Wednesday, January 2, 2008

ނަޝީދުއާއި ޝަހީދުގެ ކޯޅުން

މިއީ ހިޔާލީވާހަކައެކެވެ. މި އަންނަ ރޯދަމަހު ކުރުވާހަކަ މުބާރާތަށް ލިޔަމުންދާ މިވާހަކަ ކިޔުންތެރިންނާ ހިއްސާކޮށްލީއެވެ.
ސޭކުސްތާނުގައި ޝަހީދަކާއި ނަޝީދެއް އުޅުނެވެ. ޝަހީދަކީ ޑޮކްޓަރެކެވެ. ނަޝީދަކީ އުސްތާޒެކެވެ. މިދެމީހުންނަކީވެސް ވަރަށް ހިންގުންތެރި ކިޔަވައިގެންތިބި ދެމީހުންނަށްވީތީ ސޭކުސްތާނުގެ ރަސްގެފާނު އެދެމީހުންނާ ވަރަށް ހިތްޕުޅާ ހަމަކުރައްވާ ސޭކުސްތާނުގެ ރަސްކަމުގެ ދަރުބާރުން އިސްވަޒީރުކަން ދެމީހުންނަށްވެސް ދެއްވައިފިއެވެ. އެދެމީހުން މިކަމަށްޓަކައި ރަސްގެފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް ރަސްގެފާނުގެ ފިޔަވަޅުމަތިން ހިނގަން ފައްޓަވައިފިއެވެ. ޝަހީދަށް ރަސްގެފާނު ދެއްވީ ސޭކުސްތާނުގެ ބޭރާ ބެހޭ ވަޒީރުކަމެވެ. ނަޝީދަށް ސޭކުސްތާނުގެ ނޫސްތަކާބެހޭ ވެރިކަމާއި ސޭކުސްތާނުގައި ހުރި ހަމައެކަނި ރޭޑިޔޯއާއި ޓީވީ ސުޓޭޝަންގެ ވެރިކަމެވެ.
ޝަހީދަކީ އާދަޔާހިލާފަށް މީހުންނާ ގުޅުން ބޮޑު ހާއްސަކޮށް މީޑިޔާއާއި ނޫސްތަކާ ގުޅުންބޮޑު މީހެކެވެ. ބޭރުފުށުން ދެމީހުންވެސް ވަރަށް ގުޅޭހެން ހީވެއެވެ. ސޭކުސްތާނުގެ މީހުން ގަބޫލުކުރަނީ ދެމީހުންނަކީ ވެސް ރަސްކަމުގެ ދަރުބާރުގައި ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރާ ދެމީހުންކަމަށެވެ. ނަމަވެސް ސޭކުސްތާނުގެ ބައެއްމީހުންނަކީ ބޭރުފުށުން ކިތަންމެ ރަނގަޅު ހެންހީވިއަސް އެތެރެފުށުގައި އަލިފާން ގަނޑު އަދައަދާ ތިބޭ އަދި އެކަކު އަނެކަކަށް ލަނޑެއްދޭނެ ފުރުޞަތަކަށް ބަލަބަލާ ތިބޭބަޔެކެވެ. މިލިސްޓުގައި އެދެވަޒީރުން ހިމެނޭކަމެއް ސަހަރުގެ ގިނަ މީހުންނަކަށް ނޭންގެއެވެ. އަދި ބުނެވޭގޮތުން އެދެމީހުންވެސް ނިސްބަތްވަނީ ދަރުބާރުގައި ހިމެނޭ އާސޭކުސްތާނު ޖަމާއަތަށެވެ. ނަމަވެސް ނަޝީދު އާސޭކުސްތާނު ޖަމާއަތާވަކިވެ އެކަހެރި ދިރިއުޅުމެއް އުޅުއްވަން ފައްޓެވިކަން ދަރުބާރުގެ ބޮޑުންނަށް އެނގެއެވެ. އަދި ޝަހީދު ސޭކުސްތާނުގައި ކުރިން ކުރި މަސައްކަތާ ނޫސްތަކާ އޮތް ގާތްކަމެއްގެ ސަބަބުން މިހާރުވެސް ޝަހީދަކީ ނަޝީދަށް މާ ކަމުދާ މީހަކަށް ނުވިއެވެ.
މިގޮތުން އެއްދުވަހަކު ނަޝީދު ވަރަށް ކޯފާވެ ޝަހީދަށް ވަރު ގަދަ ފަތްކޮޅެއް ފޮނުވައިފިއެވެ. މިފަތްކޮޅުގައި ނަޝީދުގެ ހިތުގައި އޮތް އުދާސްގަނޑު ބޭރުކޮށްލައިފިއެވެ. ސޭކުސްތާނުގެ ނޫހެއްގައި އެސިޓީ ޝާއިއުކުރުމުން ސޭކުސްތާނުގެ ރައްޔިތުންނަށްވެސް ކަމުގެ ހަގީގަތް އިނގިއްޖެއެވެ. ސޭކުސްތާނުގެ ރަސްގެފާނަކީ ވަރަށް އިލްމުވެރި ޒާހިދު ބޭފުޅަކަށްވާތީ އެފަދަ ކޯޅުންތަކާ މާބޮޑަށް އަޅުއްވާލައްވާކަށް ރަސްގެފާނަކަށް ވަގުތެއްނޯވެއެވެ. ރަސްގެފާނު އެންމެ ބޮޑު ވަރަކަށްވެސް ހުރިހާކުދިން ބަސްއަހައިގެން ރަނގަޅަށް އުޅުމަށް ނަސީހަތް ދެއްވައެވެ. ބޯހަރު ކުދން އެވާހަކަ އަޑެއްނާހައެވެ.
ސޭކުސްތާނުގެ ރަސްކަމުގެ ދަރުބާރު ގެ ކަންކަމާ ހިތްހަމަ ނުޖެހިގެން އާސޭކުސްތާނު ގްރޫޕުގެ ބައެއްމީހުން ރަސްގެފާނަށް މަލާމާތް ކުރުމަށްފަހު ވަޒީރުކަން ދޫކޮށްލައި އާންމު ދިރިއުޅުން ހިޔާރު ކޮށްފިއެވެ. ޝަހީދުވެސް ދަރުބާރުން އޭނާ ބޭރުކުރަން ފެއްޓުނު މަސައްކަތް ތަކެއް ކާމިޔާބު ވިޔަ ނުދިނުމަށް ރަހްމަތް ތެރިންނާއެކު މަގާމު ދޫކޮށް ވަޑައިގެންފިއެވެ.
މައްސަލަތައް ތިލަވާން ފެއްޓި އެހިސާބުންނެވެ. ސޭކުސްތާނުގެ ދަރުބާރުގައި ކޮށްފައިވާ ބައެއް ކަންކަން ފަޅާއަރަން ފަށައިފިއެވެ. ޝަހީދު ބުނާގޮތުން އޭނާ ކުރި ކޮންމެ ކަމެއްވެސް ކުރީ ރަސްގެފާނުގެ އަމުރަށެވެ. ނަމަވެސް ރަސްގެ ފާނަކީ ހުލްގުހެޔޮ މަޑުމަތިރި ރަސްކަލަކަށްވާތީ މީހަކު އަދި އެއްޗެއް ކިޔަކަސް ޖަވާބު ދިނުމަކީ ރަސްގެފާނު މާ ކުރާހިތްވާ އަދި ކުރައްވާ ކަމެއްނޫނެވެ.
ސޭކުސްތާނުގައި ގޮތްނޭނގޭ ގޮތަކަށް މަރުވެފައިވާ މީހަކު މޫދުން ހޮވިއެވެ. އެއްބަޔަކު ބުނަނީ އޭނާ މަރުވީކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ މަރާލީ ކަމަށެވެ. ހަގީގަތް ދެނެވޮޑީގެން ވަނީ ހެއްދެވި ފަރާތެވެ. ދެންއެކަން ކުރި ބަޔެކެވެ. އޭނާ މަރުގެ މައްސަލަ ބަލާ ތަހްގީގު ކޮށް ހެދުމުގައި ޕޯސްޓު މޯޓަމެއް ހަދާފިއެވެ. އޭނަ މަރުވުމުގެ ކުރިން ހިނގި އެއްވެސް ކަމަކާ ގުޅުމެއް ނެތަސް ޕޯސްޓްމޯޓަމް ހެދީ އަވަށްޓެރި ޝަހަރަކުން ކަމަށްވާތީ ޝަހީދުއެ ކަމުގައި ހަރަކާތްތެރި ވިއެވެ. ޕޯސްޓްމޯޓަމް ގެ ރިޕޯޓު ލިބުމުން އެކަން ޝަހީދު އާންމު ކުރައްވައިފިއެވެ. މިކަމާ ނަޝީދާއި އެހެން ބައެއްމީހުން ކޯފާވިއެވެ. ޝަހީދު ބުނަނީ އޭނާ އެކަން ކުރީ ރަސްގެ ފާނު އަންގައިގެން ކަމަށެވެ. ނަމަވެސް ނަޝީދާއި ދަރުބާރުގެ ވާހަކަ ގޮވާ މީހާ ބުނަނީ ޝަހީދު ގާތު ރަސްގެފާނު އެކަންކުރަން ނުބުނާކަމަށެވެ. އެކަމަކު ޝަހީދު ބުނަނީ ބުނި ކަމަށެވެ. މޫދުން ހޮވި މީހާގޭ މައްސަލާގައި ސޭކުސްތާނުގެ ސިޔާސީ އިދިކޮޅު ޕާޓީގެ ބޮޑުމީހާ ހައްޔަރު ކުރިކަމަށް ޝަހީދު ބުނާ ވާހަކަޔާއި ނަޝީދު ބުނާ ވާހަކަ ވެސް ދިމަލެއް ނުވެއެވެ. ނަޝީދު އަތުގައި ޝަހީދު ފަރަންޖީ ޖަމާއަތެއްލައްވާ ވެފައިވާ ހިޔާނާތަކާބެހޭ ލިއުންތަކެއްގެ ފޮޓޯވެސް ހުރިކަމަށް ބުނެއެވެ. ޝަހީދު ބުނަނީ ތިޔަ ހުރި އެއްޗެއް ސޭކުސްތާނުގެ އާންމުންނަށް ދައްކާ މައްސަލަ ޝަރީއަތަށް ފޮނުވުމަށެވެ. ޝަހީދަކީ ބިރުކުޑަ ސޮރެކެވެ، ނަމަވެސް ނަޝީދު އެބުނާ އެއްޗެއް ދައްކާކަށް ބޭނުމެއް ނުވިއެވެ.ފަހަރެއްގައި އަދި ވަގުތު ނުޖެހެނީ ކަމަށްވެސް ވެދާނެއެވެ. ސޭކުސްތާނުގެ އާންމު ރައްޔިތުންނަށް އަބަދުވެސް ޖެހެނީ ކުޅިބަލަން ތިބޭށެވެ. މިފަހަރުވެސް ކުޅި ބަލަން ތިބެމާ ހިނގާށެވެ.

No comments: