލުތައް ގެނެސް ނިމުމުން ޖުޑީޝަލް ސަވިސް ކޮމިޝަނުން ފަހަރަކު ފަނޑިޔާރެއްގެ ނަން މަޖިލީހަށް ހުށަހަޅަމުން ދާންވީއެވެ. ދެތިން މީހެއްގެނަން ދާއިރަށް ހެޔޮވެރިކަން ކުރެވޭނެއެވެ. ވަޒީފާގެއްލެން ބޭނުންވާނީ ކޮން ފަނޑިޔާރެއްތޯއެވެ. ކުރިން ބުނިގޮތަށް ކަންކަންވެ ނިމޭއިރު މަޖިލީހުގެ ރައީސްކަމަށް އަލްހާނު، ޖޭއެސްސީގެ ރައީސްކަމަށް މޫސަ ހަމަޖެއްސުމުން ނިކަން ރީތިކޮށް ތިންބާރު އެކުވެ ހެޔޮވެރިކަން ކުރެވޭނެއެވެ. ވައުދުތައް ފުއްދުން ހުންނާނީ މެކުހަށް ޖެހިފައެވެ.
އެމްއެމްއޭގެ ގަވަރުނަރަކަށްވެސް ހުންނަން ޖެހޭނީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭރުން ދައުލަތަށް ވަންނައެއްޗަކާ ނުކުންނަ އެއްޗެގެ ހިސާބު ނިކަންރީތިކޮށް ބެލެހެއްޓި ސަރުކާރު މުވައްޒަފުންނަށް މުސާރަވެސް ލިބެންފަށާނީ ޑޮލަރުންނެވެ. އޭރުން ޑޮލަރުގެ ދަތިކަން ވަގުތުން ފިލައިގެން ދާނެކަމަށްވެއެވެ. މިހާރުގެ ގަވަރުނަރު ވަޒީފާއިން ވަކި ކުރުމުގެ މައްސަލަވަނީ މަޖިލީހަށް ވައްދާފައެވެ. މިލިބުނު އަޣުލަބިއްޔަތުގެ ބޭނުން ހިފިގެންދާތަން ނިކަން ރީތިކޮށް ފެންނާނެކަމަށްވެއެވެ. މައުމޫނު ދައުރުގައިވެސް ކަންއޮތް ހާލަތަށްވުރެ ދަށަށް އާގާނޫނު އަސާސީގެ ދަށުން ގައުމު ވެއްޓިގެންދާނެބާވައެވެ.
މި ބަދަލުތައް އައިސް ނިމޭއިރު މައުމޫނު ދައުރަށްވުރެ ބޮޑަށް 3 ބާރުގެ ކަންކަން އިންނާނީ ޑިމޮކްރެޓިކް ގޮތުގައި ހަމަޖެހިފައެވެ. އެހެނީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް މަޖިލީހުގެ ރައީސަކަށް ހުންނާނީ އަޣުލަބިއްޔަތު އޮތް ސަރުކާރު ހިންގާ ޕާޓީގެ މީހެކެވެ. ޖުޑީޝަރީގައި ޖޭއެސްސީގެ ރައީސަކަށް ހުންނާނީ މަޖިލީހުން އައްޔަންކުރި ސަރުކާރު ހިންގާ ޕާޓީގެ މީހެކެވެ. ވަރަށް ސަޅިކޮށް ޑިމޮކްރަސީ އޮންނާނީ ގާއިމްވެފައެވެ. ހެޔޮވެރިކަމަކީ މީނޫންތޯއެވެ. ކޮންމެ ކަމެއް ނިމިގެންދާނީ ރައްޔިތުންހޮވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތާ ރައްޔިތުންހޮވި ރައީސް ބޭނުންވާގޮތަށް ހެޔޮވެރިކަމުގެ ފަލްސަފާގެ ތެރެއިން މިނިވަން މުވައްސަސާތަކުގެ ބެލުމުގެ ދަށުންނެވެ.
އޭރުން އޮންނާނީ ހަކުޅި ކުރިއަށް ކުޅެވި 5 ވައުދުފުދި ފުރިހަމަ ވެފައެވެ. އިދިކޮޅު އެންމެން ތިބޭނީ ސާބިތުކަމާއެކު ފެކްޝަންތައް ހަދައިގެން އެމީހުންގެ ގޮތުގައެވެ. މިހިސާބަށް ކަންކަން ނިމިގޮސް އޯގާތެރި ސަރުކާރު އޭގެގޮތުގައި ހިނގައިގަތުމަށް ބޭނުންވަނީ މަޖިލީހުގެ 4 މެމްބަރުން ވެރިކަން ކުރާ ޕާޓީއަށް ސޮއިކޮށްލުމެވެ. ކިތަންމެ ބޮޑު ހަރަދެއްކުރަން ޖެހުނަސް މިވަގުތު އެކަން ކޮށްލުމުން އެފައިސާއަކީ އަނބުރާ ކުރުމުއްދަތެއްގައި ލިބޭނެއެއްޗެކެވެ. ރައްޔިތުންގެ ހައްގުގައި ސިޔާސަތެއް ފިކުރެއްއޮތް ބައެއްގެ ގާތަށް ނުދާނީ ކާކުތޯއެވެ. ނަގޫފިތިފައިތިބި ބައެއްގެ ކައިރީގައި ހުންނާނީ މޮޔައެއްނޫންތޯއެވެ. ހިތާ ރޫހުންވެސް ފަސް ވައުދުފުދި ހެޔޮވެރިކަން ކުރާ މަންޒަރު ބަލަން ބޭނުން ނުވާނެ މީހަކު ހުންނާނެތޯއެވެ. އަތާ އަނގަޔާ ދިމާވާންއޮތީ ސްޓޭޓް މިނިސްޓަރުކަން ލިބިގެން ކަމަށްވަންޏާ އެކަމަށް ފުރަގަސްދޭނެ މީހަކު ހުންނާނެތޯއެވެ. މިހާރުގެ ރައީސް ނަޝީދުގެ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބި 3 ބާރު އެކުވެ މިނިވަން މުވައްސަސާތައް ހައިޖެކްވެދާނީ އެކަކުވެސް ދެރަވާނެބާވައެވެ. މިހާރު މިކުރަނީ އޯގާވެރި ސަރުކާރަކުން ހެޔޮވެރިކަމެއް ވީމައެވެ. ނަމަވެސް ދެރަވަނީ މާދަމާވެސް އެމަނިކުފާނު ނެތް ދުވަހަކުން ދެން ވެރިކަން ލިބޭމީހަކު އޯގާތެރި ނޫން ސަރުކާރަކުން އަނިޔާވެރި ވެރިކަމެއް ކުރާނަމަ ދެން ކަންކަން ވާނެ ގޮތަކާމެދުގައެވެ.
ނޯޓް: މިއާޓިކަލްގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފުމުގެ އިހްތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީއެމީހެކެވެ.

Tuesday, May 24, 2011

ރާއްޖޭގެ ރައްޔިތުން ދަރަޖަކުރުން

ދިވެހިރާއްޖޭގައި ދެ ދަރަޖައެއްގެ ރައްޔިތުން އުޅޭކަމަށް ގަބޫލުކުރެވޭތޯއެވެ. ގަބޫލު ކުރެވުނަސް ނުކުރެވުނަސް މިއީ، މިހާރުގެ ހަގީގަތެވެ. އެއްބަޔަކީ އެމީހަކު ނިސްބަތްވާ ޕާޓީގެ ކުލައިން ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ އެއްވަނަ ދަރަޖައިގެ ރައްޔިތުންނެވެ. އެމީހުންނަށް ލިބޭ އިމްތިޔާޒުތައް އާދައިގެ ރައްޔިތަކާ ވަރަށްތަފާތުވާނެއެވެ.
އެއްވަނަ ދަރަޖައިގެ ރައްޔިތުންނަށް ލިބޭ ފުރަތަމަ އިމްތިޔާޒަކީ މުޒާހަރާކުރުމުގެ އިމްތިޔާޒެވެ. ބޭނުންތާކު ބޭނުން ގަޑިއަކުއެވެ. ކުރިން އެންގުމަކާނުލާ ހުއްދަނެގުމަކާނުލައެވެ. މިމީހުން ބޭނުންނަމަ ރައްޔިތުން މަޖިލިސްގެ ވަށައިގެންނާއި ކޯޓުތަކުގެ ވަށައިގެންނާއި މަގުތަކުގައި ވެސް މުޒާހަރާ ކުރަންވީއެވެ. މިމީހުންގެ މުޒާހަރާތަކަށް އެއްބާރުލުންދީ އަމަލީގޮތުން މުޒާހަރާތަކުގައި ރައީސުންނާއި ވަޒީރުންނާއި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަނަގާ މީހުން ރަސްމީގަޑީގައި އެމީހުންގެ މަސްއޫލިއްޔަތު ދޫކޮށްލާފައި ތަރުހީބުދޭނެއެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަސޭމިރުސް ދުމާ ކަރުނަގޭހާ ކަރަންޓު މުގުރާ ޝީލްޑުތަކު ބާރު މިމީހުން އިހްސާސް ކުރާކަށް ނުޖެހޭނެއެވެ. މިފަދަ މީހުންގެ މުޒާހަރާއަކުން ދުވަހަކުވެސް އާންމު ރައްޔިތަކަށް ދައްޗެއް ތުރާލެއްވެސް ނުވާނެއެވެ. ދެވަނަ ދަރަޖައިގެ ރައްޔިތުން މުޒާހަރާއަށް ނުކުތުމުން އެމީހުން ކުރާ މުޒާހަރާއަކީ މުޒާހަރާއަކަށް ނުވާނެއެވެ. އެކަން ވެގެންދާނީ ސަރުކާރުވައްޓާލަން ހިންގާ ޣައިރުގާނޫނީ ޖަރީމާއަކަށެވެ. އަދި އާންމު ރައްޔިތުންނަށް އެކަންކަން ތަހައްމަލް ކުރެވޭ ކަމަކަށްވެސް ނުވާނެއެވެ. ވަރަށް ގިނަ ޝަކުވާ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން ފުލުހުންނަށާ ސަރުކާރުގެ އިސްފަރާތްތަކަށް ހުށަހެޅޭނެއެވެ. ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މުޒާހަރާތަކުގެ ބައިވެރިން ކޮންމެ މުޒާހަރާއެއްގައިވެސް އަސޭމިރުސް ދުމާ ކަރުނަގޭހާ ކަރަންޓު މުގުރުގެ ބާރު ފުރިހަމައަށް އިހްސާސް ކުރާނެއެވެ.
އެއްވަނަ ދަރައިގެ ރައްޔިތުމީހުން ކުރާ ކުށްތަކުގައި ދައުވާ އުފުލާ ޝަރީއަތުން ގޮތެއް ނިންމުމަކީ ވަރަށް ދަތިކަމެކެވެ. މިފަދަ މީހުންގެ ކާރުގެ ޑިކީއިން ބަނގުރާ ފެނުނު ނަމަވެސް އަހަރު ދެއަހަރުވިއަސް އެފަދަ މައްސަލަތައް ކޯޓާ ހަމައަކަށް ނުދާނެއެވެ. ދުވަހަކުވެސް ތަހްގީގު ފުރިހަމައެއްނުވާނެއެވެ. މިފަދަ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އަބަދުވެސް ދުވާނީ ފުލުސް އޮފީހުން ޕީޖީއަށް، ޕީޖީއިން ފުލުސް އޮފީހަށް، ފުލުސް އޮފީހުން ޕީޖީއަށް، ދެން މިކަހަލަގޮތަކަށެވެ. ގެސްޓް ހައުސްގައި ބަނގުރާ ގެންގުޅުމާ ރޭޕްކުރުމުގެ ކޭހެއް މިފަދަ މީހަކާ ބެހޭގޮތުން ފެންމަތި ވިޔަސް ވަކި ހިސާބަކުން ތަހްގީގު ހިނދޭނެއެވެ. މިމީހުންގެ ތެރެއިން އެކްޓްކުރަން ޝައުގުވެރިވާ މީހުން ވެބްކެމް ކުރިމަތީ އެކްޓްކޮށް ބަރަހަނާވިޔަސް ހިންގޭނީ ދެމިގެންވާ ތަހްގީގެކެވެ. ދުވަހަކުވެސް މިފަދަ ތަހްގީގެއް ނުނިމޭނެއެވެ. ދުވަހަކުވެސް މީހާ އައިޑެންޓިފައިއެއް ނުވާނެއެވެ. މީހާ އައިޑެންޓިފައިވިޔަސް އޭނާ ހުންނާނީ އަތްނުފޯރާ ހިސާބު ދުރުގައެވެ. މިފަދަ މީހުންގެ ކަންކަން ކޮޅެއްގައެއް ނުޖެހޭނެއެވެ. ބޮޑެތި ކަރަޕްޝަންގެ އަމަލުތައް ހިންގާފައިތިބޭ މީހުންގެ މައްސަލަތައްވެސް ދަރަޖައަށް އަންނަ ބަދަލާ ގުޅިގެން ހިނދޭގޮތް މެދުވެރިވެގެން ދާނެއެވެ.
އެއްވަނަ ދަރަޖައަށް ނިސްބަތްވާ މީހުންނާ ގުޅޭ ކަރަޕްޝަންގެ މައްސަލަތައް ކުރިއަކަށް ނުގެންދެވޭނެއެވެ. އޭސީސީއިން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރިއަސް އެއަކަށް އަމަލެއް ނުކުރެވޭނެއެވެ. މިކަންކަން މިމަގުން ކުރިއަށް ދާއިރު ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މައްޗަށް ހުކުމްނުކުރެވިގެން އަދަބު ނުދީގެން މަގުމަތީ ހަޅޭލެވުމާ އެއްވުންތަކުގައި ޕްރެޝަރުކުރުމުގެ ކަންކަން ވެސް ހިންގާނީ ހަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންނެވެ.
އަނގަޔާ އަތާ ދިމާނުވިޔަސް، ޑޮލަރު ނުލިބުނަސް، ބޭސްފަރުވާއެއް ނުލިބުނަސް މިފަދަ ހުރިހާ ކަމެއްގެ ޒިންމާވެސް ދުވަހަކުވެސް އެކަން ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހުން އުފުލާކަށް ނުޖެހޭނެއެވެ. މިކަންކަން ގޮސް ނިމޭނީ އަބަދުވެސް ތިރީސް އަހަރުގައެވެ. މީގައި އެންމެ ރަނގަޅު ކަމަކީ ދެވަނަ ދަރަޖައިގެ ރައްޔިތުން އެއްވަނަ ދަރަޖައަށް އަދި އެއްވަނަ ދަރަޖައިގެ ރައްޔިތުން ދެވަނަ ދަރަޖައަށް ބަދަލުވުމުގެ ފުރުސަތު އަބަދުވެސް އޮންނަކަމެވެ.
ނޯޓް: މިބްލޮގުގައިވާ ކޮންމެ ލިއުމެއްގެ ބޭނުން އެމީހަކު ބޭނުންގޮތަކަށް ހިފުމުގެ އިހްތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީ އެމީހެކެވެ.

Sunday, May 22, 2011

ސިޔާސީ މަގާމު ގިނަވާތީ ދެރަވޭތަ

ސިޔާސީ މަގާމު ގިނަވަނީ ހަމަ ގިނަވާން ވެގެންނެވެ. ސިޔާސީ މަގާމު ގިނަވުމުގެ ފައިދާ ތިންފަރާތަށް ވެސް ކުރެއެވެ. ފުރަތަމަ ފަރާތަކީ ހަމަކަށަވަރުންވެސް މަގާމު ލިބޭމީހާއެވެ. ފުދޭވަރެއްގެ އާމްދަނީއަކާއެކު ކުރާނެ މަސައްކަތެއް ލިބުނީއެވެ. ކޮންފަދަ ރަހުމަތެއްތޯއެވެ. ދެވަނަ ފަރާތަކީ މަގާމުދޭ ފަރާތެވެ. ނުވަތަ ރައީސުލް ޖުމްހޫރިއްޔާއެވެ. ވެރިކަމުގައި ސަލާމަތް ކަމާއެކު ދެމި ހުރުމަށް އިތުރު މުޑިބުރިއެއް ވިއްދާލެވެނީއެވެ. ޖީބުން ހަމަ ބޮޑު ލާރިއެއްވެސް ދާކަމެއްނޫނެވެ. ހިތްހަމަޖެހޭ މިންވަރަށް ސަނާކިޔާލާ އަޑު އަހާލަން ފުރުސަތުވެސް ލިބުނީއެވެ. ތިންވަނަ ބަޔަކީ މިހާރުގެ ގޮތަށް ނަމަ އިދިކޮޅު ފަރާތްތަކެވެ. ސަރުކާރުހިންގާ ޕާޓީ ފިޔަވާ އެހެން ޕާޓީތަކެވެ. އެމީހުންނަށް ލިބޭ ފައިދާއަކީ ސަރުކާރު ބަދުނާމުކޮށް ދެނޭވާ ދޭތެރެއިން މީޑިއާގައި ގޮވާލާނެ މޮޅު ވާހަކައެއް ލިބުނީނޫންތޯއެވެ. މިއީ، ދެމިގެންވާ ފުރުސަތެވެ. ކޮންމެ ޖަލްސާއަކަށްވެސް ކޮންމެ އިންޓަވިއުއަކަށްވެސް ސަރުކާރުން އެމީހުންގެ ޕާޓީގެ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދޭވާހަކަ އަޑަށް ލެވުނުހާ ބާރެއްލާފައި ގޮވޭނެއެވެ. ވަރަށް ސަޕޯޓުވެސް ލިބޭނެއެވެ.
ސިޔާސީ މަގާމޭ މިކިޔާ މަގާމް އިތުރުވާތީ މިއާޓިކަލް ކިޔާފަރާތްތައް ކަންބޮޑުވޭތޯއެވެ. އެކަމާ ވިސްނޭތޯއެވެ. ދެރަވޭތޯއެވެ. އެމީހެއްގެ އިހްސާސް ގޮސްއެގުޅެނީ އެމީހަކަށް ހުރެވޭ ޕޮޒިޝަނަކާއެވެ. ކުރިންބުނި ތިންފަރާތުންކުރެ ފަރާތެއްގައި ހުރެވޭނަމަ ކުރެވޭ އިހްސާސް އާޓިކަލް ލިޔާމީހާއާއި ކިޔާމީހާއަށް ކުރެވޭ އިހްސާސްތަކާ ތަފާތުވާނެއެވެ.
އެމެރިކާގެ ރައީސް އޮބާމާ ވެރިކަމާ ހަވާލުވިއިރު އޭނާ އެމަސްއޫލިއްޔަތާ ހަވާލުވީ އޭނާ ނިސްބަތްވާ ޕާޓީއާއި އޭނާއަށް އިތުބާރުކުރެވޭ މީހުންގެ ފައުޖަކާ އެކުގައެވެ. އެއީ މިކިޔާ ސިޔާސީ މަގާމްތަކެވެ. ރައީސް ބުޝް ގެންގުޅުނު ޓީމް އޮބާމާއަކަށް ކަމަކުނުދާނެއެވެ. ރައީސް މައުމޫނުގެ ޓީމް ރައީސް ނަޝީދަކަށްވެސް ކަމަކުނުދާނެނޫންތޯއެވެ. ކޮންމެ ރައީސަކުވެސް މަގާމާ ހަވާލުވަނީ އެމީހަކަށް އިތުބާރު ކުރެވޭ ޓީމަކާއެކުގައެވެ. ފަސްވައުދު ވަރުގަދައަށް ފުއްދުމަށް އަދި ހެޔޮވެރިކަންކޮށް އޯގާތެރި ސަރުކާރެއް ގާއިމްކުރުމަށް ވަރުގަދަ ޓީމެއް ބޭނުން ނުވާނެތޯއެވެ.
ރައީސް ނަޝީދު ބޭނުން އަދަދަކަށް ސިޔާސީ މަގާމު ސަރުކާރުގައި އުފެއްދޭނެތޯއެވެ. އަދި ބޭންވާ ކޮންމެ މީހަކަށް އެމަގާމްތައް ދެވިވެސްދާނެތޯއެވެ. ޖަވާބު ވަރަށް ސާފެވެ. އާއެކެވެ. ދެވިދާނެއެވެ. އެދެނީނޫންތޯއެވެ. އަދި ވެސްދޭނެއެވެ. ކޮންމެ މިނިސްޓްރީއަކަށް 50 ސްޓޭޓް މިނިސްޓަރުންވެސް ލެވިދާނެއެވެ. އެއީ މައްސަލައެއްނޫނެވެ. ގާނޫނީ ގޮތުންނެވެ. ސިޔާސީ މަގާމް އުފެއްދުމާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރާނެ އެއްވެސް އުސޫލެއް ގާނޫނެއް ގަވާއިދެއް ރާއްޖެއަކުނެތެވެ. މިހެން މިކަން އޮންނަ ނަމަ އެކަމުގެ ބޭނުން ރައީސް އެންމެ ހިތްއެދޭގޮތަށް ކުރާނެއެވެ. މޯރަލް، އެތިކަލް ވެލިއުތަކާ މިކަމާ ފުށުއަރައެވެ. ރިވެތި އަހްލާގީ މިންގަނޑުތަކާ މިކަމާ ފުށުނާރާ ކަމަކަށް ނުބުނެވޭނެއެވެ. ރައްޔިތުންގެ ފައިސާ "އިސްރާފު" ވާކަމަށް ފެންނަނަމަ އެކަން އެމަގުން ހިނގައެވެ. އެކަމަކު އެފައިސާއަކީ އިސްރާފެއްކަމަށް ފެންނާނީ އެމީހަކަށް ހުރެވޭ ކޮޅެއްގެ ގޮތުންނެވެ. އިދިކޮޅު ނުވަތަ އެއްކޮޅެވެ.
ދުނިޔޭގެ ތަހްޒީބު މުޖުތަމައު ތަކުގައި މިކިޔާ ޗެކްސް އެންޑް ބެލެންސް ހިފެހެއްޓުމުގައި މިފަދަ ކަންކަން ރޭވިފައި އޮންނަނީ ގާނޫނީ އޮނިގަނޑެއްގެ ތެރޭގައެވެ. ސިޔާސީ މަގާމްތަކަށް ހަރަދު ކުރެވޭނެ ވަކި މިންވަރެއް ބަޖެޓުގައި ކަނޑައެޅިފައިއޮވެއެވެ. ގާނޫނީ އިމުގެ ތެރެއިންނެވެ. ނުވަތަ ވަކި އަދަދަކުން ލިމިޓު ކުރެވިފައިއޮވެއެވެ. ދަތިނުވެ ފުރިހަމައަށް ސަރުކާރެއް ހިންގޭނެ މިންވަރުގެ އަދަދު ތަކުގެ ގޮތުގައެވެ. ރާއްޖޭގައި މިފަދަ އުސޫލެއް ނެތުމުން ކަންކަން އެދަނީ ދާންވީގޮތަށެވެ. ދާނެގޮށެވެ. ރައީސް ބޭނުންވާގޮތަށެވެ. ސަރުކާރަށް އެންމެ ފައިދާބޮޑު ގޮތަށެވެ.
ރާއްޖޭގައި މިކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރާނީ ކާކުތޯއެވެ. ރައީސްތޯއެވެ. ނޫނެކެވެ. ޕާޓީއަށް ސޮއި ކުރުމުން ސްޓޭޓް މިނިސްޓަރުކަން ދެވެން އޮއްވާ އެކަން ހުއްޓުވާ ވަކި އުސޫލެއް މިކަމަށް ކަނޑައަޅަން ރައީސް ބޭނުންވާނެތޯއެވެ. ބޭނުންވާންޖެހޭ ސަބަބެއް ނުވިސްނެއެވެ. އިދިކޮޅު ފަރާތްކުން ތޯއެވެ. އެމީހުން ޕޯޑިއަމްތަކާ މީޑިއާގައި މިވާހަކަ ގޮވޭނީ ސަރުކާރު ބަދުނާމު ކުރެވޭނީ މިކަން ރައީސްގެ ހިތަކަށް ދޫކޮށްލާފައި ބޭއްވުމުންނޫންތޯއެވެ. އެހެންނޫންނަމަ އާމަޖިލިސް އައިސް ދެއަހަރާ ބައިވެގެން ދިއައިރުވެސް މިފަދަ ސިޔާސީ މަގާމް އުފެއްދުމާބެހޭ އުސޫލުތަކެއް މިންގަނޑެއް ކަނޑައެޅީސް ނޫންތޯއެވެ. ކޮންމެ މިނިސްޓްރީއަކަށް އަހަރަކަށް މިލިއަނެއް ސިޔާސީ މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެއޮތީ އުސޫލެއް ކަނޑައެޅިފައެވެ. އެކަމަކު އިދިކޮޅު ފަރާތްތަކަށް ވެސް މުހިންމީ ކަންކަން ހައްލު ކުރުމެއްނޫނެވެ. އާއިލާގެ މީހުންނަށާއި ގާތް ރަހުމަތްތެރިންނަށާއި އެކްޓިވިސްޓުންނަށާއި ކުލާސްމޭޓުންނަށް ބޮޑު މުސާރައާއެކު މަގާމު ދޭވާހަކަ ގޮވުމެވެ. ވަރަށް ސަޅިއެވެ.
ޒިންމާދާރު ގޮތެއްގައި އަހްލާގީ މާތް އުސޫލުން ހުރިހާ ކަމެއް ރިވެތި ގޮތުގައި ހިނގާނަމަ ގާނޫނާ ގަވާއިދު ބޭނުންވޭތޯއެވެ. ވެހިކަލް ދުއްވާ އެންމެން ގަވާއިދުން ވެހިކަލް ޕާކު ކުރާނަމަ ވެހިކަލް ޓޯ ކުރާކަށް ނުޖެހޭނެއެވެ. ސަރުކާރުން ޒިންމާދާރުކޮށް ރައްޔިތުންގެ ހެވައްޓަކައި ހުރިހާކަމެއް އަބަދު ކުރާނަމަ ކީއްކުރާ އިދިކޮޅު ޕާޓީއެއްތޯއެވެ. ސިޔާސީ މަގާމް އިތުރުވާތީ ހަގީގަތުގައި ކަންބޮޑުވަނީ އާންމު ރައްޔިތުންނެވެ. ކަންކަމާ ވިސްނާ ފިކުރުކުރާ އާންމު ރައްޔިތުންނެވެ. ފިޔަވަޅެއް އެޅޭ ހިސާބުގައި ތިބި މީހުން އެތިބީ އެކަމުގެ ފައިދާ ނެގުމުގައެވެ.
ނޯޓް: މިބްލޮގުގައިވާ ކޮންމެ ލިއުމެއްގެބޭނުން އެމީހަކު ބޭނުންގޮތަކަށް ހިފުމުގެ ހުއްދަ އެމީހަކަށް ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީ އެމީހެކެވެ.

Saturday, May 21, 2011

މިލިއަނަރަކަށް ވާންބޭނުމީ ކާކު

މިލިއަނަރަކަށް ވާން ބޭނުމީ ކާކު؟....ރާއްޖޭގައި ފަގީރުން ގިނަކަމުން ވަރަށް ދަތި ކަންކަން ދަނީ މެދުވެރި ވަމުންނެވެ. ޓެކުހެއް ތައާރަފް ކުރިއަސް ދައްކަން މިތިބެނީ މަދު ބަޔެކެވެ. އެހެންވެ ސަރުކާރުގެ އާމްދަނީ އިތުރުކޮށް ޓެކްސްއަށް ލިބޭވަރު އިތުރު ކުރުމަށް ރާއްޖޭގައި މުއްސަނދިން ކޮޅެއް އުފައްދަން އެބަޖެހެއެވެ. މިއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމަކަށް ނުވާތީ ކިޔަން ބޭނުން ނުވާމީހުން ނުކިޔަސް މަށެއް ހިތަކަށް އެކަށްޗެއްވެސް ނާރާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން މިލިއަނަރަކަށް ވާން ބޭނުންވާ މީހުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އަޑު ގަދަ މީހަކަށްވުމެވެ. އަންހެން އަޑު ހުންނަ މީހުންނާއި ރަނޑު ގޮތެއް ހުންނަ މީހުންނާއި އަޑުގެ ވޮލިއުމް ހިއްލާ ނުލެވޭ މީހުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަތިހު މޫދަށްގޮސް ކަކޫތާ ފެނުގައި (ބޮޑަށް ރަނގަޅީ ކަރުތާފެނުގައި ހުރުން) ހުރެގެން ތިމާއަށް ލެވުނު އެންމެ ބާރަކަށް ހަޅޭލަވާށެވެ. ދެތިން މަހަކުން ނަތީޖާ ފެންނާނެއެވެ. ނަތީޖާ ނުފެނިއްޖެ ނަމަ ޑޮކްޓަރަކާ މަޝްވަރާ ކުރާށެވެ. އަޑު ގަދަވުމަކުން އަދި މިލިއަނަރަކަށް ނުވެވޭނެއެވެ. އެއީ، ފުރަތަމަ ފިޔަވަޅެވެ.
ދެވަނަ ހަރުފަތަކީ ތިމާއަކީ މުޖްތަމައުގައި މީހުން ދަންނަ މީހަކަށް ވާންޖެހޭނެއެވެ. މިކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މަޝްހޫރު މީހުންނާއެކު އުޅުމެވެ. މިގޮތުން ރާއްޖޭގައި ފާހަގަ ކޮށްލެވޭ މީހުންނަކީ ރައީސް މައުމޫނާއި ރައީސް ނަޝީދާއި ސިޔާސީ ޕާޓީތަކުގެ އިސްމީހުންނެވެ. އެމީހުން ފަހަތުގައި އުޅުމުން ޓީވީތަކުން ފެނިލުމަށް ފުރުސަތު ލިބޭނެއެވެ. ޓީވީ ތަކުގައި ދައްކާ ވާހަކައަކީ ކޮންމެހެން ތެދަކަށް ވާކަށް ނުޖެހެއެވެ. ތިމާ ސަޕޯޓު ކުރާ މީހާ ދިފާއުކޮށް ކިޔުނު އެއްޗެއް ކީމާ ރަނގަޅުވާނެއެވެ. ތިމާގެ ސާހިބު މީހާގެ އިތުބާރު ރަނގަޅަށް ލިބުނީމާ ދެވަނަ މަރްހަލާ ކަޑައްތުކުރެވުނީއެވެ.
ތިންވަނަ ހަރުފަތަކީ މަޖީލީހުގެ ގޮނޑިއެއް ހޯދުމެވެ. ސާހިބު މީހާގެ އިތުބާރު ލިބުމުން ޕާޓީގެ ޓިކެޓް ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދެން އެމީހަކު ކުރިމަތިލާ އިންތިހާބީ ދާއިރާގެ ޕާޓީ މެމްބަރުންނާ ގުޅުން ބަދަހިކުރަންވީއެވެ. ޕާޓީގެ ޓިކެޓް ލިބުމުން ދެގޮތަކަށް ފައިދާ ކުރެއެވެ. އެއްގޮތަކީ ތިމާ ނުދަންނަމީހުންވެސް ޕާޓީގެ އިސްމީހުންނަށް ކުރާ އިތުބާރަށްޓަކައި ތިމާއަށް ވޯޓުދެއެވެ. ދެވަނަ ގޮތަކީ ޕާޓީގެ އެކްޓިވިސްޓުން ތިމާއަށް ވޯޓު ހޯދައިދިނުމަށް ޖަހާ މަރު ފައްޔެވެ.
ހަތަރުވަނަ ހަރުފަތަކީ މަޖިލީހުގެ ގޮނޑި ކާމިޔާވިނަމަ ކުރަންޖެހޭ ކަންކަމެވެ. މަޖިލީހުގައި ތިމާއަކީ އަޑު ގަދަ މީހެއްކަން ސާބިތުކޮށްދޭށެވެ. ފުރަތަމަ ހަރުފަތުން ކާމިޔާބު ލިބި އަޑު ގަދަ ކުރެވޭ މީހުންނަށް މަޖިލީހުގައި ޑިމާންޓް ބޮޑުވެއެވެ. ނަމަވެސް މަޑުމައިތިރި މީހުންނަށް ލިބޭ ހުށަހެޅުންތައް މަދުކަމަށް ފާހަގަ ކުރެވެއެވެ. ކުޑަ ދުވަސް ކޮޅަކު ތިމާގެ ގޮތުގައި މަޑުކޮށްލާ ޕާފޯމަންސް ދައްކައިދޭންވާނެއެވެ. ވެލިއު މައްޗަށް ޖެހެމުންދާތަން ފެންނާނެއެވެ. މިލިއަނަރަކަށް ވުމަށް ހިއްސާގެ ބާޒާރުގައި އަގު އަރަމުން ދާތަން ފެންނާނެއެވެ. ތިމާއާ އިދިކޮޅު މީހުންނަށް ތިމާގެ އުނދަގޫ ނުވަތަ ނުހޮރުއްޕާން ފުދޭވަރަކަށް ބޮޑުވާންޖެހޭނެއެވެ. އޭރުން އަގު އަރަމުންދިއުން އަވަސް ވާނެއެވެ. ޓްރާންސްފަރ މާކެޓް ހުޅުވެނީ އަހަރަކު 3 ފަހަރުއެވެ. ހިތްހަމަ ޖެހޭވަރަށް އަގުއެރުމުން މަޑުނުކޮށް އަވަހަށް ބާޒުރުގައި ވިކިގަނެ ހަމައަގު ލިބިގަންނާށެވެ. މިލިއަނަރަކަށް ވުމަށް މިއީ މުޖައްރިބު ގޮތެކެވެ.
ފަސްވަނަ ހަރުފަތެއްވެއެވެ. ކުރިން ކިއުނު އެއްޗެތި ތިމާއާ ދިމާލަށް އަނބުރާ އަންނަ ގޮތްވުމެވެ. މިކަމަށް ކެތްކޮށްލަން ޖެހޭނެއެވެ. ދެތިންމަހަކު މަގުތަކަށް މާބޮޑަށް ނުނިކުމެ ތަންކޮޅެއް އެކަހެރިކޮށް އުޅެލަންވާނެއެވެ. ނަމަވެސް ތިމާގެ ހިތްވަރެއް ހުރިއްޔާ މިއީ ކޮންމެހެން މުހިންމު ކަމެއްނޫނެވެ.
ޕާޓީ ބަދަލުކޮށް މިލިއަނަރަކަށް ވުމަށް ސަބަބު ދެއްކުން މިއީ އެންމެ ފަސޭހަ ކަންތަކެވެ. މިގޮތުން ދެއްކިދާނެ ބައެއް ސަބަބުތައް ފާހަގަކޮށްލާނަމެވެ.
ރައްޔިތުންނަށް ޓަކައި ކޮށްދޭކަމެއްކަމަށް ބުނުން، ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން..ތިމާއަށް ވޯޓުދިން މީހުން ތަކުރާރުކޮށް އެކަމަށް އެދެމުންދިއުން- ކޮންމެހެން އެބަޔަކު ފެންނާކަށް ނުޖެހޭނެ!
ތިމާ އުޅޭ ޕާޓީގައި ރަނގަޅު ލީޑަރޝިޕެއްނެތުން
ޕާޓީ ވާރުތަ މުދާގަނޑަކަށްވުން
ތިމާ ދާން ބޭނުންވާ ޕާޓީއަކީ ހަމައެކަނި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ޕާޓީއަށްވުން
ރައްޔިތުންނަށްޓަކައި އެހެން ޕާޓީއެއްގައި ހުރެގެން ހިދުމަތެއް ކުރެވެންނެތުން
ދެން ހަމަ ކިޔުނު އެއްޗެއް ކިޔަންވީއެވެ. ކޮންމެހެން ދެކޮޅުޖެހޭތޯ ބަލާކަށް ނުޖެހޭނެއެވެ.
މަޖިލިސްގެ ގޮނޑި ނުލިބުނު މީހާވެސް ހަދާނެގޮތް ހަވަނަ ފިޔަވަޅެއްގެ ގޮތުގައި ބަޔާންކޮށްލާނަމެވެ. މިހާލަތުގައިވެސް އަޑުގަދަ ވުމީ ވަރަށް މުހިންމު ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކާ ދޯޅުވުން ވަރަށް މުހިންމެވެ. އެހިސާބުން ރަނގަޅު މަގާމްތަކުގެ ހުށަހެޅުން ލިބޭނެއެވެ. ނަމަވެސް މަޖިލިސް ގޮނޑި ލިބުނު މީހުންނާ ހިލާފަށް މިމީހުން މިކަމުގައި ތަންކޮޅެއް ދިގު އިންތިޒާރެއް ކުރަންޖެހޭނެއެވެ.