Wednesday, June 15, 2011

މިނިވަން މުވައްސަސާތަކާއެކު އައިބަދަލު

ފެހި ގާނޫނު އަސާސީއާއެކު ދައުލަތް ހިންގުމުގެ އޮނިގަނޑަށް އައި އެންމެ ބޮޑު ބަދަލަކީ އުފެދިގެން ދިޔަ "މިނިވަން" މުވައްސަސާތަކެވެ. މިނިވަން މުވައްސަސާ ތަކުގެ ސަބަބުން ގައުމުގެ ހިންގުމަށް އައީ ކޮންކަހަލަ ބަދަލެއްތޯ ވިސްނާލުމުން ފެންނަ މަންޒަރުތަކަކީ މުޅިއަކުން ދެކެން ބޭނުންވި މަންޒަރެއްނޫނެވެ.
މިނިވަން މުވައްސަސާތައް މިނިވަންވީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެއެވެ. ގިނަ މުވައްސަސާތަކުގެ އިސްމީހުންގެ ވިސްނުން ބޮޑަށް މިސްރާބު ކުރެވިފައިވަނީ އެމީހުންގެ މަގާމުދިފާއުކުރުމުގެ މައްޗަށެވެ. އެތަނުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތުގެ ފެންވަރު މަތިކޮށް ހަލުއިކުރުމަށްވުރެ، ބޮޑުދެޕާޓީގެ ރުހުން ހޯދަން މަސައްކަތް ކުރުމަކީ އެންމެ އިސްކަމަކަށް ވަނީ ވެފައެވެ. ބޮޑު ދެޕާޓީގެ ރުހުންހޯދުމަށް ކޮންމެހެން މުހިންމީ ރައްޔިތުންނަށް ޒިންމާދާރު ކަމާއެކު އެތަނަކުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމެއްނޫނެވެ. އެޕާޓީތަކުގެ ވިސްނުން ދިފާއުކުރުމެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ ފުލުހުންނާއި ސިފައިންގެ ފަރާތުންނެވެ.
ގިނަ މުވައްސަސާތަކުގެ އިސްމީހުން ދެޕާޓީގެ އަވާގައި ޖެހި ތިބޭތަން ފެންނަނީ ހަތަރެސްފައި ބަނދެވިފައެވެ. ކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކިތަންމެ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ބާރު ހުރި ޕާޓީތަކުގެ ރުހުން ނެތްނަމަ ވަޒީފާއާމެދު މާބޮޑު ޔަގީން ކަމެއްނެތެވެ. ވަޒީފާ ސަލާމަތް ކުރުމަކީ ތިމާއާ ހަވާލުވެފައިވާ މަސްއޫލިއްޔައްވުރެ އިސްކަމެއް ކަމުގައި ދެކޭނަމަ ކަންވާނެގޮތްތަކީ މިހާރު ރާއްޖޭގައި ކަން ހިނގަމުންދާ ގޮތެވެ.
މިނިވަން މުވައްސަސާތަކާއެކު ފާހަގަ ކުރެވުނު އަނެއްބޮޑު ބަދަލަކީ ދައުލަތުގެ މުވައްސަސާތަކުގެ މެދުގައި އުފެދިގެން ދިޔަ މުސާރައިގެ ވާދަވެރިކަމެވެ. އެއްތަނަށް ވުރެ ބޮޑު މުސާރައެއް އަނެއްތަނުން ދެވޭތޯ ކުރި މަސައްކަތުގައި ބައެއް އިދާރާތަކުންވަނީ ވަރަށްބޮޑެތި ކާމިޔާބުތައް ހާސިލުކޮށްފައެވެ. ދިވެހި ދިދައިގެ ދަށުގައި ދައުލަތުގެ ހިދުމަތުގައި އެއްމަގާމެއްގައި ތިބި އެއްފެންވަރަކަށް ތަޢުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ފަރަގު ނުހަނު ބޮޑުވެގެން ދިއުމީ ހައިރާންވާން ނުޖެހޭ ކަމެއްތޯއެވެ. މިކަމުގައި ޒިންމާ ނަގާނެ ފަރާތެއް އޮތްކަމަކަށް ނުވެއެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެކި ނަންނަމުގައި ދެވޭ އިނާޔަތްތައް ހަމަތަކަކަށް ފެއްތުމުގެ ބާރު ލިބިފައިވާ ފަރާތެއް މިއަދަކު ފެންނާކަށް ނެތެވެ. މަޖިލީހުން ގާނޫނުތައް ފާސްވެ މުވައްސަސާތައް އުފެއްދި އިރު އެކިތަނަށް ހަމަޖައްސާފައިވަނީ ވެސް އެކިގޮތެވެ. އެއްބަޔަކު އަމިއްލައަށް ހިތު ހުރިވަރެއް ކަނޑައަޅަންވެސް ދޫކޮށްލާފައިވާ ކަމަށްވެއެވެ. މިކަން އިސްލާހް ކުރުމަށް އަނެއްކާ އަނެއް މުވައްސަސާ ގާއިމްކުރަންވީއެވެ. މިކަމުގައި އިސްނަގާނެ ސަރުކާރެއް މަޖިލިހެއް ނެތެވެ.
ތިންލައްކަ އާބާދީ ކިރިޔާ ހަމަވާ މިގައުމަށްވުރެ ވަކި މުވައްސަސާތައް ގިނަ ބޮޑު ދައުލަތެއް ދުނިޔޭގައި ވާނެއެކޭ ހިއެއްނުވެއެވެ. ގައުމުގެ ކޮންމެ ހަ ރައްޔިތަކަށް ދައުލަތުން މުސާރަދޭ އެކަކު ގައުމުގައި މިއަދު ހުންނާނެކަމަށް ބެލެވެއެވެ. ސިވިލްސާވިސް އާއި އެހެން އިދާރާތަކާއި ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތުންނެވެ. ރައްޔިތަކު ހިދުމަތެއް ހޯދަންވެއްޖެނަމަ މިއަށްވުރެ ވަކި ތަކުލީފު ބޮޑުތަނެއް އޮންނާނެބާވައެވެ.
ގިނަ މުވައްސަސާތައް އުފެއްދި މަގުސަދަކަށް ވާނީ ހެނދުނު ހުޅުވާ ހަވީރު ބަންދުކޮށް މަސްހަމަވުމުން މުވައްޒަފުންނަށް މުސާރަ ދިނުން ހެނެއް ހިއެއްނުވެއެވެ. ރައްޔިތުންނަށް ފެންނަމިންވަރަށް ނުވަތަ ގަބޫލު ކުރެވޭގޮތަށް އެއިން ތަނެއްގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއްކަމަށް ނުވާނެބާވައެވެ.
މިސާލެއްގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަލާލަމާތޯއެވެ. ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވާކަމަށް ޓްރާންސް ޕޭރަންސީ ފަދަ ޖަމާއަތްތަކުން އެދަނީ ބުނަމުންނެވެ. ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަނަށް ނިސްބަތްވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް މިނިވަން ކޮމިޝަން ހެދި ފަހުންވެސް ފެންމަތިވާލެއް މަދެއްނުވެއެވެ. ބައެއް މަޝްރޫޢުތައް ގަވާޢިދުތަކާ ހިލާފަށް ހުރެގެން ހުއްޓާލަން އަންގާކަމަށްވެއެވެ. މަޝްރޫޢު ހުއްޓާލަން އަންގާއިރު ގަވާއިދަށް ހިލާފަށް ކަން ކުރި މީހާގެ މައްޗަށް ދައުވާއެއް ނޫފުލެއެވެ. އަދި އެންޓި ކޮރަޕްޝަނުގެ އެންގުމަށް ގޮންޖަހާފައި ކަންކުރަމުންދާއިރުވެސް އެޅޭނެ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. ގާނޫނުގެ މައްސަލައަކުން ކަމަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ގާނޫނު އިސްލާހްކޮށް މަޖިލީހަށް ހުށަހެޅުމަކީވެސް ކޮމިޝަނަށް ކުރެވޭނެ ކަމެއްކަމަށް ފެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ކޮމިޝަންގެ އިތުބާރު ގެއްލޭނެއެވެ.
ހިއުމަންރައިޓްސް ކޮމިޝަނަކީ އަނެއް މުވައްސަސާއެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން އާކޮމިޝަން އުފެދުނު ފަހުން މާބޮޑު ވާހަކަތަކެއް މީޑިއާއާ ހަމައަކަށް ތިލައެއްނުވެއެވެ. ފަހަރެއްގައި އިންސާނީ ހައްގުތައް ލިބި ފުރިހަމަވެ ނިމިފައިއޮތީ ކަމަށް ވެދާނެއެވެ. ނަމަވެސް ނޫސްތަކުންފެންނަ އިންސާނިއްޔަތާ ހިލާފު ތަފާތު އަމަލުތަކުގެ ހަބަރުތައް މަދެއްނުވެއެވެ. ނޫނީ އެފަރާތްތަކުގެ މަސައްކަތްޕުޅު ބުރަކަމުން ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާ ހިއްސާކޮށްލާނެ ވަގުތެއް ނުވަނީކަމަށްވެސް ވެދާނެއެވެ.
ޕީޖީއޮފީހަކީ މީގެ އަނެއް އޮފީހެވެ. މޮޑެތި މުޖުރިމުންނާ ނަންމަޝްހޫރު ޑުރަގު ޑީލަރުން ހަށިފޮޅާލާފައި މުޖުތަމައަށް ނުކުންނައިރު ކުރެވޭނެ މާބޮޑު ކަމެއް އޮންނަ ކަމަށް ނުވެއެވެ. ދަށުކޯޓުން މައްސަލަ ނިމުމުން ކުށްސާބިތު ނުވާނަމަ މަތީކޯޓުތަކަށް ހުށަހަޅާގެންވެސް ކާމިޔާބުވޭތޯ ގަދަ އަޅާ މަސައްކަތް ކުރެވޭތަނެއްނުފެނެއެވެ. ނަމަވެސް ސިޔާސީ ކުށްވެރިންގެ މައްސަލަތަކުގައި ހިފައިގެން ވަރަށް އަވަދިނެތި އުޅޭތަން ފެނެއެވެ. ސިޔާސީ މީހުންގެ މައްސަލަތައް ހިފައިގެން ފަހަރަކު ކޯޓަކަށް ގޮސް ކުށެއްސާބިތުވޭތޯ ނުވަތަ ބަންދުގައި ބަހައްޓާލެވޭތޯ އުޅުމަކުން މައްސަލައެއް އޮތީކީނޫނެވެ. މައްސަލައޮންނަކީ ކިލޯ ކިރޭވަރަށް އެތެރޭ މަސްތުވާ ތަކެތީގެ މައްސަލައާއި މާރާމާރީ ފަދަ މައްސަލަތައް އިސްތިއުނާފުކޮށް އެމީހުންގެ މައްޗަށް ކުށެއް ސާބިތުވޭތޯ ގަދަ އަޅާ އުޅޭތަން ނުފެންނާތީއެވެ.
މިހާރު ކަންކަން މިދާ މިސްރާބުން ފެންނަނީ އެއްކަލަ ތިރީސް އަހަރުގެ ހާލަތައް މަޑުމަޑު ގައުމުދާ މަންޒަރެވެ. ދަތިހާލުން ގާއިމްކުރި ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު ގެއްލި ޑިމޮކްރަސީއަކީ ހަމައެކަނި ބޮޑު ހަރަދު ގަނޑެއްގެ ގޮތުގައި ސިފަވާތަނެވެ. މިއީ އެއްވެސް ދިވެއްސަކު އެދޭނެ ގޮތެއްނޫނެވެ. މިނިވަން މުވައްސަސާ ތަކުގެ ފުރިހަމަ ގޮތުގައި އަދާކުރެވިގެންނޫނީ ޑިމޮކްރަސީ ހަރުދަނާއެއް ނުވާނެއެވެ.


Sunday, June 12, 2011

ތަހްގީގު ކުރިއަށްދަނީ

އަލަށް ތަޢާރަފްވި ފެހި ގާނޫނު އަސާސީއަށްފަހު އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވުނު އެއްދިމާއަކީ ޖިނާއީ އަދުލުގެ ނިޒާމެވެ. ޚާއްޞަކޮށް ތަޙްޤީޤު މަރްހަލާއެވެ. ގާނޫނު އަސާސީ ފާސްވުމުގެ ކުރިންވެސް ފުލުހުންގެ ސައިންޓިފިކް ލެބޯޓްރީގެ މޮޅުވާހަކަތައް ދޭތެރެއަކުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިގެންދެއެވެ. ތަހްގީގު ކުރުމުގެ ވައްޓަފާޅިއަށް އަންނަންޖެހޭ ބަދަލުތަކާގުޅޭގޮތުން ވަރަށް ގިނަ ދިރާސާތައް ޔޫއެންޑީޕީފަދަ ޖަމާޢަތްތަކުގެ އެހީގައި ކުރެވިފައިވެއެވެ. ރާއްޖޭގައި އެހެންދާއިރާތަކުން ނުހެދޭހާ ގިނަ ދިރާސާ ބޭރުގެ ތަފާތު ކޮންސަލްޓެންޓުން ލައްވާ ކުރެވި، ގާނޫނު އަސާސީ ތައާރަފްވުމުގެ ކުރިން ވަރަށް ފުރިހަމައަށް ފުލުހުން ތައްޔާރުވެފައިވާކަމަށް ބެލެވުނެވެ. އާގާނޫނު އަސާސީގައި ހަނުހުރުމުގެ ހައްގާއި ތަހްގީގުގައިވާ އިއުތިރާފްގެ މައްޗަށް ޝަރީއަތުގައި ދައުވާ ނޫފުލުމާއި ހެއްކާ ގަރީނާގެ މައްޗަށް ތަހްގީގުތައް ބަރޯސާވާން ޖެހޭކަން މާކުރިންވެސް އެނގެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފުލުހުންގެ ކުޅަދާނަކަން ތަހްގީގު ކުރުމުގައި ދައްކާލެވޭބާވައެވެ.
އާގާނޫނު އަސާސީގެ ސަބަބުން ފުރިހަމަވެގެންދިޔަ އިންސާނީ ހައްގުތަކުގެ އިންތަކުގެ ތެރެއިން އިތުރު އުންމީދު ތަކެއް ކުރެވުނު އަނެއްކަމަކީ ތިރީސް އަހަރުގެ ގަދީމީ ވެރިކަމުގައި ސިއްކަޖެހިގެންދިއުމެވެ. އާގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރުމުގައި ރާއްޖޭގެ ޑިމޮކްރަސީގެ މައިތަނބު ކަމުގައި ބެލެވުނު މުޙައްމަދު ނަޝީދަށް ވެރިކަންލިބި ފުލުހުންނާއި ސިފައިންގެ ކަންކަން ވިލަރެސްކުރާ އެންމެމަތީ މީހަކީ އެމަނިކުފާނު ކަމުގައި ވެގެންދިއުމެވެ.
ގިނަ ބަޔަކު އުންމީދު ކުރި ގޮތުގައި ކުރިން ވަޅުޖަހާފައިވާ ތަހްގީގުތައް މެކުހައްޖަހާ، ވެރިކަމުގެ ދައުރު ފެށުމާއެކު ތަހްގީގީ ނިޒާމް ގާނޫނީ އިމުގެ ތެރެއިން ވަރަށް ބޮޑުތަނުން ހަލުއިވެގެން ދާނެއެވެ. އާޕޮލިސް ކަމިޝަނަރާއި ހޯމް މިނިސްޓަރުގެ ގާބިލުކަން ޕޮލިސީ ނިންމުންތަކުން ފެނިގެންދާނެއެވެ. ނަމަވެސް ދިވެހިންގެ ތެރެއަށް މަޝްހޫރުވި ބޮޑެތި މައްސަލަތައް ވީހިސާބެއް އަދިވެސް ނޭންގެއެވެ. އަދި ފަހުގެ ތާރީޚުތަކުގައި ހިންގަމުންދާ މައްސަލަތަކުގައިވެސް ހަމަ ލިބެނީ އެއްޖަވާބެކެވެ. ތަހްގީގު ކުރިއަށް ދަނީއެވެ. ނޫނީ ތަހްގީގު ކުރިއަށް ދާތީ އިތުރު ތަފްސީލް ދެވެންނެތީއެވެ. ހާދިސާ ހިނގާތާ މަސްދުވަހުން އަހަރު ދުވަހުން ވެސް ތަހްގީގު އޮންނަނީ ބާރަށް ކުރިއަށް ގޮސްގޮހެވެ. ދާދިމާލެއް ނޭންގެއެވެ. ވާނުވާއެއްނޭންގެއެވެ. ދުވަސްކޮޅަކުން ނޫސްތަކުގެ ސުރުޚީތަކުން އެމައްސަލައެއް ގެއްލުނަސް ފުލުސް އޮފީހުން އެކުރާ ކަމެއް ކުރައްވާނެތާއެވެ. ރައްޔިތުންނަށް އެގެން ނުޖެހޭތީ އިތުރު ތަފްސީލް ހާމަ ނުކުރައްވަނީތާއެވެ.
ވަކި ހިސާބަކުން ވާނުވާ ނޭންގި ގެއްލިގޮސްފައިވާ ބައެއް މައްސަލަތައް ހަނދާން އާކޮށްލަމާތޯއެވެ.
މިފްކޯގެ ތިޖޫރީއަކުން ފެނުނު މިލިއަނެއްހާ ރުފިޔާގެ ވަގުނޫޓުގެ މައްސަލައެވެ. ފުލުހުންނަށް މައްސަލައިގެ ކިހާ ފުނަކަށް ދެވުނުބާވައެވެ. ހަމަ ޔަގީނުންވެސް އެފައިސާ ހޯދުނު ކަމަކަށް ނުވަތަ އެފައިސާ ތިޖޫރީއަށް ވަންގޮތެއް ހޯދުނު ކަމަކަށް އެއްވެސް ނޫހަކުން އަދި ނުކިޔަމެވެ.
ފަޅެއްގެ ތެރެއިން ފެނުނު ޓަނަކަށް ވުރެ މަސްތުވާ ތަކެތީގެ މައްސަލައެވެ. ކޯސްޓް ގާޑާ އިންޓެލިސްޖެންސާ އެހެންވެސް ގިނަ ވަސީލަތްތައް ފުލުހުންގެ އަތުގައި ހުންނާނެތާއެވެ. އަދި މިހާތަނަށްވެސް މިމައްސަލައިގެވެސް ކޮޅެއްމެދެއް ސާފެއްނުވެއެވެ.
އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލައާއި އެއާމޯލްޑިވްސްގެ މައްސަލައެވެ. މިމައްސަލަތަކަކީ ވެރިކަން ލިބުމުގެ ކުރިން އެމްޑީޕީގެ އިސްބޭފުޅުންގެ ދުލުކުރީގައި އޮތް މައްސަލަތަކެވެ. ވެރިކަން ލިބި ދެއަހަރު ފާއިތުވި އިރުވެސް ކުރިއަށް ފިޔަވަޅެއް އެޅިކަމެއް ނޭންގެއެވެ. ރައްޔިތުން ތިބީ އިންސާފުލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނޫނީ އެއީ، ނުދައްކާ ވާހަކައަކަށް ބަލަންވީބާވައެވެ.
ހޯރަފުށީ ހުސޭނުބޭގެ މަރުގެ މައްސަލައަކީ 5 ވަނަ ގިޔަރުގައި ކުރިއަށް ދިޔަ ފުރަތަމަ މައްސަލައެވެ. މިމައްސަލާގެ ތަހްގީގު ނިމުނު ހަބަރެއް ނޫސްތަކުން ފެނުނު ނަމަވެސް ދައުވާއެއް އުފުލި ވާހަކައެއް ނޫނީ ހުކުމެއް ކުރި ހަބަރެއް ނޫހަކުން ނުފެނުނެވެ. އަދި ނައިފަރުންވެސް މަރުވި މީހެއްގެ މިފަދަ ތަހްގީގެއް ފަށައިގެންއުޅޭކަން އިނގުނެވެ. ފަހުން ވީގޮތެއް މީޑިއާއަކަށް ތިލައެއްނުވިއެވެ.
ރާއްޖޭގައި އުޅުނު މާވަރުގަދަ ހަ މީހެއްގެ ވާހަކަ ރައީސް ދެއްކެވި އަޑު އިވުނެވެ. އެދުވަހު އިހްސާސް ކުރެވުނީ މަސްތުވާތަކެތީގެ މައްސަލަތައް މިދެން ނިމުމަކަށް އައީ ކަމަށެވެ. އަދި އަދަށްވެސް އެ ހަމީހަކު ވީހިސާބެއް ނޭންގެއެވެ. މިވަނީ ކިހިނެތްބާއޭ ހިތައްއަރައެވެ. އެކަން ކުރަނީ ހަމީހަކު ކަމާ އެހަމީހަކުގެ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ރައީސް ނަޝީދަށް އިނގުނު ނަމަވެސް މިއިން ކަމެއް ކޮޅެއްގައި ޖެހި، ރައްޔިތުންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.
މާވަރުގަދަ އަތްބަޅޭއެއްގެ ވާހަކައަކީ ކުއްލިއަކަށް މަޝްހޫރު ވި ވާހަކައެވެ. އޭނާގެ ކަށިތައްވެސް ފެނުނުކަމަށް ވިއެވެ. އަތްބަޅޭމެންގެ މަރުގެ ތަހްގީގު ނުހިނގާނަމަ ފުލުސްއޮފީސްވެސް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ހަރު ވާހަކަފުޅެއް ހަމަ ޔަގީނުންވެސް އަރާ ފޯރިގަނޑެއްގައި ގައުމެއް ރައީސެއް ވިދާޅެއް ނުވާނެތާއެވެ. ނަމަވެސް އަދި އަދަށްވެސް އެކަށިތަކަށް ވީނުވީއެއް ނޭންނެއެވެ. އާންމުކޮށް ވާގޮތަށް ތަހްގީގު ކުރިއަށް ދަނީކަމަށް ވެދާނެއެވެ. ޝަރީއަތާ ހަމައަށް މިކަންކަން ދާނީ ކިހާ ކުރިއަކަށް ދިޔާމާއަކެއް އަޅުގަނޑަކަށް ނޭންގެއެވެ.
ވެރިކަމުގެ ދެވަނަ އަހަރު މުޅި ގައުމު ގުގުމާލި އެއް ހާދިސާއަކީ މާވަރުގަދައަކަށް ރިޝްވަތުގެ އަމަލުތަކެއް ޕާލިމެންޓްގައި ހިނގާ ހަބަރެވެ. މަޖިލީހުގައި އަޑު ހަރު ސިޔާސީގޮތުން ބުރަދަން ބޮޑު ތިން މީހަކު ލުހެލީ މިހާދިސާއާ ގުޅިގެންނެވެ. އެފަދަ ބަޔަކު ލުހެލާނީ ގައިމު ހެކިތަކަކާއި ގަރީނާތަކަކާއި އެހެންވެސް ގިނަ މައުލޫމާތެއް ހުރެގެންކަމަށް ފެނެއެވެ. ނަމަވެސް އަހަރަކާ ގާތްވިއިރުވެސް އެއިން މީހެއްގެ މައްޗަށް ދައުވާއެއް އުފުލިތަކެއް ނުފެނުނެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި ކުރުން ޣައިރު ގާނޫނީ ކަމަށް ޝަރީއަތުން ކަނޑައެޅިގެން ދިޔައެވެ.
ވެބްކެމް ކުރިމަތީގައި އެކްޓް ކުރުމުގެ މައްސަލަތަކެއް ހިލިގެން ދިޔަތާވެސް ދުވަސް ތަކެއްވެއްޖެއެވެ. އަދި އަދަށްވެސް މިއިން މައްސަލައެއްގެ ތަހްގީގު ފުރިހަމަ ކުރެވުނު ކަމަކަށް މީޑިއާއަކުން ނޭންގެއެވެ. މީހުން އައިޑެންޓިފައި ކުރާކަމަށް ބުނަމުން ދިޔަތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. އަދި މިހާތަނަށްވެސް މިކަމުގެ ތަހްގީގުގެ ކޮޅެއް މެދެއްނުފެނެއެވެ. ފަހަރެއްގައި މިހާ ބޮޑު ތަހުގީގެއްވީމާ ދައުރު ނިމެންދެންވެސް ދެމިގެން ގޮސްފާނެއެވެ.
ތަހްގީގެއް ހިންގަން ޖެހޭ ކޮންމެ ފަހަރަކީ މީހުން ބަންދުކުރަން ޖެހޭ ފަހަރެއް ނޫންކަން ފުލުހުންނަށް ގަބޫލު ކުރެވެންޖެހެއެވެ. ނަމަވެސް އަދި އަދަށްވެސް ފެންނަނީ މީހުން ބަންދު ނުކުރެވިގެން ތެޅިފޮޅޭތަނެވެ. ފަހަރެއްގައި މީހާ ބަންދުކޮށްގެންނޫނީ ތަހްގީގަށް ހެކި ހޯދޭވަރު ނުވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް ގާބޫލު ކުރަންޖެހޭ ހަގީގަތަކީ ގާނޫނާ ހިލާފަށް ހޯދާ ހެކި އާގާނޫނު އަސާސީގެ ދަށުން ކޯޓުތަކުން ގަބޫލު ނުކުރެވޭނެކަމެވެ. އަނެއްކޮޅުން ތަހްގީގުގައި ދައްކާ ވާހަކައަކީ މާބޮޑު ބުރަދަނެއް ހުންނަ ވާހަކަ ތަކަކަށް ނުވާކަމެވެ. ތަހްގީގުގައި ހަނު ހުރުމުން ދެން ކީއްކުރަން ކުރާ ބަންދެއްތޯއެވެ. ދެން ގަދަބާރުން މީހުން ބަންދުކޮށްގެން ހޯދަން މިއުޅެނީ ކޮން ހެއްކެއްބާވައެވެ. ފޮރެންސިކް ލެބޯޓްރީއާއި އެހެނިހެން ގޮތްގޮތުން ވަސީލަތްތަކުން ހެކި ހޯދޭނެތާއެވެ. މިގޮތުން ހޯދާ މަދުހެކިވެސް ގިނަފަހަރު ކޯޓުތަކާ ހަމައަކަށް ތިލަނުވާކަމަށްވެއެވެ.
ބޮޑެތި އާރުލާ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް އާދައިގެ ނިކަމެތި މީހުންގެ ކުދިކުދި މައްސަލަތައް ގިނަ ފަހަރު ދާ ސްޕީޑު ގޯހެއްނޫނެވެ. ފެންނަން ހުންނަ މަންޒަރުތަކުން ސިފަވަނީ ފުލުހުންވެސް ސިޔާސީ މައިދާނުގައި ޣަރަގުވަމުންދާ ތަން ކަމަށް މީހުންނަށް ހީވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ހެޔޮވެރިކަމެއްގައި އޯގާތެރި ސަރުކާރަކުން ފުލުހުންގެ ބޭނުން ނުރަނގަޅު މަގަކުން ހިފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ހަމަ ތަހްގީގު ކުރިއަށް ދާކަމަށް ބަލަމާހިނގާށެވެ. ޕީޖީ ބޭނުންވާ ފެންވަރަށް ތަހްގީގުތައް ނުކުރެވެނީ ތަމްރީނު ވެފައިވާ ގާބިލު މީހުންނާ ލެބޯޓްރީތަކާ ވަސީލަތްތައް ނެތިގެން ކަމަކަށް ގަބޫލު ނުކުރެވުނަސް ފެންނަ މަންޒަރުން ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ. ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ނުވާކަން ކަށަވަރުވެއެވެ.







Thursday, June 9, 2011

ކަންކުރާ މީހާގެ ސަބަބުން ކަންކަން ރަނގަޅުވެ ނުބައިވުން

ކަންކުރާމީހާގެ ސަބަބުން ކަންކަން ރަނގަޅުވެ ގޯސްވުން މީދެން އަހަންނަށް ކަމުދާ ހަމައެއްނޫނެވެ.
މައުމޫނު ދައުރުގައި މޫނުމަތި ރީތިކުރަން ހިލް އެންޑް ނޯޓަން ކިޔާ ބަޔެއްގެ އެހީ ހޯދާ އެމީހުންނަށް ފައިސާތަކެއް ދިންވާހަކައަކީ ވަރަށް މަޝްހޫރުވެގެން ދިޔަ ވާހަކައެކެވެ. މިހާރު މަދު ބަޔަކުނޫނީ އެކަން ހަނދާން ހުރި ހެނެއް ހިއެއްނުވެއެވެ. ބޭރު ބައެއްގެ އެހީތެރިކަން މައުމޫނު ހޯދާ ސަރުކާރު ޕްރޮމޯޓުކުރަން އުޅުމުން އެކަމަކީ އިންތިހާބުގެ ތެރޭގައި އެންމެ އަޑުހަރުކޮށް އެދުވަސްވަރު ދެކެވުނު އެއްވާހަކައެވެ. ނިސްބަތުން ބަލާއިރު އެކަމަށް ހޭދަކޮށްފައިވަނީކީވެސް މާކަ ބޮޑު އެއްޗެއް ނޫނެވެ. ނަމަވެސް މައްސަލައަކަށްވީ ބޭރު ބަޔަކު ލައްވާ މައުމޫނު ޕީއާރު ސްޓަންޓު ޖައްސަން އުޅުމުންނެވެ. ހަމަ ޔަގީނުންވެސް މައުމޫނު ހިލްއެންޑްނޯޓަންގެ އެހީތެރިކަން ހޯދި ހޯދުން ދިފާއުކޮށް އޭނާ ދައްކާނެ ވަރަށްގިނަ ހަމަ ހުންނާނެއެވެ. މައުމޫނުގެ ސަރުކާރުން ހިލްއެންޑްނޯޓަންގެ އެހީތެރިކަން ހޯދީ ރައްޔިތުންނާ ގައުމަށްޓަކައި ކަމަށް މައުމޫނު ދައްކާނެ ކިތަންމެ ބަހަނާއެއް ވެސް ހުންނާނެއެވެ.
މިހާރުގެ ރައީސް ނަޝީދުގެ ސަރުކާރުން މިކުރަނީ ކީއްބާއްވައެވެ. ހިލްއެންޑްނޯޓަންގެ އެހީ މައުމޫނު ހޯދުމުން އެވާހަކަ އެންމެ ގަދަޔަށް ދެއްކިމީހުން މިއަދު މިކުރަނީ ކީއްބައެވެ. ސަރުކާރުގެ މަގާމުތަކުގައި އިނގިރޭސި ވިލާތުގައި ގާއިމްވެ ތިބި އިނގިރޭސީންގެ އަދަދު ކިހާވަރެއްތޯއެވެ. ރައީސް އޮފީސްތެރޭގައި މަސައްކަތްކުރާ މީހުންގެ އަދަދު ކިހާވަރެއްތޯއެވެ. ރައީސް ނަޝީދުގެ ޕޮލިސީ އެޑްވައިޒަރުންގެ ގޮތުގައި ކިތައް ފަރަންޖީން މަސައްކަތް ކުރޭތޯއެވެ. ސަރުކާރުގެ މުސާރަވެރިންގެ ގޮތުގައި އިނގިރޭސި ވިލާތުގެ ތަފާތު ގުރޫޕުތަކަށް ނިސްބަތްވާ ކިތައްމީހުން ވަޒީފާއަދާކުރޭތޯއެވެ. ނުވިތާކަށް މިހާރު އައިޖީއެމް ހޮސްޕިޓަލާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ތަންތަން ވެސް އިނގިރޭސި ވިލާތުގެ މީހުންގެ އަތްމަށްޗަށް ދިޔައީއެވެ. މިހާރު ފަރަންޖީންގެ އެހީގައި މިހިންގާ ހަރަކާތްތަކަކީ މާކަބޮޑު މައްސަލައަކަށް ނުވެއެވެ. އެއީ އެކަން ކުރަންޖެހޭގޮތް ކަމަށްވެސް ވެދާނެއެވެ. މިހާރުގެ ސަރުކާރުގެ މުސާރަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ދޮރު ފަރަންޖީންނަށް މިހާބޮޑަށް ހުޅުވިފައިވާއިރު ތައުލީމީ ދިވެހި ޒުވާނުން ދަނީ ބާކީވަމުންނެވެ. ސަރުކާރުން އިއުލާނުކުރާ ބޯޑުތަކަށާއި އެކި މުވައްސަސާތަކަށް ސަތޭކައިން ގުނޭ އަދަދުތަކުން އެދަނީ ތައުލީމީ މީހުން ކުރިމަތިލަމުންނެވެ. އެންމެ ފަހުން ކަސްޓަމްގެ ބޯޑަށްވެސް އަދި ބްރޯޑުކާސްޓިން ކޮމިޝަނަށްވެސް އެތަށް ބަޔަކު ކުރިމަތިލިކަމަށްވެއެވެ. ރައީސް ނަޝީދަށް ދިވެހިން ފެންނަނީ ބިރެއްގެ ގޮތުގައިކަމަށް ވެދާނެއެވެ. ދިވެހިން ކަމުދަނީ ހަމައެނި ވޯޓު ލާންކަމަށްވެސް ވެދާނެއެވެ. ބޮޑެތި ކޮންޓްރެކްޓްތައްވެސް ބޮސްކާލިސް ފަދަ ކުންފުނިތަކަށް ދާއިރު އެމްޓީސީ ފަދަ ކުންފުނިތައް އުޅެން ޖެހިފައިވަނީ މަސައްކަތެއް ނުކުރެވި ގެއްލުމުން ސަލާމަތް ނުވެވިގެންނެވެ. މައުމޫނު ކުރެއްވި ގިނަ ކަންކަން އެންމެބޮޑަށް ކަމުނުގޮސްގެން ފާޑުކީމީހުން އެކަންކަން ތަކުރާރު ކުރާތަން ފެނުމީ ދިވެހިން ދެކެންބޭނުންވާނެ މަންޒަރެއްނޫނެވެ. ދިވެހިންނަށް ނުލިބޭ ފުރުސަތު ފަރަންޖީންނަށް ލިބޭތަން ފެނުމީ ވެގެންވާނެ ގޮތެއްނޫނެވެ. ހިލްއެންޑްނޯޓަން ފަދަ ކުންފުނިތަކަށާއި މީހުންނަށް ހަރަދު ކުރަން ކުރިންވެސް މިހާރުވެސް އަހަރެމެންގެ ތެރެއިން ގިނަމީހުން ގަބޫލެއްނޫނެވެ. ކޮންމެ މީހަކު ކުރިއަސް ރަނގަޅުވާނީ ރަނގަޅުކަންތަކެވެ.

Sunday, June 5, 2011

މަސައްކަތުގެ ހިތް ހަމަޖެހުން

ވަޒީފާގެ މާހައުލުން ލިބުން އެންމެ އުނދަނގޫ ކަމަކީ ތިމާކުރާ މަސައްކަތުގެ ހިތްހަމަޖެހުމެވެ. ރާއްޖޭގެ ވަޒީފާގެ މާހައުލަށްވެސް ސިޔާސީ ދާއިރާއަށް އައިސްފައިވާ ހަލަބޮލިކަމުގެ ހިޔަނިއެޅި މަސައްކަތުގެ ހިތްހަމަޖެހުންލިބުމީ މިއަދު ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ހިތްހަމަ ޖެހުންނެތި ތިމާކުރާ މަސައްކަތް ރަނގަޅުގޮތުގައި ކުރުމަކީ ދަތި ކަމެކެވެ. ތިމާއާ ހަވާލުވެފައިވާ މަސައްކަތަކީ ނުވަތަ މަސައްކަތުގެ މާހައުލަކީ ހިތްހަމަޖެހުމެއް ނެތް މާހައުލެއްނަމަ ހެނދުނުތެދުވެ އޮފީހަށް ދިއުމީ ބުރަޔަކަށް ވެއެވެ. އޮފީހަށް ދަނީ ހަމައެކަނި މުސާރައިން އުނިވާއެއްޗެއްގެ ދަހިވެތިކަމުގައި ނުވަތަ ތިމާއާމެދު އަޅާފާނެ ސުލޫކީ ފިޔަވަޅަކުން ސަލާމަތްވުމަށް މަޖުބޫރީ ހާލަތުގައި ކަމަށް ވާނަމަ ތިމާގެ ފުރިހަމަ ބޭނުން އޮފީހަކަށް ނުހިފޭނެއެވެ. ތިމާވެގެންދާނީ އުފެއްދުން ތެރިކަމެއްނެތް މީހަކަށްށެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކުތޯއެވެ.
މުވައްޒަފަށް އެމީހާ ކުރާ މަސައްކަތުގެ ހިތްހަމަޖެހުން ނުލިބޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. މީގެ ތެރޭގައި މަސައްކަތް ރޭވިފައި ހުންނަގޮތުގެ ސަބަބުން ދިމާވާ ހުރަސްތަކާއި، އެކުގައި މަސައްކަތްކުރާ މީހުންގެ ފުށުން ކުރިމަތިވާ ހުރަސްތަކާއި، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަކެތި ނުލިބުމުގެ ސަބަބުން ދިމާހުރަސްތަކާއި، ތިމާއާ ހަވާލުވެފައިވާ މަސައްކަތަކީ ތިމާއަށް އެންމެ ރަނގަޅަށް ކުރުމުގެ ގާބިލްކަން ލިބިފައިނެތް މަސައްކަތަށްވުމާއި، ތިމާ ވަޒީފާއަދާކުރާ ހަގީގީ މަގުސަދު ތިމާއާ ހަވާލުވެފައިވާ މަސައްކަތްކޮށްގެން ހާސިލުނުވުން ހިމެނެއެވެ. ތިމާ ކުރަންޖެހޭ މަސައްކަތާއި މަސައްކަތުގެ މަގުސަދުތައް ސުޕަވައިޒަރުންނަށް އޮޅުން ފިލާފައި ނެތުމީވެސް ދިމާވާ މައްސަލަތަކެވެ. އަދި މިނޫނަސް މަސައްކަތުގެ ހިތްހަމަ ޖެހުން ނުލިބޭ ވަރަށް ގިނަ ސަބަބުންތައް ހުރެއެވެ. މިސަބަބުތައް ދެނެގަނެ ނައްތާލުމުގައި މުވައްޒަފާ އޭނާ މަސައްކަތް ކުރާ އޮފީހުގެ އިސްމީހުންގެ ދައުރު ވަރަށްބޮޑެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލާއިރު އެންމެ މަތިން ފެށިގެން ތިރިއަށްވެސް ފެންނަނީ ވަޒީފާގެ ހިތްހަމަޖެހުން ނުލިބިގެން އުޅޭތަނެވެ. ތަފާތު ސަބަބުތަކާހުރެއެވެ. ނަމަވެސް އެކަންކަން އިސްލާހް ކުރުމަށް ގިނަ ފަހަރު މާބޮޑު މަސައްކަތެއް ނުކުރެވެއެވެ. ފެންނަ އޮންނަ ބޮޑު މައްސަލަވެސް ނުފެންނަކަމަށް ހަދާލުމަކީ ވަރަށް އާންމު ކަމެކެވެ. ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ޝުކުރުވެރިވުމަކީ އަމުދުން ނެތް ސިފައެކެވެ. ރަނގަޅު ކަމެއް ކުރުމުން ނުވަތަ ރަނގަޅަށް މަސައްކަތެއް ކޮށް ނިންމާލުމުން ޝުކުރިއްޔާއޭ ބުނުމީ ގިނަފަހަރު ވަނީ އައިބު ކަމަކަށެވެ. މަސައްކަތުގެ އަގުވަޒަންކުރުމީ އަމްދުން ނެތް ސިފައެކެވެ. މިފަދަ ސިފަތައް ވަޒީފާގެ މާހައުލުގައި އަށަގެންނެވުމުން ތިމާކުރާ މަސައްކަތުން ހިތް ހަމަޖެހުން ލިބި އޮފީހުގެ އުފެއްދުންތެރިކަން ނުވަތަ ޕްރޮޑަކްޓިވިޓީ މައްޗަށް ދާނެކަން އެނގޭއިރުވެސް ގިނަފަހަރު މުވައްޒަފަކު ރަނގަޅު ކަމެއް ކޮށްފިނަމަ އެންމެ ކުޑަމިނުން ޝުކުރިއްޔާއޭ ނުވަތަ ހެޔޮބަހެއްގެ މިންވަރު ބުނެލުމީވެސް ބޮޑު ބުރަޔަކަށް ވެފައިވާ ކަމެކެވެ. އަދި މީހެއްގެ ފަރާތުން ރަނގަޅު ނޫން ކަމެއް ފެނިއްޖެނަމަ އަބަދުވެސް ވަޒީފާގެ މާހައުލުގައި ދެކެވެނީ އެވާހަކައެވެ. މީހުން ކުށްވެރިކުރުމުގެ ސިފަޔަކީ ވަރަށްބޮޑަށް ރާއްޖޭގެ ވަޒީފާގެ މާއުލުގައި އަށަގަނެފައިވާ ރަނގަޅުނޫން ސިފައެކެވެ.
ތިމާގެ މަގާމު މަތިވުމަކުން އެމީހަކީ އެމީހާގެ މަސައްކަތާ ދޭތެރޭ އެންމެ ބޮޑަށް ހިތްހަމަޖެހޭ މީހާ ކަމަކަށް ގިނަ ފަހަރަކު ނުވެއެވެ. ވަރަށް އިސްމަގާމުތަކުގައި ތިބޭ މީހުންވެސް ގިނަ ފަހަރު ވަޒީފާ އަދާކުރަނީ ކޮންމެވެސް މަޖުބޫރީ ހާލަތެއްގައެވެ. ކުރާ މަސައްކަތެއް ކުރަނީކީ ކޮންމެހެން ކުރާ ހިތަކުންނޫނެވެ. ވަރަށްގިނަ ސަބަބުތަކާ ހުރެއެވެ. ވަޒީފާގެ މާހައުލާބެހޭ ޢިލްމީ ދިރާސާތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި ހެދިފައިވިޔަސް ރާއްޖޭގައި މިފަދަ ކަންކަން ކުރަން ޝައުގުވެރިވާ މީހުން މަދުވުމާއި ފަންޑިން ލިބުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ވަޒީފާގެ މާހައުލާބެހޭ ގިނަ އިލްމީ ދިރާސާތަކެއް ރާއްޖޭގައި ހެދިފައެއްނެތެވެ. އެހެންކަމުން ރާއްޖޭގެ ގިނަ މުވައްސަސާތަކަކީ ނުވަތަ އިދާރާ ތަކަކީ ހުންގާނުނެތް އޮޑިފަހަރު ފަދައިން ދަތުރު ކުރަމުންދާ ތަންތަން ކަމުގައި ސިފާ ކުރެވިދާނެއެވެ. އޮފީސްތައް އުފައްދާ މަޤުސަދުތަކާއި އެމަގުސަދު ހާސިލު ކުރުމަށް ވަޒީފާތަކަށް ވައްދާ މުވައްޒަފުންގެ އަދަދާއި ފެންވަރާ އޮފީހުގެ މިސްރާބު ބައްޓަން ކުރާގޮތާއި، އޮފީހުގެ އިސްފަރާތްތަކުގެ ގާބިލުކަން އޮފީހުގެ މަގުސަދުތައް ހެޔޮ މިސްރާބުގައި ހާސިލު ކުރުމުގައި އިސްދައުރެއް އަދާކުރެއެވެ. އޮފީހުގެ ލަނޑުދަޑިތައް ހާސިލް ކުރުމަށް އޮފީހުގެ މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންފަދަ ގިނަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ރާއްޖޭގައި ދެވޭތަނެއްނާދެއެވެ. އޮފީސް މާހައުލަކީ ސިޔާސީ އެކިއެކި ކަންކަމުގައި ޣަރަވަމުންދާ، އަދި ޕްރޮފެޝަނަލިޒަމް ނެތެމުންދާ ތަންތަން ކަމުގައި ފެންނުން ދަނީ އާންމުވަމުންނެވެ.