Saturday, May 28, 2011

ސިވިލް ސާވިސް ނުތަވަސް ކަމެއްގައި

ސިވިލް ސާވިސް ގާނޫނަކުން ވަކިވި ފަހުން ކުރީގެ ސަރުކާރާ މިހާރުގެ ސަރުކާރަށްވެސް ދިވެހި ސިވިލް ސާވިސް ފެންނިފައިވަނީ މުސީބާތެއްގެ ގޮތުގައެވެ. ބިރުވެރި ކަމެއްގެ ގޮތުގައެވެ.
ސިވިލް ސާވިސްއާ ބެހޭގޮތުން ދިރާސާތައްކޮށް ލިޔުންތައް ލިޔާ އިލްމުވެރިން ސިވިލް ސާވިސް ސިފަ ކުރަނީ ކިޔަމަންތެރިކަމާއި، އޯގާތެރިކަމާއެކު ޕްރޮފެޝަނަލް ގޮތެއްގައި ހިދުމަތް ދިނުމަށް ކޮންމެހެންވެސް ބޭނުންވާ މުވައްސަސާއެއްގެ ގޮތުގެވެ. ސިޔާސީ ފަރާތްތައް އެމީހުންގެ އަމިއްލަ ފައިދާއަށް އިންތިހާބުތަކާ ދިމާކޮށް ނަގަމުންދިޔަ ނާޖާއިޒް ފައިދާތައް ނެގުން ހުއްޓުވާ ވަކިފަރާތަކަށް ނުޖެހޭ އަދުލުވެރިކަމާއެކު މަސައްކަތް ކުރާ ފަންނީ މުވައްސަސާއަކަށް ބޭނުންވި ހިނދު އެސިފަތައް ފުރިހަމައަށް ލިބިފައިވާ ސިވިލް ސާވިސްއެއް އުފެދިގެން ދިޔައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންހިނގާ މަގަކީ މިއީއެވެ.
ރާއްޖޭގައި ސިވިލް ސާވިސްއާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ. ސަރުކާރުގެ ސިޔާސަތަކީ ސިވިލް ސާވިސް ކުޑަކޮށް އިދަޖައްސާލުން ކަމަށް ދޭހަވާ ފަހަރުވެސް ދެއެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ މޯޓިވޭޝަން ގެއްލި މަސައްކަތް ކުރުމުގައި ހިތްމަރުވާނެ ހުރިހާ ކަމެއް ސަރުކާރުން، އެންމެ މަތިން ފެށިގެން އެންމެ ދަށުގެ ސިޔާސީ މަގާމުގައި ހުރި މީހާއާ ހަމައަށް ވެސް ދަނީ ކުރަމުންނެވެ. ގައުމެއްގެ ހިންގުންތެރިކަން ފުނޑުކޮށްލާ މުވައްސަސާތައް ނިކަމެތިކޮށްލުމަށް އެތަނެއްގެ ސިވިލް ސާވިސް އިނދަޖައްސާލުމަށްވުރެ މުހިންމު ކަމެއްނޯވެއެވެ. ސިވިލް ސާވިސްއެއް އިނދަޖައްސާލުމަށް ކުރެވޭނެ ހުރިހާ ކަމެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ މާބޮޑު ތަފްސީލަކަށް ދާކަށް ނުޖެހެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ވެސް މުވައްޒަފުންނަށް ސިވިލްސާވިސްގެ ދައުރު ހާމަކޮށްދިނުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ނުކުރެވޭތީ ސިވިލް ސާވިސްއާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން ދުވަހެއް ދުވަހަކަށްދަނީ ބޮޑުވަމުންނެވެ. ސިވިލް ސާވިސްއެއް ބޭނުންވަނީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށްކަން ކޮންމެ ސިވިލް ސާވަންޓަކުވެސް ދަންނަން ޖެހެއެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ އެއްގޮތަކަށްވެސް ސިޔާސަތު ރާވާ ބަޔަކަށްވެގެން ނުވެއެވެ. ސިޔާސަތަށް ފާޑުކިޔާ ބަޔަކަށް ވެގެންނުވެއެވެ. ސަރުކާރުގެ ސިޔާސަތު ރާވާ ކުރަންވާ ކަންތަކާ ނުކުރަންވާ ކަންކަން ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާއާއި އޭނާ އައްޔަންކުރާ ސިޔާސީ މަގާމުތައް ފުރާމީހުންނެވެ. ސިވިލް ސާވަންޓުންގެ ޒިންމާއަކީ ރައީސާއި ސިޔާސީ މަގާމްތަކުގައި ތިބޭ މީހުން ކަނޑައަޅާ ސިޔާސަތުތައް އޭގެ ގޮތުގައި ތަންފީޒު ކުރުމެވެ. އަދި ސިޔާސަތުތައް ރޭވުމުގައި ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއްވެސް ފޮރުވުމެއް އޮޅުވާލުމެއްނެތި ކިޔަމަންތެރިކަމާއެކު ހަގީގަތާ އެއްގޮތަށް ސިޔާސީ މީހުންނަށް ފޯރުކޮށްދިނުމެވެ. ސިޔާސީ މަގާމެއްގައި ލިޔަން ކިޔަންނޭންގޭ އެކްޓިވިސްޓަކު ހުއްޓަސް މިއީ އެކަން އޮންނަން ވާގޮތެވެ.
ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ސިވިލް ސާވިސްގެ މުވައްޒަފުން އުފުލާކަށް ނުޖެހޭނެއެވެ. އެމީހުންނަކީ ސިޔާސަތު ކަނޑައެޅުމާ ބެހޭގޮތުން ވާހަކަ ދައްކަންޖެހޭ ބައެއްނޫނެވެ. ހާއްސަކޮށް މީޑިއާގެ ކުރިމައްޗަށް ނުކުންނަން ޖެހޭ ބައެއްވެސް ނޫނެވެ. ސިޔާސީ ނިންމުންތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށާ ރައްޔިތުންނަށް ޖަވާބުދާރީ ވާނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނެވެ. މިއީ ދުނިޔެ ދައްކައިދީފައިވާ ހަގީގީ ސިވިލް ސާވިސްއެވެ.
ރާއްޖޭގެ ސިވިލްސާވިސްއާ ސަރުކާރާ ދޭތެރޭ އުފެދިފައިވާ ނުތަނަވަސް ކަމަށް ބަލާއިރު ފެންނަނީ ދުވަހެއް ދުވަހަކަށް ސިވިލް ސާވިސް ނިކަމެތިވެ ކުޑަވަމުން ދާތަނެކެވެ. ސަރުކާރު ފުފި ބޮޑުވަމުން ދާތަނެވެ. ކަންކަން މިހިނގަނީ ހިނގަން ވާގޮތުގެ ދިމާ އިދިކޮޅަށެވެ. 2006 ވަނަ އަހަރު 32682 ސިވިލް ސަވަންޓުން ތިބި އިރު 2010ވަނަ އަހަރު ނިމުނު އިރުތިބީ 21837 ސިވިލް ސާވަންޓުންނެވެ. އަދި މިއަދަދު ދުވަހެއް ދުވަހަށް ނިކަމެތިވަމުން ދިޔުމުގެ ފުރުސަތު އެބައޮތެވެ. ސަރުކާރުން އަބަދުވެސް ބަލަނީ ސިވިލް ސާވިސް އިން މުވައްޒަފުން ނައްޓުވާލެވޭތޯއެވެ. މިހާރު ކުރިއަށް ދާގޮތަށް ކުރިއަށް ދާނަމަ ދިވެހި ސިވިލް ސާވިސްއަކީ ހަމައެކަނި ސިވިލް ސާވިސް ކޮމިޝަންގެ 5 މެމްބަރުން ކަމުގައި ހަމަޖެހި އެހެން ހުރިހާ މުވައްޒަފުން ކޯޕަރޭޝަން ތަކަށާއި މުސްތަގިއްލު މުވައްސަސާތަކަށް ބަދަލުވެގެން ދިއުމުގެ ބިރު އެބައޮތެވެ. އޭރުން މުޅި ސިވިލް ސާވިސްގައި ތިބޭނީ 5 މުވައްޒަފުންނެވެ. ދުނިޔޭގައި ކަންހިނގާ މަގާ ދިމާ އިދިކޮޅަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެރިމީހާ ވެރިކަމާ ހަވާލުވުމަށް ފަހު މަދު ސިޔާސީ މީހުންކޮޅެއް ނޫނީ އެމީހަކާއެކު އައިސް ގޮހެއްނުވެއެވެ. ނަމަވެސް ރާއްޖޭގައި ކަންކަން މިދާ މިސްރާބުން ދާނަމަ ކޮންމެ ފަހަރަކު ވެރިކަން ބަދަލުވާއިރަށް އެތައްހާސް ބައެއްގެ ސިޔާސީ ޕާޓީ ބަދަލުވާނެއެވެ. އަދި އެތައްބައެއްގެ މަގާމް ގެއްލޭތައް އަންނާނެވެ. ރައީސް އައްޔަން ކުރާ ހުރިހާ މަގާމެއް އެމީހަކާއެކު އައިސް ގޮސްވާނަމަ އޭގެ ނުރަނގަޅު ނަތީޖާ ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންނެވެ. ސިވިލްސާވިސްއަށް އެމީހުން ދައުރު އަދާކުރަން ލިބި ސިޔާސީ މަގާމްތައް އޭގެ ފުރިހަމަ ގޮތުގައި އޮތުމީ ވަރަށް މުހިންމު ކަމެކެވެ.
ސިވިލް ސާވިސްއަކީ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެ ހަމައެކަނި ހިދުމަތްދޭ ކިޔަމަންތެރި ބައެއްގެ ގޮތުގައި ރައްޔިތުންނަށާއި ސަރުކާރަށް ފެންނި ގަބޫލު ކުރެވެން އެބަޖެހެއެވެ. ސަރުކާރުންވެސް ސިވިލް ސާވިސްއަކީ ބިރެއްގެ ގޮތުގައި ދެކޭދެކުން ދޫކޮށް ސިވިލް ސާވިސްއަށް އެމީހުންގެ ދައުރުދޫކޮށް ޕޮލިސީ ނިންމުންތައް ނިންމުމުގެ މަސްއޫލިއްޔަތަށް ސިޔާސީ މީހުން ހުސްވާން އެބަޖެހެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ސިވިސް ސާވިސް އޭގެ ގޮތުގައި ފަންނީގޮތުން ބަލައިގަނެވިގެން ނޫނީ ރައްޔިތުންނަކަށް ފައިދާއެއް ނެތެވެ.

ނޯޓް: މިއާޓިކަލްގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފުމުގެ އިހްތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލާނީއެމީހެކެވެ.

No comments: