ތިމާވެށީގެ ބައްޕާއެވެ. ބައްޕަގެ ވާހަކަތަކުން ފަރަންޖީންނަށް ވަރަށްބޮޑަށް އެބަ އަސަރުކުރާ ކަމަށް ބުނަމު ނޫންތޯއެވެ. ހޭލުން ތެރިކަން އުފެދި އެތައް ކާމިޔާބެއް ލިބޭކަމަށް ބުނަމު ނޫންތޯއެވެ. އެކަމުގެ ސަބަބުން ބައްޕައަށް މެޑެލްތަކާއި ލަގަބުތަކާއި ހަނދާނީފިލާތައްވެސް ފަރަންޖީ ދޭނޫންތޯއެވެ. ބައްޕައަށް ހާދަތައުރީފެއް ފަރަންޖީން އެކަމާބެހޭގޮތުން ކުރޭނޫންތޯއެވެ. ބައްޕާއެވެ. ބައްޕަގެ ދަރިންނާއި ބައްޕަގެ ގައުމުން ހާދަހާބޮޑެތި ހަރަދުތަކެއް މިއިންކޮންމެ ޖަލްސާއެއްގައި ބައިވެރިވުމަށް ބައްޕައެބަ ކުރަމެވެ. އެއީ މައްސަލައެއް ނޫންކަމަށް ބައްޕަ ދެކެމުނޫން ހެއްޔެވެ. ބައްޕާއެވެ. ރާއްޖޭގެ ތިމާވެށީގެ ހާލަށް އެއްވެސް ހައްލެއް ފާއިތުވި ވިހި އަހަރު ބައްޕަކުރި ތަގުރީރުތަކުން ކުރިތޯ ދަރިން އެބަ ސުވާލުކުރެއެވެ. ބައްޕާއެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭވާހަކަޔާއި ދުނިޔެ ހޫނުވާ ވާހަކަ ބައްޕައަށްވުރެ ގިނައިން ދެއްކި ދެވަނަ މީހަކު ދުނިޔޭގައި ވެރިކަމުގައި މިހާރަކުނެތެވެ. ބައްޕަ ވެރިކަމުގައި ތިމާވެށީގެ ވާހަކަތައް ދައްކަން ވަރަށްގިނަ ފުރުސަތުތައްވެސް ލިބިއްޖެދޯއެވެ. މިހާރު ތިރީސްއަހަރު ހަމަވަނީ ދޯއެވެ. އަދިވެސް ހަމަ އެއްވާހަކައެވެ.
ބައްޕާއެވެ. ރާއްޖެއަށް މިދިޔަ އަހަރުވެސް އުދައަރާ ބައެއް ރަށްރަށަށް ހާދަބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. ބައްޕައަށް ވަރަށް ރަނގަޅަށް އެކަން އެނގޭނެއެވެ. އަދި ރައްގިރުމުގެ މައްސަލަތައް ކުރިމަތިނުވާ ރަށެއް ރާއްޖޭގައި އެބައޮތްތޯއެވެ. ބައްޕާއެވެ. ތިޔަ ދައްކާ ވާހަކަ ތަކުން އެއްވެސް ފައިދާއެއް ކޮށްފިތޯއެވެ. ބައްޕަޔަށް އެވޯޑާއި މެޑެލްތަކާއި ތައުރީފާއި ހުޝާމަދާއި މިފަދަ ކަންކަން ނުހިމަނައެވެ. ގައުމަށް މިވަނީ ވަރަށް ބޮޑެތި ތިމާވެށީގެ މައްސަލަތައް ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދަން ބައްޕަ ވިސްނަންތޯއެވެ. އަދިވެސް ހަމަ ސްޓޭޖްތަކުގައި ތިމާވެށީގެ ވާހަކަތައް ދައްކާލަ ދައްކާލަ ހުންނާނީތޯއެވެ. ރާއްޖޭގެ ރައްތައް އަޑިޔަށް ދާއިރު އަތްޖަހަން ބައްލަވަން ހުންނާނީ ތޯއެވެ. ދަރިންކޮޅުވެސް ފަހަތުލައިގެން ހަމަ ހުންނާނީތޯއެވެ.
ބައްޕާއެވެ. ސުޓޭޖުތަކުގައި ވާހަކަ ދެއްކުން ނޫންކަމެއް ބައްޕަޔަށާއި ތިމާވެށީގެ ރޮނގުން ފުންނާބާއި އެހެންތަންތަން އުސް ތިމާވެއްޓާ ބެހޭ މިނިސްޓަރުވެސް ބައްޕަޔަށް އިލްތިމަސްވެސް ނުކުރޭތޯއެވެ. އަދި ވެސް ފަސްއަހަރު ހަމަ އެގޮތުގައި އަނގަތެޅުމުގައި ހޭދަކުރާނީތޯއެވެ. ފަސްއަހަރުފަހުން ރާއްޖެ އަޑިޔަށް ދިޔައީމާ ދަރިންކޮޅު ދޫކޮށްލާފައި ބައްޕަ ފުރުއްވާނީތޯއެވެ. އަހަރެމެން ގެންދާނަންދޯއެވެ. އަހަރެމެންވެސް ދާހިތްވާނެނޫންތޯއެވެ. މިތާ ތިބިއްޔާ ރާއްޖެ ދަރިންކޮޅާއެކު ދާނީ އަޑިޔަށް ނޫންތޯއެވެ.
ބައްޕާއެވެ. އަހަރެން ކުޑަޔަކަސް ނަސޭހަތެއްދިނިއްޔާ އަޑުއަހާނަންހެއްޔެވެ، އަހަރެން ބައްޕަ އާއެކު ނުގެންދިޔަސް ހެވެ. މިވާހަކަ އަޑުއަހާލާށެވެ. ރާއްޖޭގެ ރައްތައް ތިމާވެށީގެ ގޮތުން ހިމާޔަށް ކުރުމަށް ކުރަންހުރި ކަންކަން ލިސްޓު ކުރަމާތޯއެވެ. ބައްޕާއެވެ. މިކަން ކުރަން ފަނަރަ އަހަރު ބޭނުމެއް ނުވެއެވެ. ގަލަމަކާ ކަރުދާސް ކޮޅަކުން ފުދޭނެއެވެ. ނޯޓު ކުރާށެވެ.1- ރާއްޖޭގެ ގޮނޑުދޮއްއުސްކުރާށެވެ. ބޮޑަށް ގިނާ ރަށްރަށަށާއި އުދައަރާ ރައްތަކަށް އިސްކަން ދޭށެވެ. 2- ކަންޑުތޮށިލާށެވެ. ކޮންމެހެން މާލޭގައި ހުރި ފެންވަރަށް ނޫނަސް ފުދޭނެއެވެ. 3- ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވާށެވެ.އަދި އަގުހެޔޮކޮށް ހިލަޔާއި ހިލަވެލި ލިބޭނެ މަގު ފަހިކޮށްދޭށެވެ. ނޫނީ ގޯތި ދޫކުރުން ހުއްޓާލާފަ އަތޮޅުތަކުގައިވެސް ކުދި ފުލެޓް ބަރިތަކެއް އަޅާށެވެ. ގޯތި ދޫކުރުމަކީ ދާއިމީކޮށް ކުރެވޭނެ ކަމެއްނޫނެވެ. 4- ރަށްރަށް އުސްކުރާށެވެ. ވެލިއަޅައިގެންނެވެ. ނޫނީ ހިލަ ބޭނުންކޮށްގެންނެވެ.
ބައްޕާއެވެ. ދުނިޔޭގައި ރާއްޖެއަށް ނޫނަސް ތިމާވެށީގެ މައްސަލަތައް އެބަ ދިމާވެއެވެ. ނަމަވެސް އެމީހުން ހަމައެކަނި އަނގަތަޅަނީކީ ނޫނެވެ. ޖޯޖުބުޝް އެއް އަދި ކޯފީ އަނާނެއް ކީއްކުރަންހެއްޔެވެ. މަންމޯހަން ސިންގެއްވެސް ރާޢްޖޭއްގެ ރައްތައް ހިމާޔަތް ކޮށްދޭކަށް ނާންނާނެއެވެ. އެކަން ކުރަންޖެހޭނީ ބައްޕަޔާއި އަހަރެމެންނޫން ހެއްޔެވެ.
ބައްޕަ މިހާރު ފައިސާ ކޮބައިތޯ ތި ސުވާލު ކުރަނީދޯއެވެ. ބައްޕާއެވެ. ދިނިޔެ ފިނިކުރުމަކީ ބައްގެ ވާހަކަތަކުން ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް އެކަމުން ރާޢްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަތީގައި ފާހަގަ ކުރެވުނު ކަންކަން ކުރުމަށް ތަރައްގީވެފައިވާ ގައުމުތަކުން މާލީގޮތުން އެހީދޭނެއެވެ.އެކަމަށް މަސައްކަތް ކުރާށެވެ. އަނގަތެޅުން ހުއްޓާލާ އަމަލީ ގޮތުން މަސައްކަތް ކުރާށެވެ. އަހަރެންގެ ހިޔާލުވެސް ބޭނުން ކުރާށެވެ. ދުނިޔެ ފިނިކުރާކަށް ބައްޕަގެ އަޑަކުން ނުފުދެއެވެ. ނަމަވެސް ރާއްޖެ ހިމާޔަތް ކުރުމަށް ބައްޕަ ކުރާ މަސައްކަތް މާމުހިންމެވެ. ހުސްވާހަކަ ތަކެއްނޫނެވެ. އަމަލީގޮތުންނެވެ. ވާހަކަތަކަށް ދެވޭނީ މެޑެލްތަކާއި އެވޯޑެވެ. ނަމަވެސް ރާއްޖެ ހިމާޔަތް ކުރުމަށް އަމަލީގޮތުން ކުރާ މަސައްކަތަށް ރައްޔިތުންގެ ހިތްހަމަޖެހުން ލިބޭނެއެވެ. ބައްޔަށް މުހިންމީ ރައްޔިތުންގެ ލޯބިތޯއެވެ. ނޫނީ ފަރަންޖީންދޭ މެޑެލި ހެއްޔެވެ. ބައްޕަބޭނުން އެއްޗެއް ނަގާށެވެ.