Thursday, July 3, 2008

މުސާރަ ކުޑަކުރުމުގެ އަގުވަޒަންކުރުން

ކުޑަކޮށް ބްލޮގާ ދުރުގައި އުޅެލުމަށް ފަހު އަނެއްކާވެސް ކުޑަކޮށް ކައިރިވެލާނަމެވެ. މިފަހަރުގެ މައުޟޫއަކަށް މިވީ ގައުމުގެ އިގްތިސާދެވެ. އެހެންވާ ޖެހުނު ސަބަބަކީ ހަފްތާގެ ބޮޑެތި ފަލަ ސުރުޚީތަކަށް ބަލާލިއިރު ޗާޓުގެ އެންމެ ކުރީގައި އޮތީ ހަމަ އިގްތިސާދާ، އިންފްލޭޝަނާއި މަޖިލީހުގެ މެމްބަރުން އިއްޒަތްތެރި މުސާރަފުޅާ، ޓީޗަރުންގެ ޗޮކްލެޓްކާވައްތަރުގެ ބަނޑުހައިހޫނު ކަމުގެ ހަލުތާލާ ރައީސްގެ މުސާރަ ފުޅު ބޮޑު ނުކުރުމަށް އެމަނިކުފާނު ނުހަނު އިހްލާސްތެރިކަމާއެކު އެދިވަޑައިގަތުމާ މިކަހަލަ މިކަހަލަ ވާހަކަ ތަކަކަށް ވާތީއެވެ.
ގައުމުގެ ވަޒީރުންގެ އިހްލާސްތެރިކަމަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން ރައްޔިތުންނަށް މަޖުބޫރު ކުރުވައިފިއެވެ. ގައުމުގެ އިޤްތިސާދު ދަށަށްދާ ކަމަށް ހަމަ އެބޭފުޅުންނަށް ވިސްނިވަޑައި ގަތުމާއެކު އެއްވެސް ޖެހިލުމެއްނެތި ކެތްތެރިކަމާއެކު އެބޭފުޅުން ގެ މުސާރަފުޅުން ފަނަރަ ޕަސަންޓް އެގުރުބާން ކުރައްވަނީ ރައްޔިތުން ހައްގުގައެވެ. މިފަދަ އިހްލާސްތެރި ކެބިނެޓެއް އެކުލަވާ ލައްވާފައިވާތީ ލޮބުވެރި އިއްޒަތްތެރި ޒައީމަށާއި އެމަނިކުފާނުގެ އިހްލާސްތެރި ވަޒީރުންނަށް ކޮޅުނެތް ކޮޅަށް ޝުކުރުހުއްޓެވެ. މުސާރަ ފުޅު ކުޑަކުރުމުން އެކަމުގެ ވޭން ވަޒީރުންގެ ތެރެއިން އިހްސާސް ކުރައްވަން ޖެހޭނެކަމަށް ފެންނަނީ ވަޒީރުކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެއްވޭނެތީ އަމިއްލަ ވިޔަފާރިތަކުގައި އެއްގޮތަކަށްވެސް މިހާރު ނޫޅުއްވާ ވަޒީރުންނަށެވެ. އެބޭފުޅުންގެ މުސާރާފުޅުން ކުޑަވެގެންދާބައި ހޯދައިދިނުމުގައި ރައްޔިތުންގެ ފަރާތުން އެހީތެރިކަން އެބޭފުޅުން ބޭނުންފުޅުވާނެ ކަމަށް ފެނެއެވެ. އެހެންވުމާއެކު އަހަރެންގެ އިލްތިމާސްއަކީ، ވަޒީރުންގެ މުސާރަ ކުޑަކުރުމުން އެބޭފުޅުންނަށް ލިބޭ ނިކަމެތިކަން ފިލުވާލުމުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެކަށީގެން އެއްބާރު ލުމެއްދެއްވުމެވެ. އެއީ، ވަޒީރުންގެ ހުރިހާ މަސައްކަތަކީވެސް އަތޮޅުތައް ތަރައްގީކުރުންކަމަށްވާތީއެވެ.
އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުވިދާނެ އެހީތެރިކަމަށްބަލާއިރު، ވަޒީރުންގެ ގޭގެއަށް ބޭނުންވާނެ ކާށި، އޮޅުއަލަ، ބަނބުކެޔޮ، މުރަނގަތޮޅި، ރިހާކުރު، ދޮންކެޔޮ ފަދަ ބާވަތްތައް ލިބޭ މިންވަރަކުން ވަޒީރުންގެ ގޭގެއަށް ފޯރުކޮށް ދެއްވައިފިނަމަ މުސާރައިން ފަނަރަ ޕަސަންޓް ކުޑަކުރުމުގެ ސަބަބުން އެބޭފުޅުންނަށް ލިބިގެންދާނެ މާލީ ގެއްލުންތަކުން ސަލާމަތް ވެވިދާނެއެވެ. މާލީ ނުތަނަވަސް ކަމަކީ އަނބިމީހާ ވަރަށް ނުރުހުންވާ ކަމެއްކަމަށް ވެއެވެ. އެހެންވީމާ އެބޭފުޅުންގެ އާއިލާތައްރޫޅި ގައުމު އިތުރު ނުތަނަވަސް ކަމެއް ފެތުރުމުން އެކަމުގެ ވޭން އެބޭފުޅުންނެކޭ އެއްގޮތަށް ތިޔަ ރައްޔިތުންވެސް ތަހައްމަލް ކުރަންޖެހޭނެއެވެ. އެހެންވުމާއެކު އެކަމަށް މުސާރަ ކުޑަކުރާ ދުވަހުން ފެށިގެން ތަކެތި ހަދިޔާ ކުރުމުގެ ބައި ކުރިއަށް ގެންގޮސް ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. މިގޮތުންވެސް އެންމެ ބޮޑަށް އެހީވާން ފެންނަނީ އަމިއްލަ ވިޔަފާރިތައް ދޫކޮށްލާ ހުރިހާ ވަގުތެއް ރައްޔިތުންނަށްޓަކައި ހުސްކޮށް ދެއްވާ ހާއްސަކޮށް ރެއާދުވާލުގެ ހުރިހާ ވަގުތެއް ރައްޔިތުންނަށް ހާއްސަކުރައްވާފައިވާ ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމާއި، ޔޫތު މިނިސްޓަރ ޑީންއާއި، ފިޝަރީޒް މިނިސްޓަރ ހިލްމީއާއި، އެޓޮލްސް މިނިސްޓަރ ތަސްމީނާއި، ހައުސިންގ މިނިސްޓަރ ރަފީގުއާއި މިފަދަ ބޭފުޅުންނަށެވެ. އެބޭފުޅުން ރައްޔިތުންގެ ހިދުމަތަށް ނުކުންނެވުމާއެކު އެއްގޮތަކަށްވެސް އަމިއްލަ ވިޔަފާރީގެ ކަންކަން ބައްލަވާވެސް ނުލެއްވޭނެތީއެވެ.

No comments: